Roadha Mihaaru
29 ރަށެއްގައި އޮޓަމެޓިކް ވެދާ ސްޓޭޝަން ގާއިމްކުރަނީ

29 ރަށެއްގައި އޮޓަމެޓިކް ވެދާ ސްޓޭޝަން ގާއިމްކުރަނީ

21 ޖޫން 2017

ރާއްޖޭގެ 29 ރަށެއްގައި އޮޓަމެޓިކް ވެދާ ސްޓޭޝަން ގާއިމްކުރަމުން އަންނަ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ 29 ރަށެއްގައި އޮޓަމެޓިކް ވެދާ ސްޓޭޝަން ގާއިމްކުރަމުން އަންނަ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

މެޓް އޮފީހުގައި ޑޮޕްލާ ރާޑަރު ސިސްޓަމް އަލުން ބޭނުންކުރަން ފަށަން މެޓް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތޯރިގް ވިދާޅުވީ ޖަޕާނާއި އިޓަލީ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދަން މަޝްރޫއު އަންނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

މިހާރު ވެސް 11 ސަރަހައްދެއްގައި އޮޓަމެޓިކް ވެދާ ސްޓޭޝަންތައް ވަނީ ގާއިމްކޮށްފަ އެވެ. އަލަށް ގާއިމްކުރާ 29 ސްޓޭޝަނާ އެކު އެ އަދަދު 40 އަށް އަރާނެ އެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި މެޓުގެ ސެންޓަރުތައް ގާއިމްކޮށްފައިވެ އެވެ. އެ ފަސް އޮފީހުގެ އިތުރުން ބަހައްޓާ އޮޓޮމެޓިކް ވެދާ ސްޓޭޝަންތަކުން މިހާރަށް ވުރެ ރަނގަޅަށް މޫސުން ލަފާކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ ފަސް ސަރަހައްދެއްގައި ހުރި މެޓް އޮފީސްތަކާއި އޮޓަމެޓިކް ވެދާ ސްޓޭޝަންތަކާ ގުޅުވާލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

"މެޓްގެ ސާވިސްއަށް މި ތިން އަހަރުގެ ތެރޭގައި ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައި. އިންސާނީ ވަސީލަތްތަކާއި ފެސިލިޓީސްތައް ވެސް އަޕްގްރޭޑްކޮށް ތަރައްގީކުރަމުން އަންނަނީ. އެއީ ކުރިއަށް އޮތް ތަނުގައި ވަރަށް ހަރުދަނާ ވެގެން ދާނެ އަދި ރައްޔިތުންނަށް ބޭނުންވާ މައުލޫމާތުތައް ލިބިގެންދާނެ ތަނަކަށް ހެދުމުގެ މަސައްކަތް ކުރަމުން މި ދަނީ،" ތޯރިގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަނީ މޫސުމަށް ވެސް ބަލައިގެން ކަމަށް ވުމުން، ވީހާ ވެސް ޔަގީންކަމާ އެކު މޫސުން ލަފާކުރުން މުހިއްމު ކަމަށެވެ.

ވައި ޖެހޭ ވަރާއި އޭގެ ބާރު މިނާއި ހޫނުމިން ހުންނަ މިންވަރު، މީހެއްގެ އެހީތެރިކަމެއް ނެތި، އޮޓޮމެޓިކް ވެދާ ސްޓޭޝަންތަކުން ދެނެގަނެ އެވެ.