ދައުލަތަށް އެކި ފަރާތްތަކުން ދައްކަން ޖެހޭ އެތައް ބިލިއަން ރުފިޔާއެއް ވީހާވެސް އަވަހަކަށް އަނބުރާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
20 ޖޫން 2017
ދައުލަތަށް އެކި ފަރާތްތަކުން ދައްކަން ޖެހޭ އެތައް ބިލިއަން ރުފިޔާއެއް ވީހާވެސް އަވަހަކަށް އަނބުރާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ގިނަ އޮޑިޓް ރިޕޯޓްތަކެއް ނެރެފައިވާއިރު، ދައުލަތަށް އެތައް ބިލިއަން ރުފިޔާއެއް ގެއްލިފައިވާ ކަން ފެންނަން އެބަހުރި ކަމަށެވެ. އޭގެތެރޭގައި ޚިޔާނާތްވުމާއި އިހުމާލުވުމާއި ގާނޫނުތަކާއި ގަވާއިދާ ޚިލާފަށް އަމަލު ކުރުމުން ގެއްލުނު ފައިސާ ހިމެނޭ ކަމަށް ވިދާޅުވި އެވެ.
އެ ހުރިހާ އޮޑިޓް ރިޕޯޓުތަކާއި އެކި ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ ޖުމްލަ އަދަދެއް ސާފުނުވި ނަމަވެސް އެތައް ބިލިއަނަކަށް އަރާނެ ކަމަށް ވިދާޅުވި އެވެ.
މި ފައިސާ ހޯދަން، އަނިލް ވިދާޅުވި ގޮތުގައި، ދައުލަތުގެ މުއައްސަސާތަކުން މިހާރު އަންނަނީ ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންނެވެ.
"ސަރުކާރުގެ އެންމެ އިސް ވާޖިބެއްގެ ގޮތުގައި މި ދެކެނީ ދައުލަތަށް ލިބެން ޖެހޭ ފައިސާ އަނބުރާ ހޯދައިދިނުން. ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ދޭން ބޭނުންވާ ފައިސާ އަނބުރާ އިއާދަކޮށްދިނުން،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސްގައި އަނިލް ވާހަކަ ދައްކަވަނީ: ދައުލަތަށް އެކި ފަރާތްތަކުން ދައްކަން ޖެހޭ ފައިސާ ހޯދުމަކީ ސަރުކާރުން ވަަރަށް ބޮޑު އިސްކަމެއް ދީގެން ކުރާނެ ކަމެއް ކަމަށް ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އަނިލް ވިދާޅުވި ގޮތުގައި ދައުލަތަށް ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓުތަކުން ދައްކާ ފައިސާ އަށް އިހުމާލުވީ ފަރާތްތަކުން އެ ފައިސާ ދައްކަން ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ. މިހާތަނަށް ދެ ފަރާތަކުން ފައިސާ ދައްކާފައިވާއިރު، ދެން ހުރި މައްސަލަތައް ޝަރީއަތަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
ބަންޑާރަ ނައިބު ވިދާޅުވީ ލޯނުގެ ގޮތުގައި އެކި ފަރާތްތަކުން ދައުލަތުން ނަގާފައިވާ ފައިސާ ވެސް ހޯދަން މުހުލަތުތަކެއް ދީ، ފައިސާ ނުދައްކާ މީހުންނާ ގުޅޭ މައްސަލަތައް ވެސް ކުރިއަށް އެބަދާ ކަމަށެވެ.
މި މަސައްކަތުގައި މީރާ އިން ވަރަށް ގިނަ ފައިސާ ހޯދައިދީފައިވާއިރު، ދެން ހުރި ފައިސާ ވެސް ހޯދަން އެކި ފަރާތްތަކާ މެދު އެކިވަރުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް އަނިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އަހަރު އެކަނި ވެސް އެކި ފަރާތްތަކާ މެދު 1800 އަށް ވުރެ ގިނަ ފިޔަވަޅު މީރާ އިން އަޅާފައިވާ ކަމަށެވެ. އަދި 17 ކުންފުންޏެއްގެ އެކައުންޓް ހިފަހައްޓައި އޭގެތެރެއިން 14 ފަރާތެއްގެ މައްސަލަ ޝަރީއަތަށް ހުށަހަޅާފައިވާ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.
