15 ޖޫން 2017
އުމުރުން ދުވަސްވުމުން މީހުން ހުންނާނެ ގޮތް އަންގައިދިނުމަށް ދިވެހި ސައެންސްވެރިޔާ ހަސަން އުގައިލް އާއި ބްރެޑްފޯޑް ޔުނިވާސިޓީގެ ރިސާޗް ޓީމުން ތައްޔާރުކުރި ސޮފްޓްވެއާ މާ ފުރިހަމަކަން ހާމަވާން ފަށައިފި އެވެ.
އުމުރުން ދުވަސްވުމުން މީހުން ހުންނާނެ ގޮތް އަންގައިދިނުމަށް ދިވެހި ސައެންސްވެރިޔާ ހަސަން އުގައިލް އާއި ބްރެޑްފޯޑް ޔުނިވާސިޓީގެ ރިސާޗް ޓީމުން ތައްޔާރުކުރި ސޮފްޓްވެއާ މާ ފުރިހަމަކަން ހާމަވާން ފަށައިފި އެވެ.
މި ސޮފްޓްވެއާ އިން ކުރާނެ އެއް ފައިދާ އަކީ ގެއްލޭ މީހުން ދުވަސްތަކެއް ފަހުން ހުންނާނެ ގޮތް ދެނެގަނެވި އެ މީހުން ހޯދަން ފަސޭހަވުމެވެ. ކޮންމެ އަހަރަކު ވެސް އެމެރިކާ އާއި އިނގިރޭސިވިލާތުން އެތައް މިލިއަން ބަޔަކު ގެއްލިގެން ރިޕޯޓް ކުރެ އެވެ. އެ މީހުން ހޯދުމުގައި އާއިލާތަކަށް ބައެއް ފަހަރު މާޔޫސްކަން ކުރިމަތިވެ އެވެ.
ގެއްލޭ މީހުން ހޯދަން ފަސޭހައަކަށް ބަލައި އުގައިލްގެ ޓީމުން ތައްޔާރުކުރީ އުމުރުން ދުވަސްވުމުން ވެސް މީހުން ހުންނާނެ ގޮތް ދައްކުވައިދޭ ސޮފްޓްވެއާ އެކެވެ. އިނގިރޭސި ވިލާތުގެ ބްރެޑްފޯޑް ޔުނިވަސިޓީގެ ވިޝުއަލް ކޮމްޕިއުޓިން ޑިޕާޓްމަންޓުގެ ހެޑް އުގައިލްގެ ރިސާޗް ޓީމުން ވަނީ 1991 ވަނަ އަހަރު ގްރީކުގެ ކޮސް އައިލެންޑަށް ގެއްލުނު ބެން ނީދަމް ކިޔާ ކުޑަކުއްޖާ ހުންނާނެ ގޮތުގެ ފޮޓޯތައް ޓެސްޓްކޮށްފަ އެވެ. އެކަމަކު ބެން ހުންނާނެ ގޮތް ކަމަށް އެހެން ބައެއް މީހުން ކޮމްޕިއުޓަރުން ޖެނެރޭޓްކުރި ފޮޓޯތަކާއި އުގައިލްގެ ޓީމުގެ ފޮޓޯތައް ތަފާތެވެ. އެހެންވެ އުގައިލްގެ ޓީމުން އުއްމީދު ކުރަނީ އާ ސޮފްޓްވެއާ ބޭނުންކޮށްގެން ގެއްލޭ މީހުން ހޯދުމުގައި ކުރިމަގުގައި އެހީތެރިކަން ލިބޭނެ ކަމަށެވެ. އެ ޓީމުން ވަނީ މީގެ 10 އަހަރު ކުރިން ޕޯޗުގަލުގައި ގެއްލުނު މެޑަލިން މެކްކޭން މިހާރު ހުންނާނެ ގޮތުގެ ފޮޓޯތައް ޖެނެރޭޓް ކުރަން ނިންމައިފަ އެވެ.
ބެން ނީދަމް އެކި އުމުރުފުރާތަކުގައި ހުންނާނެ ކަމަށް އެކި އިންވެސްޓިގޭޓަރުން ލަފާކޮށްފައިވާ ގޮތް.
