Roadha Mihaaru
އިވެލުއޭޓް ނުކޮށް ހައްޖު ކޯޓާ ދިން މައްސަލަ ކޯޓަށް

އިވެލުއޭޓް ނުކޮށް ހައްޖު ކޯޓާ ދިން ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހަޅައިފި

13 ޖޫން 2017

ހައްޖު ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވަނިކޮށް، އެއާ ހިލާފަށް އިސްލާމިކް މިނިސްޓްރީން އަމަލު ކުރި ކަމަށް ބުނެ، އެ މައްސަލަ ބަލައި ދިނުމަށް އެދި އެކްރޯ ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހައްޖު ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވަނިކޮށް، އެއާ ހިލާފަށް އިސްލާމިކް މިނިސްޓްރީން އަމަލު ކުރި ކަމަށް ބުނެ، އެ މައްސަލަ ބަލައި ދިނުމަށް އެދި އެކްރޯ ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.

އެކްރޯ އިން ސިވިލް ކޯޓުގައި އެދުނީ ހައްޖަށް މީހުން ގެންދިއުމަށް އެދި ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ހަތަރު ކުންފުންޏަކަށް އެ ހުއްދަ ދޭން ނިންމި ނިންމުން ބާތިލްކޮށް، އޭސީސީގެ އެންގުމާ އެއްގޮތަށް އަލުން އިވެލުއޭޓް ކޮށްގެން ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް ކަނޑައަޅައި ދިނުމަށެވެ.

ހައްޖަށް މީހުން ގެންދިއުމަށް 16 ކުންފުންޏަކުން ކުރިމަތިލުމުން އިސްލާމިކް މިނިސްޓްރީން މި އަހަރު އެންމެ ފުރަތަމަ ހުއްދަ ދިނީ ހަ ކުންފުންޏަކަށެވެ. އޭސީސީގެ އެންގުމަށް އެ ހުއްދަތައް ބާތިލު ކުރުމަށް ފަހު އަލުން ހުއްދަ ދިނީ ހައްޖު ކޯޕަރޭޝަނާއި އަލްހަރަމައިން އާއި ސިސިލްފަރު ގްރޫޕާއި ޒައީ ހައްޖު ގްރޫޕަށެވެ. އިސްލާމިކް މިނިސްޓްރީގެ މި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ބައެއް ކުންފުނިތަކުގެ ވެރިން އޭސީސީގެ މެމްބަރުންނާ ބައްދަލު ކުރައްވައި އެކަމުގެ ޝަކުވާ ކުރި އެވެ.

ހައްޖަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ހަތަރު ކުންފުންޏެއް ކަނޑައެޅީ އޭސީސީގެ އެންގުމާ އެއްގޮތަށް، އަލުން އިވެލުއޭޓް ކުރުމަށް ފަހުގައިތޯ ބަލަމުން އަންނަ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

ހައްޖަށް ގެންދިއުމުގެ ހުއްދަ އަށް އެދި ޕްރޮޕޯސަލް ހުށަހެޅި ކުންފުނިތަކުގެ ޕްރޮޕޯޒަލް އިވެލުއޭޓްކޮށް، ޕޮއިންޓް ދީފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް އޭސީސީ ކަނޑައެޅި އެވެ. އެހެންވެ، އޭސީސީން އިސްލާމިކް މިނިސްޓްރީ އަށް އެންގީ ހައްޖު ކޯޓާ އަށް އެދި ކުރިމަތިލި 16 ކުންފުނީގެ ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓް ކުރުމަށް ފަހު ޕޮއިންޓް ދިނުމަށާއި އަދި ޕްރޮޕޯސަލް އިވެލުއޭޓް ކުރަން އާ ކޮމެޓީއެއް އެކުލަވާލުމުގެ އިތުރުން އެ ކޮމެޓީގައި އިސްލާމިކް މިނިސްޓްރީގެ މުވައްްޒަފުން ނުހިމެނުމަށެވެ.

ހައްޖަށް ގެންދިއުމުގެ ހުއްދަ އަށް އެދި 16 ކުންފުންޏަކުން މި އަހަރު ހުށަހެޅި އެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ހައްޖަށް ގެންދިއުމަށް ހަތަރު ކުންފުންޏެއް ކަނޑައެޅީ ގްރޫޕްތަކުން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމަށް ވަގުތު ކުޑަތަންވެފައިވުމާއި ޙައްޖާޖީންގެ ދަތުރުތައް ހަމަޖެއްސުމުގައި އެއާލައިންތަކުން ކުރިމަތިވެދާނެ ދަތިތަކެއް ހުރި ކަމަށް ފެންނާތީ އެވެ.

މީގެ އިތުރުން ގްރޫޕްތައް ކަނޑައެޅީ މިފަދަ ނާޒުކު ހާލަތެއްގައި ދިވެހި ހައްޖާޖީންނަށް މި މަތިވެރި އަޅުކަން އަދާކުރުމުގައި ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އެންމެހައި އެހީތެރިކަން ފޯރުކޮށް ދިނުމުގައި އެންމެ މަސްލަޙަތު ހުރި ގޮތްކަމުގައި ފެންނާތީ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.