Roadha Mihaaru
ގަތަރާ ގުޅުން ކަނޑާލަންޖެހޭ ސަބަބެއް ނެތް: މައުމޫން

ގަތަރާ ގުޅުން ކަނޑާލަންޖެހޭ ސަބަބެއް ނެތް: މައުމޫން

15 ޖޫން 2017

ގަތަރާ އެކު ރާއްޖެ އިން ބާއްވަމުން އައި ޑިޕްލޮމެޓިކް ގުޅުން ކަނޑާލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ރާއްޖެ އަށް ގެއްލުންވާ ކަމެއް އެ ގައުމުން ނުކުރާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ގަތަރާ އެކު ރާއްޖެ އިން ބާއްވަމުން އައި ޑިޕްލޮމެޓިކް ގުޅުން ކަނޑާލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ރާއްޖެ އަށް ގެއްލުންވާ ކަމެއް އެ ގައުމުން ނުކުރާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ، އެ ގައުމާ ސިޔާސީ ގުޅުން ކަނޑާލި އިސްލާމީ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާއިރު، މައުމޫން މިރޭ ފާހަގަކުރެއްވި ގޮތުގައި އެ ގައުމާ އެކު ގުޅުން ގާއިމްކުރީ އެމަނިކުފާނުގެ ވެރިކަމުގަ އެވެ. އަދި އެއިރުއްސުރެ ފެށިގެން ރާއްޖެ އާއި ގަތަރާ ދެމެދު އޮތީ ވަރަށް ބަދަހި، އެކުވެރި ގުޅުމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ ދެކޮޅަކަށް ގަތަރުން ކަމެއް ކުރައްވާފައެއް ނެތް. އަޅުގަނޑުމެންނަށް މައްސަލައެއް ނުޖެހޭ ގަތަރަކާ. އެހެންވިމާ އެގޮތުން ބަލާއިރު، ގަތަރާ އެކު އޮތް ގުޅުން ކަނޑާލާކަށް ސަބަބެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން،" އާއިލީ ބޭނުންފުޅެއްގައި ރާއްޖެ އިން ބޭރުގައި ތިން މަހެއްހާ ދުވަހު އުޅުއްވުމަށް ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މީޑިއާއާ ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ރާއްޖެ އަކީ ސަތޭކަ ޕަސެންޓު މުސްލިމް ގައުމަކަށް ވާއިރު، އިސްލާމީ ގައުމުތަކާ ދެމެދު ބާއްވަން ޖެހޭނީ ބަދަހި ގުޅުމެކެވެ.