ރިސާޗުގައި އިސްކޮށް ހުންނެވި ޕްރޮފެސަރު އުގައިލް މެއިލް އޮންލައިން އަށް ވިދާޅުވީ ގެއްލޭ ކުދިން ހޯދުމުގައި އޭނާގެ ޓީމުގެ ސޮފްޓްވެއާ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކަމާބެހޭ ފަރާތްތަކުން ބޭނުންކުރާ ތަން ފެންނަ ކަމަށެވެ. މި ސޮފްޓްވެއާގެ އެހީގައި އެކި އުމުރުތަކުގައި މޫނުގެ ސިފަ އާއި ކޮލާއި އަނގަ އާއި ނިތްކުރި ހުންނާނެ ކަމަށް ލަފާ ކުރާ ގޮތް ކުޑައިރުގެ ފޮޓޯއެއްގެ އެހީގައި އަންގައިދެ އެވެ. މި މައުލޫމާތު ކޮމްޕިއުޓާ އެލްގޮރިދަމް އަށް އެޅުމަށް ފަހު އެ ކުއްޖާ އެކި އުމުރުތަކުގައި ހުންނާނެ ގޮތުގެ މޫނުގެ ފޮޓޯތައް ދައްކުވައިދެ އެވެ. އުގައިލްގެ ޓީމުގެ ސޮފްޓްވެއާގެ ޚާއްސަ އެއް ކަމަކީ އުމުރުން ދުވަސްވުމުން މީހުންގެ މޫނުގެ ސިފަ ހުންނާނެ ގޮތް ސިސްޓަމަށް "ދަސްކޮށްދީފައި"ވުމެވެ. އެކަން ކުރުމަށްޓަކައި ވަނީ އެލްގޮރިދަމް އަށް ތަފާތު ނަސްލުތަކުގެ ތަފާތު އުމުރުތަކުގެ މީހުންގެ މޫނު ހުންނަ ގޮތުގެ ޑޭޓާ އަޅައިފަ އެވެ. އަދި ކުރިން އުފެއްދި މި ބާވަތުގެ ސޮފްޓްވެއާތަކަށް ވުރެ އުގައިލްގެ ޓީމުގެ ސޮފްޓްވެއާ ފުރިހަމަވާ އެއް ސިފައަކީ މިއީ އެވެ.
ބެން ނީދަމް 14 އަދި 22 އަހަރުގައި ހުންނާނެ ގޮތް އުގައިލްގެ ޓީމުގެ ސޮފްޓްވެއާ އިން ދައްކުވައިދޭ ގޮތް.
އުގައިލް ވިދާޅުވީ ކޮންމެ އަހަރަކު ވެސް އިނގިރޭސިވިލާތުން ތިން ލައްކައެއްހާ މީހުން ގެއްލިގެން ރިޕޯޓްކުރާ ކަމަށެވެ. އަދި ގެއްލިފައިވާ މީހުން ހޯދުމަށް މިހާރު ގެންގުޅޭ ޓެކްނިކްތަކަށް ވުރެ ރަނގަޅު އެއްޗެއް އުފެއްދުމަށް ރިސާޗަރުންގެ ޓީމަށް ހިތްވަރު ލިބުނު އެއް ސަބަބަކީ އެއީ ކަމަށް ވިދާޅުވި އެވެ.
ސިސްޓަމް ޓެސްޓް ކުރުމަށް ރިސާޗަރުންގެ ޓީމުން ބޭނުންކޮށްފައި ވަނީ ޑި-އޭޖިން މެތަޑެވެ. އެއީ އުމުރުން ދުވަސްވެފައިވާ މީހަކު އޭނާގެ ޅަ އުމުރުގައި ހުންނާނެ ގޮތެވެ. ދެން އެ މީހެއްގެ ކުޑަ އިރުގެ އަސްލު ފޮޓޯ އާއި ސޮފްޓްވެއާ އިން އުފެއްދި ފޮޓޯ އެއްގޮތްތޯ ބަލަ އެވެ.
ޕްރޮފެސާ އުގައިލް.
ޓެސްޓް ކުރުމުގެ ގޮތުން ރިސާޗަރުން ބޭނުންކޮށްފައި ވަނީ ޖުލައި 24، 1991 ގައި ކްރީކުގެ ކޮސް އައިލެންޑަށް އުމުރުން އެންމެ 21 މަހުގައި ގެއްލުނު ބެން ނީދަމްގެ ތަސްވީރެކެވެ. ބެން އަދިވެސް ފެނިފައި ނުވާއިރު އެކި އުމުރުތަކުގައި އޭނާ ހުންނާނެ ގޮތުގެ ފޮޓޯތައް އިންވެސްޓިގޭޓަރުން އުފައްދާފައިވެ އެވެ. މިގޮތުން 11-14 އަހަރު، 17-20 އަހަރު އަދި 20-22 އަހަރުގައި ބެން ހުންނާނެ ކަމަށް ލަފާކުރާ ފޮޓޯތައް ހަދާފައިވެ އެވެ. އުގައިލްގެ ޓީމުން ވަނީ ހަ އަހަރާއި 14 އަހަރު އަދި 22 އަހަރުގައި ބެން ހުންނާނެ ގޮތުގެ ފޮޓޯތައް އުފައްދައިފަ އެވެ. އުގެއިލްގެ ޓީމުގެ ފޮޓޯތަކާއި ކުރީގެ ފޮޓޯތައް ވަރަށް ތަފާތެވެ.
