Roadha Mihaaru
ޝާހްރުކްގެ ކާމިޔާބީގެ ކްރެޑިޓް ސަލްމާންގެ އާއިލާ އަށް

ޝާހްރުކް ހާންގެ ކާމިޔާބީގެ ކްރެޑިޓް ސަލްމާން ހާންގެ އާއިލާ އަށް

05 ސެޕްޓެމްބަރ 2018

މިއަދު ފޭނުން މި ދެކޭ ޝާހްރުކް ހާން މީހަކަށް ހަދައި ދިން ބަޔަކީ ސަލްމާން ހާންގެ އާއިލާ ކަމަށް ޝާހްރުކް ހާން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިއަދު ފޭނުން މި ދެކޭ ޝާހްރުކް ހާން މީހަކަށް ހަދައި ދިން ބަޔަކީ ސަލްމާން ހާންގެ އާއިލާ ކަމަށް ޝާހްރުކް ހާން ބުނެފި އެވެ.

ސޮނީން ގެނެސްދޭ، ސަލްމާން ހޯސްޓްކުރާ "10 ކާ ދަމް" ގެ ފިނާލޭ އެޕިސޯޑްގައި ޝާހްރުކް ބުނީ މުމްބާއީ އަށް އެންމެ ފުރަތަމަ އައި އިރު އޭނާއަކީ އެއްވެސް މީހެއް ނޫން ކަމަށެވެ. އަދި އައީ ވެސް ހުސްއަތާ ކަމަށް ބުންޏެވެ.

"އެކަމަކު ގިނަ ބަޔަކު ލޯބިވާ ޝާހްރުކް ހާނަށް އަހަރެންވީ ސަލްމާންގެ ބައްޕަ ސަލީމް ހާނާއި މުޅި އެ އާއިލާ އިން އަހަންނަށް ވެދިން އެހީގެ ސަބަބުން،" ބަތަލާ ރާނީ މުކަރްޖީ ވެސް ބައިވެރިވި އެޕިސޯޑްގައި ޝާހްރުކް ބުންޏެވެ.

އޭނާ ބުނި ގޮތުގައި މުމްބާއީ އަށް ދިރިއުޅުން ބަދަލު ކުރި އިރު، އޭނާއަކީ ރަނގަޅަށް ކާލާނެހާ ވަރުގެ އާމްދަނީއެއް ވެސް ނުލިބޭ މީހެކެވެ.

ސޮނީގެ ޓްވީޓެއް.

"އޭރު އާންމުކޮށް ކައި ހެދީ ވެސް ސަލްމާންގެ ގެއިން. އަހަރެން ވަކިން ހާއްސަކޮށް ފާހަގަކުރަން ބޭނުން ސަލީމްޖީ ވެދިން އެހީތެރި ކަމަށް. އަދި އެކަމަށް އަބަދު ވެސް ޝުކުރުވެރި ވާނަން،" ސަލްމާނާ އަބަދު ވެސް ގާތް ގުޅުމެއް އޮންނަ ޝާހްރުކް ބުންޏެވެ.

ފިލްމް ދީވާނާ (1992) ގެ ސަޕޯޓިން ރޯލަކުން ބޮލީވުޑަށް ނުކުތް ޝާހްރުކް ފަހުން ބަދަލުވެގެން ދިޔައީ ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ އެންމެ މަގުބޫލު އެއް އެކްޓަރެވެ. އަދި އޭނާއަކީ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް އެކްޓަރު ވެސް މެ އެވެ.

ބޮލީވުޑްގައި މިހާރު ތިބި އެންމެ މުއްސަނދި ތަރިންގެ ތެރޭގައި ހިމެނޭ ޝާހްރުކަކީ މިހާރު "މަންނަތު" ކިޔާ ބޮޑު ގަނޑުވަރެއް ކަހަލަ އަގުބޮޑު ގެއެއް ވެސް މުމްބާއީގައި ހުރި ތަރިއެކެވެ. އަދި އޭނާއަކީ އިންޑިއާގެ އެންމެ ވަރުގަދަ އެއް ސްޓޫޑިއޯ ކަމަށްވާ ރެޑް ޗިލީޒް އެންޓަަޓައިންމަންޓްގެ ވެރިޔާ އެވެ.

ޝާހްރުކް އާއި ސަލްމާން އަދި ރާނީ އެކުގައި ފެނިގެންދާ "10 ކާ ދަމް" ގެ ފަހު އެޕިސޯޑް ބެލުންތެރިންނަށް ގެނެސް ދޭނީ އަންނަ ހަފުތާގެ ހޮނިހިރު ދުވަހުގެ ރެ އެވެ. މި އެޕިސޯޑްގެ ޓްރެއިލާ ވެސް، މިއީ ބެލުންތެރިން ވަރަށް ބޮޑަށް މުނިފޫހި ފިލުވައިލާނެ މަޖާ އެޕިސޯޑަކަށް ވާނެ ކަމަށް ގަބޫލު ކުރެވެ އެވެ.

ޝާހްރުކް ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރު 21 ގައި ރިލީޒް ކުރާ "ޒީރޯ" އެވެ.