Roadha Mihaaru
ޖިނާއީ އިޖުރައާތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި

ޖިނާއީ އިޖުރައާތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި

02 ޖުލައި 2017

ގިނަ ދުވަސްތަކެއްގެ މަސައްކަތަށް ފަހު ވުޖޫދަށް ގެނައި ޖިނާއީ އިޖުރައާތުގެ ގާނޫނަށް ރޭ މެންދަމު 12:00 ޖެހުމާ އެކު އަމަލު ކުރަން ފަށައިފަ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގިނަ ދުވަސްތަކެއްގެ މަސައްކަތަށް ފަހު ވުޖޫދަށް ގެނައި ޖިނާއީ އިޖުރައާތުގެ ގާނޫނަށް ރޭ މެންދަމު 12:00 ޖެހުމާ އެކު އަމަލު ކުރަން ފަށައިފަ އެވެ.

މިއީ އާ ގާނޫނުލްއުގޫބާތަކަށް 2015 ގައި އަމަލުކުރަން ފެށި ފަހުން ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް އައި އެންމެ ބޮޑު ބަދަލެވެ.

މި ގާނޫނުގައި ތަހުގީގު ކުރުމާއި މީހުުން ހިފަހައްޓައި، ސުވާލުކުރުމާއި ހައްޔަރު ކުރުމާއި ބަންދު ކުރުމާއި ދައުވާ އުފުލުމާއި ޝަރީއަތް ހިންގުމާ ގުޅޭ އިޖުރައާތުތައް ތަފްސީލުކޮށް ވަނީ ބަޔާންކޮށްދީފަ އެވެ. ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން އެ ގާނޫނުގައި ވަނީ ތަފްސީލުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ނަޒަރުގައި ގާނޫނަކީ ހުރިހާ މައްސަލައެއްގައި އެއް އުސޫލަކުން އަމަލު ކުރެވޭނެ ކަން ކަށަވަރު ވެގެންދާނެ ގާނޫނެކެވެ. އޭގެ ސަބަބުން ތަހުގީގުތަކާއި ޝަރީއަތްތައް އިންސާފުވެރިކަމާ އެކު ގެންދެވޭނެ ކަން ކަށަވަރު ކުރެވޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ކުރިއަކު ނެތް ތަހުގީގު ހިންގުމާއި ޝަރީއަތް ހިންގުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ތަފުސީލީ ގޮތެއްގައި އިޖުރައާތުތަކެއް. އެކިއެކި ގަވާއިދުތަކުގެ ދަށުން އެކަން ކުރަމުން މިއައީ. އެކަމަކު މި ގާނޫނުގައި އެ ހުރިހާ ކަމެއް ބަޔާންކޮށްފައި އެބައޮތް. މިއީ އިންސާފުވެރިކަމާ އެކު އެއް އުސޫލަކުން ތަހުގީގުތަކާއި ޝަރީއަތްތައް ކުރިއަށް ގެންދަން އެޅޭނެ ބާރެއް ވާނެ މި ގާނޫނު. ވަރަށް މުހިންމު ގާނޫނެއް މިއީ،" ކުރިން ޕޮލިސް ކޮމިޝަނަރު ކަން ކުރެއްވި ރިޔާޒް ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި، ކުށުގެ ތުހުމަތު ކުރެވޭ މީހުންނަށް ދައުވާ އުފުލަންޖެހޭ މުއްދަތުތަކާއި ޝަރީއަތުގެ އަޑުއެހުންތައް ފަށަންޖެހޭ މުއްދަތުތައް ވެސް ބަޔާންކޮށްފަ އެވެ. މީގެ ސަބަބުން ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ހައްގުތައް ވަރަށް ބޮޑަށް ހިމާޔަތް ކުރެވިގެންދާނެ ކަމަށް ރިޔާޒް ދެކެވަޑައިގަންނަވަ އެވެ.

