Roadha Mihaaru
ޖިނާއީ އިޖްރާއާތުގެ ގާނޫނުން ހެޔޮ ބަދަލެއް އަންނާނެ

ޖިނާއީ އިޖްރާއާތުގެ ގާނޫނުން ހެޔޮ ބަދަލެއް އަންނާނެ: އޭޖީ އޮފީސް

02 ޖުލައި 2017

ޖިނާއީ އިޖްރާއަތުގެ ގާނޫނަކީ ޖިނާއީ އަދުލުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ގާނޫނެއް ކަމަށް އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިނާއީ އިޖްރާއަތުގެ ގާނޫނަކީ ޖިނާއީ އަދުލުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ގާނޫނެއް ކަމަށް އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން މިއަދު ބުނެފި އެވެ.

ޖިނާއީ އިޖްރާއަތުގެ ގާނޫނަށް މިއަދު އަމަލު ކުރަން ފެށުމާ ގުޅިގެން އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ގާނޫނަކީ 2015 ގައި އަމަލުކުރަން ފެށި އާ ގާނޫނުލް އުގޫބާތެކޭ އެއްފަދައިން ރާއްޖޭގައި މިހާތަނަށް ފާސްކުރި ގާނޫނުތަކުގެ ތެރެއިން އެންމެ ޒަމާނީ ވިސްނުމަކާ އެކު ތައްޔާރު ކުރެވުނު ގާނޫނު ކަމަށެވެ. ވޭތުވެދިޔަ 10 އަހަރުގެ މަސައްކަތުން ވުޖޫދަށް ގެނައި އެ ގާނޫނަކީ ޖިނާއީ އަދުލުގެ ނިޒާމަށް ހެޔޮ ބަދަލެއް އަންނާނެ ގާނޫނެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި އެ ގާނޫނަށް އަހުލުވެރި ކުރުވުމުގެ މަސައްކަތުގައި ބޮޑެތި ކާމިިޔާބީތަކެއް ވަނީ ހޯދިފަ އެވެ. އެކަމުގައި އދ. ގެ އެހީތެރިކަން ވެސް ލިބުނު ކަން ފާހަގަކޮށް، އެ ބަޔާނުގައި ބުނެފައިވަނީ އެ ޕްރޮގްރާމްތަކުގައި ބައިވެރިވި މުއައްސަސާތަކަށް ޝުކުރު އަދާ ކޮށްފަ އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނަކީ ދިގު މުއްދަތެއްގެ މަސައްކަތުން ވުޖޫދަށް ގެނެސްފައިވާ ގާނޫނަކަށްވާތީ އެ ގާނޫނަށް ކަމާ ބެހޭ ބައެއް އިދާރާތަކުން ބައެއް އިސްލާހު ހުށަހަޅާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެ އިސްލާހުތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައިވެ އެވެ.

ތަހުގީގު ހިންގުމާއި ދައުވާ ކުރުމާއި ޝަރީއަތް ކުރުމުގެ އިޖްރާއާތުތައް ތަފްސީލީ ގޮތެއްގައި ބަޔާންކޮށްފައިވާ ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ބައެއް އިސްލާހުތައް ގެންނަން ސަރުކާރުން މިދިޔަ މަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެވެ. އެެކަމަކު އެ އިސްލާހުތަކާ މެދު ބައެއް މެމްބަރުން ކަންބޮޑުވުން ފާޅު ކުރުމުން އެ އިސްލާހުތައް ވަނީ އަނބުރާ ގެންގޮސްފަ އެވެ.