Roadha Mihaaru
ދުވަސްތަކަކަށް ފަހު ބޮލީވުޑްގެ ތިން ހާނުން އެކުގައި

ގިނަ ދުވަސްތަކަކަށް ފަހު ބޮލީވުޑްގެ ތިން ހާނުން އެއް ތަނަކުން

04 މާޗް 2024

ގިނަ ދުވަސްތަކަކަށް ފަހު ބޮލީވުޑްގެ އެންމެ މަޝްހޫރު ތިން ހާނުން ކަމަށްވާ ސާހްރުކް ހާން އާއި ސަލްމާން ހާން އަދި އާމިރް ހާން އެއް ތަނަކުން، އެކުގައި ފެނުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ލިބިއްޖެ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު ބޮލީވުޑްގެ އެންމެ މަޝްހޫރު ތިން ހާނުން ކަމަށްވާ ސާހްރުކް ހާން އާއި ސަލްމާން ހާން އަދި އާމިރް ހާން އެއް ތަނަކުން، އެކުގައި ފެނުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ލިބިއްޖެ އެވެ.

ޝާހު އާއި ސަލްމާން އަދި އާމިރް އެކުގައި ފެނުނީ، އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ އެންމެ ހަގު ދަރިފުޅު އަނަންތު އަމްބާނީގެ ކައިވެނީގެ ކުރިން އެ އާއިލާއިން އެކި ރޭގެ މަތިން މިހާރު ބާއްވަމުން އަންނަ ބޮޑު ޕާޓީގެ ތެރެއިންނެވެ.

މި ހަފުލާތައް ފެށުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ އިންޑިއާގެ ޖާމްނަގަރުގައި ބޭއްވި އެ ޕާޓީއަށް ބޮލީވުޑާއި ހޮލީވުޑްގެ ވަރަށް ގިނަ ތަރިން ދައުވަތު ދީގެން ގެންދިޔަ އެވެ. އަދި އެ ރޭ ބާބޭޑޯސްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ ވެސް ވަނީ ޕާޓީގައި ޕާފޯމްކޮށްފަ އެވެ.

ޝާހު އާއި ސަލްމާން އަދި އާމިރް ބައިވެރިވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޕާޓީގަ އެވެ. އެ ތިން ސްޓާރުން ވެސް ވަނީ ސްޓޭޖުގައި ޕާފޯމްކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޝާހު އާއި ސަލްމާން އަދި އާމިރް ވަނީ ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ރާމް ޗަރަންއާ އެކު އޭނާގެ ލަވަ އަދި މިދިޔަ އަހަރު އިންޑިއާ އަށް އޮސްކާ އެވޯޑު ވެސް ހޯދައިދިން "އާރްއާރްއާރް"ގެ ލަވަ "ނާޗޯ ނާޗޯ" އަށް ނަށައިފަ އެވެ.

ޝާހުގެ މަޝްހޫރު ލަވައެއް ކަމަށްވާ "ޗައްޔަ ޗައްޔާ" އަށާއި ސަލްމާންގެ "ޖީނޭކާ ހޭ ޗާރު ދިން" އަށާއި އާމިރްގެ "މަސްތީ ކީ ޕާތުޝާލާ" އަށް ވެސް އެ ތިން ސްޓާރުން ނަށާ މަންޒަރު ވީޑިއޯތަކުން ފެނެ އެވެ.

އަނަންތު އަމްބާނީ، 28، އާއި އޭނާގެ ޒަމާންވީ ލޯބިވެރިޔާ ރާދިކާ މާޗެންޓް، 29، ކައިވެނި ކުރަނީ އަންނަ ޖުލައި މަހު އެވެ. ނަމަވެސް، އެމީހުންގެ ކައިވެނީ ހަފުލާތައް ފަސް މަސްދުވަސް ކުރިން މި ވަނީ ފަށައިފަ އެވެ.