05 އެޕްރީލް 2017
ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމުގައި ވަކި ބަޔަކަށް އަމާޒުކޮށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މަސައްކަތް ކުރާތީ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަމުން އަންނަ ކަމަށާއި އެކަން ކާމިޔާބު ނުވާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމުގައި ވަކި ބަޔަކަށް އަމާޒުކޮށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މަސައްކަތް ކުރާތީ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަމުން އަންނަ ކަމަށާއި އެކަން ކާމިޔާބު ނުވާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ލިމިޓެޑުން 18 މިލިއަން ޑޮލަރު ދައްކަން އަންގައި އެ ކުންފުނީގެ އެކައުންޓްތަކުގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާޒްގެ އެކައުންޓްތައް ވެސް ފްރީޒް ކުރި މައްސަލަ ވަނީ ހޫނުވެފަ އެވެ. އަދި ވިލާ އާ ހަވާލުކޮށްގެން ހިންގަމުން އައި ގދ. ކާޑެއްދޫ އެއާޕޯޓު ވެސް ވަނީ އަތުލައިފަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ޗެއާ ޒުހޫރު ވިދާޅުވީ ބިންތަކާއި އެކިއެކި ވިޔަފާރިތަކަށް ދޫކޮށްފައި ހުންނަ ރަށްތައް އެކި ފަރާތްތަކުގެ އަތުން ދައުލަތަށް ނެގުމުގައި ސަރުކާރުން ވަކި މީހަކާ މެދު ތަފާތު ކުރަމުން ނުދާ ކަމަށެވެ.
"ރައީސް އަބްދުﷲ ޔާމީން ސަރުކާރުން މި ދަނީ ތަރައްގީ ނުވެފައި ހުރި ތަންތަން އަތުލަމުން. އެ ތަންތަނަށް ނުދައްކާ ހުރި ފައިސާއެއް ވެއްޖެނަމަ، ހޯދުމަށް މަސައްކަތް ކުރަމުން،" ޒުހޫރު ވިދާޅުވި އެވެ.
ޒުހޫރު ވިދާޅުވީ "ފައިސާ ހުރި ބޭފުޅަކާ" މެދު ފިޔަވަޅު އެޅުމަށް ދައުލަތުގެ އިދާރާތަކުން މަސައްކަތް ފެށުމާއެކު، ފެންނަނީ ސިޔާސީ ގޮތުން ސަރުކާރު ފިއްތަން މަސައްކަތް ކުރަމުންދާ ތަން ކަމަށެވެ. އެކަމަކު ބަޔަކު ފިއްތާތީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ނުކޮށް ނުތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މ.ކުނޫޒުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ ދައުލަތަށް ދައްކަވަން ޖެހޭ އެންމެ ބޮޑު ލާރިއެއް ވެސް ނޯންނާނެ ކަމަށާއި އޭނާގެ ވިޔަފާރި އާއި އެ ވިޔަފާރީގެ މަސްލަހަތާ ގުޅިފައިވާ މުވައްޒަފުންނަށް ބޭއިންސާފުން އަނިޔާ ދެމުން ދަނީ ޒާތީ ހަސަދައާ ހެދި ކަމަށެވެ.
ގާސިމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ނޫސްވެރިންނާ އެކު އިތުރު ބައްދަލުވުމެއް ބޭއްވުމުގެ ފުރުސަތު ނުލިބިދާނެ ކަމަށް ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޭނާ ވިދާޅުވީ ވަކި މީހަކަށް ބެލުމެއް ނެތި ރާއްޖޭގެ ތަރައްގީގެ ކަންކަމަށް ހުރި ފައިސާ ހިފަހައްޓައިގެން ތިބި ބޭފުޅުންގެ އަތުން އެ ފައިސާ ހޯދާނެ ކަމަށެވެ. އަދި މި ދުވަސްކޮޅާ ދިމާކޮށް ވަކި ބަޔަކާ މެދު ފިޔަވަޅު އަޅާ ކަމަށް ދެކެވޭ ވާހަކަތައް ޒުހޫރު ވަނީ ތަކުރާރުކޮށް ދޮގު ކުރައްވައިފަ އެވެ.
ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމުގައި ވަކި ބަޔަކަށް އަމާޒުކޮށް ފިޔަވަޅު އަޅާފައި ނުވާނެ ކަމަށާއި އެކަން ކުރަނީ ހަމަހަމަކަމާއެކު ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް މީރާ އިން ވަނީ ބުނެފަ އެވެ.
ވިލާ އެއާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހިންގަމުން އައި ގދ. ކާޑެއްދޫ އެއާޕޯޓު އަތުލި މައްސަލާގައި ޒުހޫރު ވިދާޅުވި ގޮތުގައި ވިލާ އަތުން އެ ތަން އަތުލީ ސަރުކާރުން ތަރައްގީ ކުރަން ބޭނުންވާ ވަރަށް އެއާޕޯޓު ތަރައްގީވެފައި ނުވާތީ އެވެ. އަދި އެފަދަ ފިޔަވަޅުތައް އެޅީމަ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ސަރުކާރަށް އެކިއެކި ފިއްތުންތައް ކުރިމަތިކުރަން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
"މިއީ މި ދުވަސްކޮޅާ ދިމާކޮށް އަޅަމުން ދާ ފިޔަވަޅެއް ނޫން. މީގެ ކުރިން ވެސް އަޅުމުން އައި ފިޔަވަޅެއް،" ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒުހޫރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ 2011 އިން ފެށިގެން މިހާތަނަށް އައިއިރު މީރާ އިން 4.9 ބިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ. މީރާ އިން މަސައްކަތް ކުރަނީ ހަމަހަމަކަމާއެކު ގާނޫނާއި ގަވާއިދުގެ މަތިން ކަންކަން ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި ހަމައެކަނި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކަންކަމެއް ނުކުރެވޭނެ އެވެ. އާމްދަނީ ހޯދުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވައި މުނައްވަރު ވިދާޅުވީ ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމުގައި މީރާ އިން ކުރަނީ މުހިންމު މަސައްކަތެއް ކަމަށެވެ.
