ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން، މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު، ޖަލު ހުކުމުގައި ތިއްބެވި ސިޔާސީ ހުރިހާ ލީޑަރުން މިނިވަން ކުރާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
15 ޖުލައި 2018
ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން، މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު، ޖަލު ހުކުމުގައި ތިއްބެވި ސިޔާސީ ހުރިހާ ލީޑަރުން މިނިވަން ކުރާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން، އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަށް ވަނީ ބޮޑެތި ޖަލު ހުކުމްތަކެއް އައިސްފަ އެވެ.
އިދިކޮޅު ހަތަރު ލީޑަރުންގެ ތެރެއިން، ރާއްޖެ އިން ބޭރުގައި މިވަގުތު ތިއްބެވީ ނަޝީދާއި ގާސިމް އެކަންޏެވެ. ދެ ބޭފުޅުން، ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް، ދިރިއުޅުއްވަނީ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ރާއްޖެ އިން ބޭރުގަ އެވެ. މައުމޫން ޖަލުގައި ހުކުމް ތަންފީޒު ކުރައްވާއިރު، އިމްރާން މިވަގުތު ވަނީ ޖަލުން ގެ އަށް ބަދަލުކޮށްފަ އެވެ.
އައްޑޫ މަރަދޫ ޖަގަހަ ހުޅުވުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ، ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ސިޔާސީ ލީޑަރުންނަށް ކުރިމަތި ނުލެއްވޭ ގޮތަށް ހެދީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އެހެންވެ، ޖަލުގައި ތިބި ސިޔާސީ ލީޑަރުން މިނިވަންކޮށް ދިނުމަށް އިބޫ ވަނީ ރައީސް ޔާމީނަށް ގޮވާލައްވައިފަ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބޫ ވިދާޅުވި ގޮތުގައި، ސިޔާސީ އިދިކޮޅު ލީޑަރުންނަށް ބައިވެރި ނުވެވޭ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބެކޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ.
އިދިކޮޅު ސިޔާސީ ހަތަރު ލީޑަރުން: މި ހުރިހާ ބޭފުޅުންނަށް ވެސް ތަފާތު މައްސަލަތަކުގައި ވަނީ ޖަލު ހުކުމް އައިސްފައި.
"ރައީސް މައުމޫން ޖަލުގައި އިންނަވަން ވީ ސަބަބެއް ނެތް. ނަޝީދާއި ގާސިމަށް ރާއްޖެ ނާދެވެން ވީ ސަބަބެއް ނެތް. އިމްރާން ޖަލުގައި އިންނެވި ސަބަބެއް ނެތް. އެއީ ކުށްވެރިންނެއް ނޫން. އޭގެ އިތުރުން، އިސްލާހީ މަސައްކަތުގައި ހަރަކާތްތެރިވި އެތައް ބައެއް ވަނީ ނުހައްގުން ހުކުމްކޮށް ޖަލަށް ލެވިފައި. އެއީ އަޅުގަނޑުމެން ގަބޫލު ކުރާނެ ކަމެއް ނޫން،" އިބޫ ވިދާޅުވި އެވެ.
"ތިޔަ ބޭފުޅުން ކުރައްވާ މަސައްކަތާ އެކު، ނޮވެމްބަރު 17 ވަނަ ދުވަހު އެކުލަވައިލާ ސަރުކާރުގެ ފުރަތަމަ ދުވަހު އެ ހުރިހާ ބޭފުޅުން [ސިޔާސީ ހުރިހާ ލީޑަރުން] މިނިވަން ވެގެން ދާނެ."
މި އަހަރުގެ ނޮވެމްބަރު 17 އަކީ އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވާ ގޮތުން ނަމަ، ރައީސް ޔާމީންގެ ރިޔާސީ ދައުރު ހަމަވާ ދުވަހެވެ. އެހެންވެ، މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅެއްގެ ދައުރު ފެށޭނީ އެ ދުވަހު އެވެ.
އިބޫ ވިދާޅުވީ ރާއްޖޭގައި އަދުލު އިންސާފު ގެއްލި، ބިރުވެރިކަމެއްގެ ތެރޭގައި ރައްޔިތުން މަސައްކަތް ކުރަމުން ދާ ކަމަށެވެ. ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރާ މީހުންނަށް އެ މީހަކު ހިޔާރު ކުރާ ޕާޓީއަކާއި ކުލައަކަށް ތާއީދު ކުރުމުގެ ފުރުސަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވެރިކަން ނިންމުމަށް މަދު ދުވަސްކޮޅަކަށް ވެފައިވާ ކަމަށާއި ސަރުކާރުގެ ވަޒީފާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ބިރުގަނެ ޖެހިލުން ވެފައި ނުތިބުމަށް ވެސް އިބޫ ވަނީ އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑު ޔަގީންކޮށް މި އަރުވަނީ އަޅުގަނޑުމެން ނޮވެމްބަރު 17 ވަނަ ދުވަހު އެކުލަވާލާ ސަރުކާރުން، މިއަދު ސިޔާސީ ހަރަކާތްތަކަށް ނުކުމެގެން ވަޒީފާ އިން ވަކިކުރެވޭ އެންމެންނަށް އަނބުރާ ވަޒީފާ ދޭނަން. އަދި ވަޒީފާ އިން ވަކި ކޮށްގެން ލިބޭ ގެއްލުންތަކުގެ ބަދަލު، އެ ހުރިހާ އެންމެންނަށް ދޭނަން. ފަހަތަށް ޖެހިވަޑައިނުގެން އަޅުގަނޑުމެންނާ އެކު، ނުކުމެ މި މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާ،" އިބޫ އެދިވަޑައިގަތެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީތަކުން ނުކުމެ ތިބީ ސިޔާސީ މަސައްކަތެއް ކުރާކަށް ނޫނެވެ. ރާއްޖޭގައި އަދުލު އިންސާފެއް ނެތްއިރު، ކޮރަޕްޝަނާއި ފަސާދަ އިތުރުވެފައިވާ ކަމަށާއި އެހެންވެ އިދިކޮޅު ޕާޓީތަކުން ނުކުމެ ތިބީ އެކަން ކަން ބަދަލު ކުރުމަށް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
ލީޑަރުންގެ އެއްބަސްވުން "ސިއްރު"؟!
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
ކޯލިޝަން "ރޫޅި" އެ ތަޖުރިބާ! ހައްލެއް ނެތް؟
އެމްޑީޕީ އާ ހެދި ކޯލިޝަންގައި ފުރަތަމަ ރެނދު އަޅައިފި
ވަކިވަކިން އެއްބަސްވެފައިވާ އެއްބަސްވުމެއް އެބައޮތް
ގޮނޑިތަކާ ބެހޭގޮތުން އެއްބަސްވުމެއް ނޯންނާނެ: ހަސަން
އާ ސަރުކާރު: އުއްމީދުތައް ހާސިލްވެދާނެތަ؟
ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން އެއްބަސްވި: މައުމޫން
ކާމިޔާބު ފޯމިއުލާއަކީ ކޯލިޝަން: ޖަމީލް
އިބޫ، އިމްރާންއާ ބައްދަލު ކުރައްވައިފި