Roadha Mihaaru
ރައީސް، ގަތަރުގެ އަމީރާ ބައްދަލުކުރައްވައިފި

ރައީސް، ގަތަރުގެ އަމީރާ ބައްދަލު ކުރައްވައިފި

15 މާޗް 2021

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ގަތަރަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އައްސާނީއާ މިއަދު ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ގަތަރަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އައްސާނީއާ މިއަދު ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ގަތަރުގެ އަމީރުގެ ގަނޑުވަރުގައި މެންދުރު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި، ރައީސް ވަނީ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ކަންކަން ކުރިއެރުވުމަށްޓަކައި މިދިޔަ އަހަރުތަކުގެ ތެރޭގައި ގަތަރުގެ ސަރުކާރުން ދިން އެއްބާރުލުމާއި އެހީތެރިކަން ފާހަގަ ކުރައްވައިފަ އެވެ. ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މީގެ އިތުރުން ގަތަރާއި ރާއްޖޭގެ ރައްޔިޔުން ބައްދަލުވެ ވިޔަފާރީގެ ރޮނގުންނާއި އެއްވިސްނުމެއް ގެންގުޅޭ އެހެން ދާއިރާތަކުން ގުޅުން ބަދަހިކޮށް ކުރިއެރުމަށް މަގުފަހި ކުރުމަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. އެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ގަތަރަށް ނޮން ރެސިޑެންޓް ސަފީރެއް ކަނޑައެޅުމުގެ ވިސްނުން ހުރި ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ރާއްޖެ އާއި ގަތަރުގެ ރަސްމީ މަޝްވަރާތަކަށް ފަހު ރަސްމީ ޖާފަތެއް ވަނީ ބާއްވައިފަ އެވެ. އަދި ރައީސްގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަތަރަށް ވަޑައިގެންނެވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ކަނޑާލި ނަމަވެސް މި ސަރުކާރުން ވަނީ އެ ގުޅުން އަލުން ގާއިމުކުރަން ނިންމައިފަ އެވެ.

ރާއްޖެ އިން ގަތަރާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުން ޖޫން 5، 2017 ގައި ކަނޑާލީ ސައޫދީން ގަތަރާ އެކު ގުޅުން ކަނޑައިލުމުންނެވެ. އެ ގުޅުން އަލުން ގާއިމުކުރަން ދިވެހި ސަރުކާރުން ނިންމީ މި އަހަރުގެ ޖެނުއަރީ 6 ގަ އެވެ. އެއީ ވެސް ސައޫދީގެ ނިންމުން ބަދަލުކުރުމުންނެވެ.