"މި އަހަރު މިހާ ހިސާބަށް ދެ މިލިއަން ރުފިޔާ ވަނީ ހޯދާފައި. އެއީ ރިކޯޑު އަދަދެއް. ޖެނުއަރީ އަހަރަށް ބެލިޔަސް ރިކޯޑު އަދަދަކަށް ވަނީ ހޯދާފައި. އެހެންވީމަ މިއީ މުހިންމު މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާތައް ހޯދައިގެން ރައްޔިތުންނަށް ހިދުމަތްދީ ތަރައްގީ އަށް ކުރަން ޖެހޭ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުން ކަމަށެވެ.
ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ވިލާ ޝިޕިން އަށް ދޫކޮށްފައިވާ ތ. އެލާ ދައުލަތަށް ނެގީ އެއްބަސްވުމާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރުމުން އެ ހުކުމް އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި، އެ މައްސަލަ އަށް އިޝާރާތް ކުރައްވާ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަކީ، މައްސަލަ ކާމިޔާބުވި ފަރާތުގެ ހައްގު ނުލިބޭންވީ ސަބަބެއް ނޫން ކަމަށެވެ. އަދި މަތީ ކޯޓަކުން ވަކި ގޮތަކަށް އަމުރު ނުކުރާ ހިނދަކު، މީރާ އިންނާއި އެޓާނީ ޖެނެރަލްގެ އޮފީހުން ހުކުމް ތަންފީޒު ކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީރާ އަކީ މިނިވަންކަމާއެކު މަސައްކަތް ކުރާ އޮތޯރިޓީއެއް ކަން ފާހަގަ ކުރައްވައި ޒަމީރު ވިދާޅުވީ ޓެކްސް ނުދައްކާ ކުންފުނިތަކުން ލުއިތައް ވެސް ދީފައި އެބަހުރި ކަމަށެވެ. އަދި ވާހަކަ ދައްކައިގެން މައްސަލަތައް ހައްލު ކުރަން މަސައްކަތްކޮށްފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
މީރާ އިން ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް 1،824 މީހަކާ މެދު ފިޔަވަޅު އަޅާފައިވާއިރު، އޭގެ ތެރޭގައި ޓޫރިޒަމްގެ ދާއިރާގައި ވިޔަފާރި ކުރާ 270 ފަރާތެއް ހިމެނެ އެވެ. އަދި ޓޫރިޒަމް ދާއިރާގެ ބިމު ކުއްޔާއި އެއާ ގުޅޭ ޖޫރިމަނާ އާއި އެހެނިހެން ފައިސާ ދައްކައިފައި ނުވާތީވެ، 17 ފަރާތެއްގެ ބޭންކް އެކައުންޓް ފްރީޒް ކޮށްފައިވާ ކަމަށް ވެސް މީރާ އިން ބުންޏެވެ.
އޭގެ ތެރޭގައި މިހާރު ހިންގަމުންގެންދާ 8 ރިސޯޓާއި، ޓޫރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މިހާރު އެއްބަސްވުން ބާތިލު ކޮށްފައިވާ 9 ރަށެއް ހިންގާ ފަރާތްތަކުގެ ބޭންކު އެކައުންޓްތައް ހިމެނޭ ކަމަށް މީރާ އިން ބުންޏެވެ.
ވިލާ ފަހަތަކުން ނުދަން، ވަކި މީހަކާ ޖައްސައެއް ނުލަން
ވިލާގެ ރިސޯޓްތަކާ މެދު މަޓީގެ ކަންބޮޑުވުން ޒަމީރަށް
ބޮޑު ލާރިއެއް ވެސް ދައްކާކަށް ނޯންނާނެ: ގާސިމް
ވިލާ އިން 2.9 ބިލިއަން ރުފިޔާ ދައްކާކަށް ނުޖެހޭނެ
ވިލާއިން ޓެކްސް ފައިސާ ދެއްކުމުން ދައުވާ ނަގައިފި
އުޅެނީ އަޅުގަނޑު ބަނގުރޫޓު ކޮށްލަން: ގާސިމް
"ވިލާގެ ރިސޯޓުތަކުން ޓެކްސް ނުދައްކާތާ 10 މަސް"
ވިލާއާ ދެކޮޅަށް 37 މިލިއަން ޑޮލަރުގެ ދައުވާއެއް
ގާސިމްގެ ޕާސްޕޯޓުގެ މައްސަލަ އިސްތިއުނާފްކޮށްފި
ވިލާ ޝިޕިންގެ އެކައުންޓްތައް ފްރީޒް ކޮށްފި