Roadha Mihaaru

އިދިކޮޅު ލީޑަރުންގެ ފޮޓޯ ނައްޓަން ދިމާކުރުމަކީ ބަލި ގަބޫލުކުރުން: އަލީ ހުސެއިން

އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކެމްޕެއިން ގައި ތަތްކުރި، ޖަލު ހުކުމްގައި ތިބި އިދިކޮޅު ލީޑަރުންގެ ޕޯސްޓަރު ނައްޓަން ފުލުހުން ދިމާ ކުރުމަކީ ސަރުކާރުން ބަލި ގަބޫލު ކުރުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

ލީޑަރުންގެ ފޮޓޯ ނައްޓަން ދިމާކުރުމަކީ ބަލި ގަބޫލުކުރުން
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

04 އޯގަސްޓް 2018

އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކެމްޕެއިން ގައި ތަތްކުރި، ޖަލު ހުކުމްގައި ތިބި އިދިކޮޅު ލީޑަރުންގެ ޕޯސްޓަރު ނައްޓަން ފުލުހުން ދިމާ ކުރުމަކީ ސަރުކާރުން ބަލި ގަބޫލު ކުރުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތަކުގައި، އިދިކޮޅު ލީޑަރުގެ ޕޯސްޓަރު ތަތްކުރުމާ ގުޅިގެން، ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ޝަރުއީ ހުކުމެއް ތަންފީޒު ކުރާ މީހުން ޕްރޮމޯޓްކޮށް، އެ މީހުންގެ ފޮޓޯ އާއި މައުލޫމާތު ނޫސްތަކުގައި ނުޖެހުމަށާއި ސިޔާސީ ޕާޓީތަކުން ވެސް އެފަދަ ފަރާތްތަކުގެ ވާހަކަ ނުދެއްކުމަށް އަންގައިފަ އެވެ. އަދި ގައިދީން ޕްރޮމޯޓް ކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ނެރުނު ބަޔާނުގައި ވަނީ ދީފަ އެވެ.

އަލީ ހުސެއިން މިއަދު ކުރެއްވި ޓުވީޓު.

ފުލުހުންގެ އެ އިންޒާރާ ގުޅިގެން، ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަލީ ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ ލީޑަރުންގެ ފޮޓޯތައް ވަރަށް ގިނަ ވާނެ ކަމަށެވެ. އަދި ފުލުހުން ނުކުމެ، އެ ފޮޓޯތައް ނައްޓަން ދިމާކޮށްފި ނަމަ، އޭގެ މާނަ އަކީ ސަރުކާރުން ބަލި ގަބޫލު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހުސްނުއް ސުއޫދު ކުރެއްވި ޓުވީޓު.

ކުރީގެ ބަންޑާރަ ނައިބު، އަދި ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވީ، ހަތަރު ލީޑަރުން ހައްޔަރުކޮށް، ދައުލަތުން ކުރީ ސިޔާސީ ދައުވާތަކެއް ކަމަށެވެ. ރިޔާސީ އިންތިހާބުގައި އިބޫ އަށް ވޯޓު ދީފި ނަމަ، އެ ހަތަރު ލީޑަރުން ވެސް މިނިވަން ވާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

"އެހެން ނޫނީ ކުރިއަށް އޮތް ފަސް އަހަރު އެބޭފުޅުން ތިއްބަވާނީ ޖަލުގައި. އަޅުގަނޑު މި ވާހަކަ ދެއްކީމަ، ފުލުހުން މި މައްސަލަ ތަހުގީގު ކުރަންވީ،" ސުއޫދު ވިދާޅުވި އެވެ.

އިދިކޮޅު ކެންޑިޑޭޓް އިބޫގެ ކެމްޕެއިނުގައި ބޭނުން ކުރާ ޕޯސްޓަރުތައް އިއްޔެ އާންމު ކުރި އިރު އޭނާގެ އިތުރުން އިދިކޮޅު ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރިގެ ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ޝައިޚް އިމްރާން އަބްދުﷲގެ ފޮޓޯ ވެސް ޕޯސްޓަރުތަކުގައި ހިމެނެ އެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަ ގޮތުގައި، ހަތަރު ލީޑަރުންގެ ފޮޓޯތައް އާންމު ކުރަނީ ކޯލިޝަންގެ ބަދަހިކަމާއި ވަރުގަދަ ކަން ދެއްކުމުގެ ގޮތުންނެވެ.

ހަތަރު ލީޑަރުންގެ ތެރެއިން މައުމޫން ހުންނެވީ ޖަލުގަ އެވެ. ހުކުމެއްގައި ތިއްބެވި ނަޝީދާއި ގާސިމް އުޅުއްވަނީ އަމިއްލައަށް އަރުވާލެވިގެން ރާއްޖެ އިން ބޭރުގަ އެވެ. ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލަށް ހުކުމްކޮށްފައިވާ އިމްރާން މި ވަގުތު ހުންނެވީ ގޭ ބަންދުގަ އެވެ.