"ކުރިން ދައުވާ ނުކޮށް އެތައް ދުވަހެއް ވަންދެން މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްލަ ކޮށްލާ ތިބޭ ތިބުން ނިމުމަކަށް އަންނާނެ މި ގާނޫނާ އެކު. އަނެއް ކަމަކަށް އެވިޑެންސް ބޭސް ތަހުގީގުތަކަށް ބަދަލުވެގެންދާނެ.،" ރިޔާޒް ވިދާޅުވި އެވެ.

ގާނޫނީ ބައެއް ބޭފުޅުންގެ ނަޒަރުގައި ވެސް އެއީ ވަރަށް މުހިންމު ގާނޫނެކެވެ. ގާނޫނު ފުރިހަމަ އަށް ތަންފީޒުކޮށްފި ނަމަ ތަހުގީގުތަކާއި ޝަރީއަތްތައް އަވަަހަށް ނިމި، މައްސަލަތައް ލަސްވެގެން އަންނަ ޝަކުވާ ވަރަށް ބޮޑަށް މަދުވާނެ ކަމަށް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. އަދި ކުދި ކުށްތައް ކުރާ މީހުން ވަކި ޝަރުތުތަކާ އެކު، ދައުވާ ނުކޮށް ދޫކޮށްލުމުގެ ބާރާއި އިއުތިރާފްވާ މީހުންގެ އަދަބު ލުއިކުރަން ޕްރޮޮސެކިއުޓާ ޖެނެރަލަށް ކޯޓުގައި އެދުމުގެ ބާރު އެ ގާނޫނުން ދީފައި އޮތުމުގެ މުހިންމު ކަން ވެސް އެ ބޭފުޅުން ފާހަގަ ކުރައްވަ އެވެ.

"މި ގާނޫނު ދައުލަތުގެ އިދާރާތަކުން ފުރިހަމަ އަށް ތަންފީޒުކޮށްފި ނަމަ މައްސަލަތައް ލަސްވެގެން ކުރާ ޝަކުވާ ވަރަށް ބޮޑަށް މަދުވެގެންދާނެ،" ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވި އެވެ.

އެ ގާނޫނަށް ކަމާބެހޭ މުއައްސަސާތައް އަހުލުވެރި ކުރުވުމަށްޓަކައި ބަންޑާރަ ނައިބުގެ އޮފީހުން އިސްކޮށް އޮވެ ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. މިދިޔަ ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހު އެ ގާނޫނަށް އަމަލުކުރަން ފުރަތަމަ ހަމަޖެއްސުމަށް ފަހު މިއަދަށް އެކަން ފަސްކުރީ ވެސް މުއައްސަސާތައް އެ ގާނޫނަށް އަހުލުވެރި ކުރުވަން އިތުރު ވަގުތު ބޭނުންވާތީ އެވެ،

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، ދައުވާ އުފުލުމާ ގުޅޭ ކަންކަމާ ގުޅޭގޮތުން އެ އޮފީހުން ހަދަންޖެހޭ ގަވާއިދު ހަދައި، އާންމުކޮށްފަ އެވެ.

ތަހުގީގުތައް ހިންގުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ހަދަންޖެހޭއިރު ޝަރީއަތް ކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ސުޕްރީމް ކޯޓުން ހަދަން އެ ގާނޫނުު ލާޒިމް ކުރެ އެވެ. އެ ގަވާއިދުތައް މިއަދުން ފެށިގެން ތިން މަސް ތެރޭގައި ހަދަންޖެހޭނެ ކަމަށް އެ ގާނޫނު ބުނެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށަން ވަގުތު ކުޑަތަން ވެފައި ވަނިކޮށް، މިދިޔަ މަހު ސަރުކާރުން އެ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހެޅި އެވެ. އެ އިސްލާހުތައް ހުށަހެޅީ ކަމާބެހޭ ބައެއް މުއައްސަސާތަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ވަނީ އެނގިފަ އެވެ. އެކަމަކު އޭގެ ތެރެއިން އިސްލާހުތަކާ މެދު މަޖިލީހުގެ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ސަރުކާރުން ވަނީ އިސްލާހުތައް އަނބުރާ ގެންގޮސްފަ އެވެ.