އުގައިލް ވިދާޅުވީ ގެއްލިފައިވާ މީހުން ހޯދުމުގައި ފުލުހުންގެ މަސައްކަތަށް ވެސް އޭނާގެ ޓީމުގެ އުފެއްދުމުގެ ސަބަބުން އެހީތެރިކަން ލިބޭނެ ކަމަށް ގަބޫލް ކުރާ ކަމަށެވެ. އަދި ސޮފްޓްވެއާ ޓެސްޓް ކުރުމުގައި ތަފާތު ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ސޮފްޓްވެއާ އިތުރަށް ޑިވެލޮޕްކޮށް ބަޔޯމެޓްރިކް ފީޗާ ފަދަ ކަންކަން ހިމެނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އުގައިލް ވިދާޅުވި އެވެ.
ގެއްލިފައިވާ މެޑެލިން ކެމްކޭން ހޯދުމަށް އުގައިލްގެ ޓީމުން އެހީތެރިވެދޭން ބޭނުންވޭ.
އުގައިލްގެ ޓީމުން އުއްމީދު ކުރަނީ ގެއްލިފައިވާ މީހުން ހޯދުމުގައި މި ސިސްޓަމް ތަޖްރިބާ ކުރުމެވެ. މި ގޮތުން މެއި 2007 ގައި އުމުރުން ހަތަރު އަހަރުގައި ޕޯޗުގަލްގެ ހޮލިޑޭ އެޕާޓްމަންޓަކުން ގެއްލުނު މެޑެލިން މެކްކޭން ފަދަ ކުދިން ހޯދުމަށް ސިސްޓަމުގެ ސަބަބުން އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދު ކުރެ އެވެ.
އުގައިލް ވިދާޅުވީ މެކްކޭން މިހާރު ހުންނާނެ ގޮތުގެ ފޮޓޯއެއް ސިސްޓަމުން އުފައްދާފައި ނުވި ނަމަވެސް އެފަދަ ފުރުސަތެއް ލިބިއްޖެ ނަމަ އުފާ ކުރައްވާނެ ކަމަށެވެ.
ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ މޫނުގެ ސިފަތައް އެއްކޮށް، އެ ކަންކަމަށް ބަލައިގެން އެއީ ކާކުކަން ދެނެގަނެވޭ ކެމެރާ ސިސްޓަމެއް އުގައިލްގެ ޓީމުން ވަނީ އިނގިރޭސި ފުލުހުންނަށް ހަދައި ދީފަ އެވެ. ފޭޝަލް ރިކޮގްނިޝަން ބޭނުންކޮށްގެން ކުށްވެރިން ދެނެގަނެވޭނެ ޒަމާނީ ކެމެރާ ސިސްޓަމަށް އުގައިލްގެ ޓީމުން ދީފައިވާ ނަމަކީ "ހޭލޯ" އެވެ.
އުގައިލްގެ ކަރުދާހަށް އެތައް ބައެއްގެ ޝައުގުވެރިކަން
ދުނިޔޭގެ ގަސްތަކުގައި 9،200 ވައްތަރު އަދި ނުފެނޭ
ރާއްޖޭގެ ފުރަތަމަ ސެޓެލައިޓްގެ މަަސައްކަތް ފަށަނީ
މިނެޓަކީ 59 ސިކުންތު ކަމަށް ނިންމަފާނެ!
ބޯ ނުރަވުމާއި ހާސްކަމާ ގުޅުމެއްވޭތަ؟
ރާއްޖޭގެ ފުރަތަަމަ ސްޕޭސް ޕްރޮގްރާމް އިފްތިތާހު ކޮށްފި
ޗާގާ މަޝްރޫމް ކޮވިޑާ ދެކޮޅަށް ބޭނުންކުރެވޭތޯ ބަލަނީ
ސްމާޓް ޑިވައިސްއަކަށް "ކަރަންޓް ހަންގަނޑެއް"
ކޮވިޑަށް ދެވިދާނެ ފަރުވާއެއް ކުޑަކުކުއްޖެއްގެ ފަރާތުން
ފޯނަށް އާޓިފިޝަލް ހަން ކަވަރެއް