"މި ދެންނެވި 17 މައްސަލައިގެ ތެރެއިން ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ދައުލަތަށް ލިބެން ޖެހޭ އަދަދަކީ 4.5 ބިލިއަނާ ގާތްކުރާ އަދަދެއް،" އަނިލް ވިދާޅުވި އެވެ.
މި ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު ގާނޫނީ ނިޒާމްތަކުގައި ހުރި ބަލިކަށިކަން ފިލުވަން ގާނޫނުތަކެއް ވެސް ހަދަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެގޮތުން ދަރަނި ނުދެއްކޭ ހާލަތްތަކުގައި އަމަލުކުރަން ޖެހޭނެ ގޮތުގެ ގާނޫނަކާއި ބޭންކްރަޕްސީ ގާނޫނެއްގެ ޑްރާފްޓް އެކުލަވާލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"މި ގާނޫނުތަކުގައި ހުންނާނެ ދައުލަތަށް ދައްކަން ޖެހޭ ފައިސާ ޝަރީއަތުން ކަނޑައަޅާ ގޮތާ އެއްގޮތަށް ނުދައްކައިފި ނަމަ އެ ފަރާތެއް ބަނގުރޫޓްވާނެ ގޮތެއް ކަނޑައެޅުމަށް ފަހު އަޅަން ޖެހޭ ފިޔަވަޅުތައް ހުންނާނެ،" އަނިލް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު ޒަމީރު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ---މިހާރު ފޮޓޯ: ނިޝާން އަލީ
އޭނާ ވިދާޅުވި ގޮތުގައި އޭސީސީން ތަހުގީގުކޮށް ފޮނުވާފައިވާ 66 މައްސަލައިގެ ތެރެއިން 10 މައްސަލައެއް ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލަތަކުން އެކަނި ވެސް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބެން ޖެހޭ ކަން އަނިލް ފާހަގަކުރެއްވި އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.2 ބިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވާ ކަން އޮޑިޓަ ޖެނެރަލްގެ ރިޕޯޓުން އެނގޭ ކަން ފާހަގަކުރައްވަމުން އަނިލް ވިދާޅުވީ އެ ފައިސާ ހޯދަން ވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން ކަމަށެވެ. އެ މަސައްކަތް ކުރަމުން އަންނަނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނާއި އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީސް ގުޅިގެން ކަމަށް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މިހާރު ޝަރީއަތަށް ހުށަހަޅާފައި ހުރި މައްސަލަތަކުން ލިބެން ޖެހޭ 4.5 ބިލިއަން ރުފިޔާ ލިބިއްޖެ ނަމަ، އެއީ ވެސް ދައުލަތުގެ ބަޖެޓަށް ވަރަށް ބޮޑު ލުއި ކަމެއް އަންނާނެ ކަމެއް ކަމަށެވެ.
ބަދަލުދިނުމުގެ ކަންކަމުގަ އަހުމަދުގެ މަސްލަހަތު އެބައޮތް
މަޖިލިސް ހުޅުވާތީ ފެބްރުއަރީ 4 ގައި ސަރުކާރު ބަންދު
ހަ މަސް ވެއްޖެ، ސަރުކާރުގެ ދުވެލި ކިހިނެއް؟
500 ހައްޖު ކޯޓާ އަށް ހަދާ ގޮތެއް އަދިވެސް ނޭނގެ!
ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކޮމިޝަނެއް
ކޮރަޕްޝަން ހުއްޓުވަން ބަދަލުތަކެއް އެބަގެނޭ: ޒަމީރު
އަދީބު ބޭރަށް ފޮނުވައިފި ނަމަ ފިލާފާނެ: ސަރުކާރު
ސަރުކާރު ފިއްތަން މަސައްކަތް ކުރޭ: ޒުހޫރު
"ދައުލަތަށް ގެއްލުނު 15 މިލިއަން ރުފިޔާ ހޯދައިފިން"
މީރާ ބޯޑުގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި