Roadha Mihaaru
އަޖޭ އާއި ޝާހްރުކް "ޓިއުބުލައިޓް"ގެ ފައިދާ ނަގަނީ

އަޖޭ އާއި ޝާހްރުކްގެ ފިލްމުތަކުގެ ޓްރެއިލާ "ޓިއުބުލައިޓް"އާ އެކު

28 އެޕްރީލް 2017

ސަލްމާން ޚާންގެ ފިލްމުތަކަކީ ފިލްމަކަށް ވުރެ، ބޮލީވުޑަށް އަންނަ އީދެކެވެ. އެ ފިލްމުތަކުން އުފާ ހޯދަނީ ހަމައެކަނި ފިލްމު ބަލާ މީހުންނެއް ނޫނެވެ. އިންޑަސްޓްރީގެ މީހުންނަށް ވެސް މިއީ ހިނިތުންވާން ލިބޭ ފުރުސަތަކަށްވެ އެވެ. މިހާރު ސަލްމާންގެ އާ ފިލްމު "ޓިއުބުލައިޓް" ވަނީ ރިލީޒްކުރަން ތައްޔާރުވެފަ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ސަލްމާން ޚާންގެ ފިލްމުތަކަކީ ފިލްމަކަށް ވުރެ، ބޮލީވުޑަށް އަންނަ އީދެކެވެ. އެ ފިލްމުތަކުން އުފާ ހޯދަނީ ހަމައެކަނި ފިލްމު ބަލާ މީހުންނެއް ނޫނެވެ. އިންޑަސްޓްރީގެ މީހުންނަށް ވެސް މިއީ ހިނިތުންވާން ލިބޭ ފުރުސަތަކަށްވެ އެވެ. މިހާރު ސަލްމާންގެ އާ ފިލްމު "ޓިއުބުލައިޓް" ވަނީ ރިލީޒްކުރަން ތައްޔާރުވެފަ އެވެ.

އަންނަ ކުޑަ އީދު ދުވަހާ ދިމާކޮށް މި ފިލްމު ރިލީޒްކުރުމުގެ ތައްޔާރީތައް ކުރިޔަށް ދާއިރު ސަލްމާންގެ ފިލްމީ ވާދަވެރިންގެ ތެރޭގައި ހިމެނޭ ޝާހްރުކް ޚާނާއި އަޖޭ ދޭވްގަން ވެސް ސަލްމާންގެ މަޝްހޫރުކަމުގެ ފައިދާ ނެގުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިޑް-ޑޭ ނޫހުގައިވާ ގޮތުން ޝާހްރުކް އާއި އަޖޭ މިހާރު އަންނަނީ އެމީހުން ކުޅެމުންދާ ދެ ފިލްމެއްގެ ޓްރެއިލާ "ޓިއުބުލައިޓް" އާ އެކު ރިލީޒްކުރަން ތައްޔާރު ވަމުންނެވެ. އެއީ އަޖޭގެ "ބާދްޝާއޯ" އާއި ޝާހްރުކް މިހާރު ކުޅެމުން އަންނަ ޑައިރެކްޓަރު އިމްތިޔާޒު އަލީގެ، އަދި ވަކި ނަމެއް ހަމަނުޖެހޭ ފިލްމެވެ.

ސަލްމާންގެ ފިލްމު ކުންފުނީގެ ސީއީއޯ އަމަރް ބުޓާލާ މި ޚަބަރު ޔަގީންކޮށްދެމުން ބުނީ ޝާހްރުކް އާއި އަޖޭގެ ފިލްމު އުފައްދާ ފަރާތުން އެމީހުންނަށް އެ ހުށަހެޅުން ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ދެ ފިލްމުގެ ޓްރެއިލާ ވެސް "ޓިއުބުލައިޓް"އާ އެކު ރިލީޒްކުރަން ނިންމާފައިވާ ކަމަށް ވެސް ބުޓާލާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި "ޓިއުބުލައިޓް"އާ އެކު ޓްރެއިލާތައް ރިލީޒްކުރަން ގިނަ މީހުން ބޭނުންވަނީ އީދު ޗުއްޓީއާ ދިމާވާތީ ކަމަށެވެ.

"ޓިއުބުލައިޓް"ގެ ދެ ޕޯސްޓަރު

"ޓިއުބުލައިޓް"ގެ ދެ ޕޯސްޓަރު

އަޖޭ އާއި ޝާހްރުކްގެ ފިލްމުތައް 2012 ގައި ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދިޔަ އެވެ. އެއީ އަޖޭގެ "ސަން އޮފް ސަރްދާރް" އާއި ޝާހްރުކްގެ "ޖަބް ތަކް ހެ ޖާން" އެވެ. އެ ފަހަރު ޝާހްރުކްގެ މަޝްހޫރުކަމުގެ ކުރިމަތީގައި އަޖޭ އަށް ނާކާމިޔާބީއާ ކުރިމަތިވި އެވެ. މިފަހަރުގެ ޓްރެއިލާ އަށް ވެސް މިހެން ވެދާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

މިހާރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަނީ "ޓިއުބުލައިޓް"ގެ ފުރަތަމަ އިޝްތިހާރަށެވެ. ބައެއް ޕޯސްޓަރުތައް މިހާތަނަށް ރިލީޒްކޮށްފައިވާއިރު އެންމެން ވެސް ތިބީ ފިލްމު ބަލާލާ ހިތުންނެވެ.

މިއީ އިންޑިއާ އާއި ޗައިނާގެ މެދުގައި ހަނގުރާމައެއްގެ ދުވަސްވަރު ހިނގި ލޯބީގެ ހާދިސާއެއް ދައްކުވައިދޭ ފިލްމެކެވެ. ސަލްމާނާ އެކު މި ފިލްމުގައި ބަތަލާއެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ޗައިނާގެ ފިލްމީ ތަރިއެއް ކަމަށްވާ ޒޫ ޒޫ އެވެ.