Roadha Mihaaru
ހައްޖު ކޯޕަރޭޝަންގެ ފައިސާއާ ގުޅޭ މައްސަލައެއް ބަލަނީ

ހައްޖު ކޯޕަރޭޝަންގެ ފައިސާއާ ގުޅޭ މައްސަލައެއް އޭސީސީން ބަލަން ފަށައިފި

19 ޖެނުއަރީ 2018

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފައިސާއާ ގުޅޭ މައްސަލައެއް ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ ބުނެފި އެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފައިސާއާ ގުޅޭ މައްސަލައެއް ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ ބުނެފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު "މިހާރު" އަށް އެހެން ވިދާޅުވިއިރު، ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް އަދި އެހެން މެމްބަރެއް ކަމަށްވާ ފަރުހާދު ދާއޫދު އެ ކޯޕަރޭޝަނުން ވަކިކޮށްފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން އިއްޔެ ވަނީ ބުނެފަ އެވެ.

އެކަމަކު ޔާމީނާއި ފަރުހާދު ވަކިކުރި ސަބަބެއް ޕްރައިވެޓައިޒޭޝަން ބޯޑަކުން ނުބުނެ އެވެ. އަދި އޭސީސީން ބަލަމުން އަންނަ ފައިސާގެ މައްސަލައާ އެ ދެ ބޭފުޅުންނާ ގުޅުން ހުރި ކަމެއް ވެސް ނޭނގެ އެވެ.

"އަޅުގަނޑުމެން ބަލަމުން އަންނަ ފައިސާގެ މައްސަލާގައި ޒިންމާވާނެ ފަރާތެއް އެނގޭނީ މައްސަލަ ބަލައި ނިމުމުން،" އޭސީސގެ ނައިބު ރައީސް މުއައްވިޒް ވިދާޅުވި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ ޔާމީނާއި ފަރުހާދުގެ ބަދަލުގައި ހައްޖު ކޯޕަރޭޝަނަށް އަންނަ އާދީއްތަ ދުވަހު ބޭފުޅުން އައްޔަން ކުރައްވާނެ ކަމަށެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަކީ 2013 ވަނަ އަހަރު ރިއާސީ ގަރާރަކުން އުފައްދަވާފައިވާ ދިވެހި ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ސަރުކާރުގެ ކުންފުންޏެކެވެ. ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ހައްޖު ކޯޕަރޭޝަން އުފެއްދީ ހައްޖަށް ދާން ބޭނުންވާ ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަކަމާ އެކު ހައްޖަށް ދެވޭނެ އިންތިޒާމު ހަމަޖައްސައި، ހައްޖުގެ އަޅުކަން އަދާކުރުމަށް ގަސްދުކުރާ ދިވެހިންގެ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓާނެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުންނެވެ.

މީގެ ހަތަރު އަހަރު ކުރިން ހައްޖު ކޯޕަރޭޝަން އުފެއްދީ، ބައެއް އަމިއްލަ ކުންފުނިތަކުން މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު ހައްޖަށް ގެންގޮސްނުދިނުމުގެ މައްސަލަ ބޮޑުވާން ފެށުމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.