Roadha Mihaaru

300 ކޮންޓެއިނާގެ ކާނާ އޮމާނުން ގަތަރަށް އެތެރެ ކުރަނީ

ދޯހާ (ޖޫން 13) - ބައެއް ގައުމުތަކުން ސިޔާސީ ގުޅުން ކަނޑާލާ، ވިޔަފާރީގެ ގޮތުން ދަތިކޮށްފައިވާ ގަތަރުގައި ކާބޯތަކެއްޗަށް ޖެހިދާނެތީ 300 ކޮންޓެއިނާގެ ފިނިކުރި ބާވަތްތަކުގެ ކާނާ އޮމާނުން ގަތަރަށް އެތެރެ ކުރަން ނިންމައިފި އެވެ.

300 ކޮންޓެއިނާގެ ކާނާ އޮމާނުން ގަތަރަށް އެތެރެ ކުރަނީ
ހަސަން އާމިރު
ހަސަން އާމިރު

13 ޖޫން 2017

ދޯހާ (ޖޫން 13) - ބައެއް ގައުމުތަކުން ސިޔާސީ ގުޅުން ކަނޑާލާ، ވިޔަފާރީގެ ގޮތުން ދަތިކޮށްފައިވާ ގަތަރުގައި ކާބޯތަކެއްޗަށް ޖެހިދާނެތީ 300 ކޮންޓެއިނާގެ ފިނިކުރި ބާވަތްތަކުގެ ކާނާ އޮމާނުން ގަތަރަށް އެތެރެ ކުރަން ނިންމައިފި އެވެ.

ގަތަރުގެ ފުޑް ކޮމްޕެނީގެ ވެރިޔާ އަހުމަދު އަލް ޚަލާފް ވިދާޅުވީ އޮމާނުގެ ސޮހާރު އަދި ސަލާލާ ބަނދަރުން 12 ބޯޓުގައި ގެންނަ ކާނާގެ ބާވަތްތައް މިހާރު ވެސް ގަތަރަށް ލިބެން ފަށާފައިވާ ކަމަށެވެ.

"ގަތަރަށް ގެންނަނީ 300 ކޮންޓެއިނާގެ ކާނާ. އޭގެ ތެރޭން ބައެއް ތަކެތި މިހާރު ވަނީ ލިބިފައި. އަނެއްބައި ތަކެތި ވަނީ ލިބުމުގެ މަގުމަތީގައި،" ޚަލާފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮމާނުން ގަތަރަށް މުދާ އެތެރެކުރި ނަމަވެސް ޔޫއޭއީގެ ޖަބަލް އަލީ ބަނދަރުގައި ގަތަރަށް ގެންނަން ހުރި ކޮންޓެއިނާތައް ހުރީ ތާށިވެފައި ކަމަށެވެ. ނަމަވެސް ޔޫރަޕުން އަންނަ ޝިޕްމަންޓްތައް އޮމާން މެދުވެރިކޮށް ގަތަރަށް ގެންނަން އަލުން ބުކިންސް ހައްދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ކޮންޓެއިނާ ލައިން ޑެންމާކުގެ މައެސްކް އިން ބުނީ އޮމާން މެދުވެރިކޮށް ގަތަރަށް ކޮންޓެއިނާ ފޮނުވުމުގެ އާ ބުކިންސް ގަބޫލް ކުރާނެ ކަމަށެވެ. ދުނިޔޭގެ ދެ ވަނަ ކޮންޓެއިނާ ލައިން ސްވިޒަލެންޑުގެ އެމްއެސްސީ އިން ބުނީ އޮމާނުގެ ސަލާލާ ބަނދަރުން ގަތަރަށް މުދާ ގެންދެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.

ގަތަރު ޕޯޓްސް މެނޭޖްމަންޓް އިން އިއްޔެ ވަނީ ދޯހާގެ ހަމަދު ބަނދަރާއި އޮމާނުގެ ސޮހާރު ބަނދަރާ ދެމެދު ސީދާ މުދާ އުފުލޭނެ ނިޒާމެއް ގާއިމްކޮށްފަ އެވެ. މި ނިޒާމުގެ ދަށުން ހަފުތާ އަކު ތިން ދުވަހު ގަތަރުގެ ބަނދަރުތަކުން މުދާ ބޭރުކޮށް އަދި އެތެރެކުރާނެ އެވެ.

ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު ސައުދީ އަރަބިއާ، ޔޫއޭއީ އަދި ބަހުރޭނުން ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ގަތަރު އެއާވޭސްގެ ބޯޓުތަކަށް ބަންދުކޮށްފަ އެވެ. އަދި ސައުދީ އަރަބިއާގެ އެއްގަމު ބޯޑަރު ވަނީ ގަތަރަށް ބަންދުކޮށްފަ އެވެ. ގަތަރަށް އިމްޕޯޓްކުރާ ކާނާގެ 40 ޕަސެންޓް އެތެރެ ކުރަނީ އެއްގަމު މަގުން ސައުދީންނެވެ.