Roadha Mihaaru
އަހަރެން ބޭނުންވާ ތަފާތު ނިއު އިން ދައްކާނެ: އޮސްކާ

އަހަރެން ބޭނުންވާ ތަފާތު ނިއު އިން ދައްކާނެ: އޮސްކާ

05 ޖުލައި 2017

ސީޒަނުގައި ކުރިއަށް ހުރި މެޗުތަކުގައި ނިއު ރޭޑިއަންޓްގެ ފަރާތުން ތަފާތު ކުޅުމެއް ފެންނާނެ ކަމަށް އެ ޓީމުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ސީޒަނުގައި ކުރިއަށް ހުރި މެޗުތަކުގައި ނިއު ރޭޑިއަންޓްގެ ފަރާތުން ތަފާތު ކުޅުމެއް ފެންނާނެ ކަމަށް އެ ޓީމުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

އޮސްކާގެ ކޯޗުކަމުގައި ނިއު އިން ކުޅުނު ފުރަތަމަ މެޗުން އިއްޔެ ވަނީ 2-0 އިން ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވެފަ އެވެ. އިއްޔެގެ މެޗުގައި ނިއުގެ ފަރާތުން ފެނުނު ކުޅުމާ މެދު ޖުމްލަކޮށް ހިތްހަމަ ޖެހޭ ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ.

"ފުރަތަމަ މެޗުގައި ވެސް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ފެނިއްޖެ. ބޯޅަ ހިފަހައްޓައިގެން ކޮންމެވެސް ވަރަކަށް ކުޅުންތެރިން ކުޅުން މަސައްކަތްކުރި. ހަނދާން ނައްތާލައިގެން ނުވާނެ މިއީ އަހަރެން ހަވާލުވިތާ ހަތަރު ވަރަކަށް ދުވަސް ފަހުން ކުޅުނު މެޗެއްކަން،" ސްޕެއިނުގެ ދެ ވަނަ ޑިވިޝަނާއި އިންޑިއާ ލީގުގައި މަސައްކަތްކޮށްފައިވާ އޮސްކާ ބުންޏެވެ.

"މިއީ ކުރެވެމުންދާ މަސައްކަތްތަކެއްގެ ފެށުން. ކުރިއަށް އޮތްތާގައި ނިއު އިން އަހަރެން ބޭނުންވާ ތަފާތު ދައްކާނެ."

ނިއު އަށް މީ ސީޒަނުގެ ފުރަތަމަ 10 މެޗުގައި އިރުޝާދު ދިނީ ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް އެވެ. އޭނާގެ ކޯޗުކަމުގައި ނިއު އިން ހަތް މެޗުން މޮޅުވިއިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ. ނިއު އިން ސީޒަނަށް ނުކުތީ ހުރިހާ ތަށްޓަކަށް ޓާގެޓް ކޮށްގެންނެވެ.

އޮސްކާ އަކީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ނިއު އަށް އިރުޝާދުދޭނެ ދިހަ ވަނަ ކޯޗެވެ. އޮސްކާ ބުނީ ނިއު އަކީ ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބްގެ ގޮތުގައި ދަމަހައްޓަން ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

"އަހަރެން ބޭނުންވަނީ ހުރިހާ މެޗަކުން މޮޅުވާން. މެނޭޖްމަންޓުން އަހަރެން ގެނައިރު ވަރަށް ރަނގަޅަށް ކިޔައިދިން މާލޭ ލީގުގެ ހުރިހާ މެޗަކާއި ޕްރިމިއާ ލީގުގެ ހުރިހާ މެޗަކުން މޮޅުވާން ޖެހޭނެކަމަށް. ބޭނުމީ ނިއު އަކީ އެންމެ ކާމިޔާބު ކްލަބުގެ ގޮތުގައި އެ މަގާމު ދަމަހައްޓަން،" އޭނާ ބުންޏެވެ.

އިއްޔެގެ މޮޅާ އެކު ނިއު ވަނީ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓަކަށް ގާތަށް ޖެހިލައިފަ އެވެ. އަދި ގަދަ ހަތަރެއް ކަށަވަރުކޮށް ޕްރިމިއާ ލީގުން ޖާގައެއް ހޯދުމުގެ ފުރުސަތު ނިއު އަށް ވަނީ ބޮޑުވެފަ އެވެ. ލީގުގައި ބާކީ ކޮންމެ ޓީމަކަށް ތިން މެޗު އޮތްއިރު މާޒިޔާ އެއް ވަނައިގައި އޮތީ 11 މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ނިއު އަށް 11 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ.

އޮސްކާ ބުނީ އެ ޓީމުން ހަމައެކަނި ވިސްނަނީ މާޒިޔާ މެޗަށް ނޫން ކަމަށެވެ.

"މާޒިޔާ އަކީ އެންމެ މެޗެއް. އެކަމު އަހަރެމެންގެ ގާތުގައި އެބައޮތް ވަރަށް ވާދަވެރި އެހެން ތިން ހަތަރު ޓީމެއް. އިދިކޮޅަށް ނުކުންނަ ޓީމުތަކަކީ އަހަރެންގެ ކޮންޓްރޯލްގައި އޮތް ޓީމުތަކެއް ނޫން. އަހަރެން ހަމައެކަނި ވިސްނާނީ އޭރަކު ކުޅެން އޮންނަ މެޗަކަށް،" އޭނާ ބުންޏެވެ.

އޮސްކާގެ ކޯޗުކަމުގައި ނިއު ކުޅޭ ދެ ވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ހަވީރު ނުކުންނާނީ ވިކްޓަރީއާ ދެކޮޅަށެވެ.