މައުމޫން މިރޭ މާލެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީން ލައުންޖުން ނުކުމެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މައުމޫން މިރޭ މާލެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީން ލައުންޖުން ނުކުމެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"ވަކި ފަރާތަކުން ބުނެގެން ނުވަތަ ވަކި ފަރާތަކަށް ލެނބުމުގެ ގޮތުން އެ ގުޅުން ކަނޑާލުމަކީ ދިވެހި ރާއްޖޭގެ މި ދަންނަވާ ސައްތައިން ސައްތަ މުސްލިމް ވަންތަ ކަމަށް އަޅުގަނޑު ދެކޭ ގޮތުގައި ބުރޫ އަރާފާނެ ކަމެއް. އެހެން ގައުމުތަކުން އެހެން ދެކޭނެ،" ރާއްޖެ އިން ގަތަރާ ގުޅުން ކަނޑާލީ ސައޫދީއަރަބިއްޔާގެ ނުފޫޒުން ކަމަށް ވާހަކަ ދެއްކެވޭ މި ދަނޑިވަޅުގައި މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ އޭޝިއާ ސަރަހައްދުގައި މުސްލިމް ވަރަށް ގިނަ ގައުމުތައް ހިމެނޭއިރު، އެ ގައުމުތަކުން ވެސް ގަތަރާ ގުޅުން ކަނޑައެއް ނުލަ އެވެ. އެގޮތުން ޕާކިސްތާނާއި ބަންގްލަދޭޝް އާއި މެލޭޝިއާ އާއި އިންޑޮނީޝިއާ އަދި އަފްޣާނިސްތާނުން ގަތަރާ އެކު ގުޅުން ކަނޑާނުލާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އެމީހުން ވަކި ޓެރަރިޒަމަށް ތާއީދު ކުރާތީ ގުޅުން ކަނޑާނުލާ އޮތީކީ ނޫން. އެމީހުން ދެކޭގޮތުގައި ވެސް ގަތަރަކީ މުސްލިމް ގައުމެއް. އަޅުގަނޑުމެންނާ އެކީގައި ހަމަ ކުރިއަށް ދާން ބޭނުންވާ ގައުމެއް. އެހެންވީމާ އެއްގޮތަކަށް ވެސް ގުޅުން ކަނޑާލަން ޖެހޭ ބޭނުމެއް ވެސް ނެތް. ސަބަބެއް ވެސް ނެތް. އެއްގޮތަކަށް ވެސް އަޅުގަނޑު ނުދެކެން އެއީ ރަނގަޅު ކަމެއް ކަމަކަށް،" މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ރާއްޖެއާ އެކުގައި އެކުވެރިކަން ބާއްވަން ބޭނުންވާ ގައުމުތަކާ ދުރަށް ޖެހިގެން ކުރެވޭނެ ކަމެއް ނޯންނާނެ އެވެ. އަދި އެކަހެރިވުމުގެ ސިޔާސަތަކީ ރާއްޖެ އަށް ފައިދާހުރި ސިޔާސަތެއް ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ.

މައުމޫން މިރޭ މާލެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މައުމޫން މިރޭ މާލެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތަކަށް ވާން ޖެހޭނީ ހުރިހާ ގައުމަކާ ވެސް ގުޅުން ބަދަހިކުރުން. ހާއްސަކޮށް އިސްލާމީ ގައުމުތަކާ ގުޅުން ބަދަހިކުރުން. އަދި އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުތަކާ ގުޅުން ބަދަހިކުރުން. އަދި އަޅުގަނޑުމެންނާ އެކީގައި ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތްކުރަން ތައްޔާރަށް ތިބި ހުރިހާ ގައުމުތަކާ އެކީ ވެސް އެއްބާރުލުން ދީގެން މަސައްކަތް ކުރުން،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ގަތަރުގެ އިތުރުން އިރާނާ ގުޅުން ކަނޑާލައި އަދި ކޮމަންވެލްތުން ރާއްޖެ ވަކިވާން ޖެހޭނެ ކަމަކަށް ވެސް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"މި ހުރިހާ ތަނެއްގައި ބައިވެރިވެގެން އަޅުގަނޑުމެންނަށް މިއަދުގެ ދުނިޔޭގައި ކުރިއަށް ގެންދެވެން އޮތީ،" އެމަނިކުފާނު ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ މިހާރު ދުނިޔޭގެ ހުރިހާ ގައުމެއް ވެސް މަސައްކަތްކުރަނީ އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން ކަންތައްތައް ކުރެވޭތޯ ކަމަށެވެ. އަދި ކާމިޔާބު ލިބޭނީ އޭރުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މައުމޫން މިރޭ މާލެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މައުމޫން މިރޭ މާލެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"އަޅުގަނޑުމެން ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވަކިވެގެން ނުވަތަ އަޅުގަނޑުމެންނާއެކީ އެކުވެރިކަން ބާއްވަން ބޭނުންވާ ގައުމުތަކާ ދުރަށްޖެހިގެން އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޯންނާނެ. އަޅުގަނޑު ދެކޭ ގޮތުގައި އެއީ ރާއްޖެއަށް ފައިދާހުރި ސިޔާސަތެއް ނޫން،" މައުމޫން ވިދާޅުވި އެވެ.