Roadha Mihaaru
ޝާހްރުކްގެ ޚާއްސަ ހަދިޔާއެއް ސަލްމާން ޚާނަށް

ޝާހްރުކްގެ ޚާއްސަ ހަދިޔާއެއް ސަލްމާން ޚާނަށް

06 ޖުލައި 2017

ސަލްމާން ޚާންގެ "ޓިއުބުލައިޓް" ގައި ޝާހްރުކް ޚާން މެހެމާނެއްގެ ރޯލު ވަނީ އަދާކޮށްދީފަ އެވެ. އެހެންކަމުން ޝާހްރުކްގެ ހެޔޮކަމުގެ ބަދަލު ސަލްމާން ދެނީ ޝާހްރުކް މިހާރު ކުޅެމުން އަންނަ އާނަންދް އެލް.ރާއީގެ ފިލްމަށް ޚާއްސަ ލަވައެއް ކުޅެދީގެންނެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ސަލްމާން ޚާންގެ "ޓިއުބުލައިޓް" ގައި ޝާހްރުކް ޚާން މެހެމާނެއްގެ ރޯލު ވަނީ އަދާކޮށްދީފަ އެވެ. އެހެންކަމުން ޝާހްރުކްގެ ހެޔޮކަމުގެ ބަދަލު ސަލްމާން ދެނީ ޝާހްރުކް މިހާރު ކުޅެމުން އަންނަ އާނަންދް އެލް.ރާއީގެ ފިލްމަށް ޚާއްސަ ލަވައެއް ކުޅެދީގެންނެވެ.

ޝާހްރުކްގެ ފިލްމުގައި ސަލްމާން މެހެމާނެއްގެ ރޯލު އަދާކޮށްދޭން ޝާހްރުކް އެދުނު ނަމަވެސް ހަގީގަތުގައި މިއީ ސަލްމާނަށް އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ. ސަބަބަކީ އޭނާގެ ޝެޑިއުލްތައް ހުރި ގޮތުން އެންމެ ދުވަހެއް ވެސް ހުހަށް ނެތީމަ އެވެ.

ނަމަވެސް ދުވަސްތަކަކު ރުޅިން ތިބުމަށްފަހު އަލުން އެކުވެރިކަން ބަދަހިވި ފަހުން މި ދެ އެކްޓަރުން ވެސް މިހާރު އެކަކު އަނެކަކަށްޓަކައި ކަންތައްތައް ކޮށްދޭން ކޮންމެ ފަދަ ގުރުބާނީ އެއް ވާން ވެސް ތިބެނީ ތައްޔާރަށެވެ. އެގޮތުން ޝާހްރުކް އެދުނު ގޮތަށް އޭނާގެ ފިލްމުގައި މެހެމާނެއްގެ ރޯލު ކުޅެދޭން ސަލްމާން އެއްބަސްވީ އޭނާގެ މުޅި ޝެޑިއުލް އެއްކޮށް ކަހަލަ ގޮތަކަށް ބަދަލުކޮށް އަންގާރަ ދުވަސް ޝާހްރުކްގެ ފިލްމުގެ ލަވަ ކުޅެދޭން ހުސްކުރި އެވެ.

އަދި އެ ދުވަހު ވަނީ ޝާހްރުކް އާއި ސަލްމާން ގުޅިގެން އެ ލަވައިގެ ޝޫޓިން ކުރިޔަށް ގެންގޮސްފަ އެވެ. ސަލްމާން ކޮށްދިން މި ހެޔޮކަމުގެ ބަދަލު ޝާހްރުކް އަދާކުރީ ވެސް ހަމަ އެހާ ފުރިހަމައަށެވެ. އޭނާ ވަނީ އެންމެ މިޒަމާނުގެ އަގުބޮޑު އެހާމެ އަރާމު ކާރެއް ސަލްމާނަށް ހަދިޔާ ކޮށްފަ އެވެ.

ފިލްމާ ގުޅުން ހުރި މީހަކު ޓައިމްސް އޮފް އިންޑިއާ އަށް ކިޔައިދިން ގޮތުގައި އަންގާރަ ދުވަހު ކަނޑައެޅިފައިވާ ގަޑިއަށް ސަލްމާން އޭނާ ކުޅެން ހަމަޖެހިފައިވާ ލަވައިގެ ޝޫޓިންއަށް ދިޔުމާއެކު ޝާހްރުކް ވަނީ ކާރު ހަދިޔާކޮށްގެން ސަލްމާނަށް ވަރަށް ބޮޑު ސަޕްރައިޒެއް ދީފަ އެވެ. މި ކާރަކީ އަލަށް ބާޒާރަށް ނެރެފައިވާ ކާރެކެވެ. މިކަހަލަ ކާރެއް އަދި އިންޑިއާގެ އެއްވެސް މީހެއްގެ އަތުގައި ނެތް ކަމަށްވެ އެވެ.

ޝާހްރުކް މިފަދަ ކަމެއް ކޮށްފާނެ ކަމަށް ހީނުކުރާތީ މި ކާރު ފެނިފައި ސަލްމާނަށް ޝޮކެއް ލިބުނު ކަމަށް މައުލޫމާތު ދިން މީހާ ބުނެފައިވެ އެވެ. ނަމަވެސް ސަލްމާންގެ ބިޒީ ޝެޑިއުލް މުޅިން ބަދަލުކޮށް މި ފިލްމުގައި މެހެމާނެއްގެ ރޯލު އަދާކުރަން ވަގުތު ހުސްކުރުމުން އެކަމުގެ އަގު ވަޒަންކޮށް އޭނާއަށް ހަދިޔާއެއް ދޭން ޝާހްރުކް ހަގީގަތުގައި ވެސް ބޭނުންވީ އެވެ.

މި ލަވައިގެ ޝޫޓިން ނިންމާލުމަށް ފަހު ސަލްމާން ހަމަ އެ ދުވަހު "ޓައިގާ ޒިންދާ ހޭ"ގެ އަނެއް ޝެޑިއުލް ފެށުމަށްޓަކައި މޮޮރޮކޯއަށް ވަނީ ފުރާފަ އެވެ. މި ތަނުގައި ޝޫޓްކުރުމުގެ ހުރިހާ ކަމެއް ދުރާލާ ޑައިރެކްޓްރު އަލީ އައްބާސް ޒަފަރް ވަނީ ތައްޔާރުކޮށްފަ އެވެ. އަދި ފިލްމުގެ ބަތަލާ ކެޓުރީނާ ވެސް ވަރަށް އަވަހަށް މޮރޮކޯ އަށް ގޮސް ސަލްމާނާ އެކު ޝޫޓިން ފަށާނެ އެވެ.

މުމްބައިގައި އާނަންދް އެލް.ރާއީގެ ފިލްމުގެ ޝޫޓިން ޝާހްރުކް ކުރިޔަށް ގެންދާނެ އެވެ. އަދި އެއާ އެކު އޭނާގެ އަލަށް ރިލީޒްވާން ތައްޔާރުވަމުންދާ "ޖަބް ހެރީ މެޓް ސޭޖަލް"ގެ ޕްރޮމޯޝަން މަސައްކަތްތައް ވެސް ކުރަމުން ގެންދާނެ އެވެ.