Roadha Mihaaru
ސިޒޭރިއަން ހެދުމުގެ އާ ގޮތެއް ތަޖުރިބާކުރަނީ

ސިޒޭރިއަން ހެދުމުގެ އާ ގޮތެއް ތަޖުރިބާކުރަނީ

11 ޖޫން 2017

ވިހެއުމާއި ސާޖަރީ އަކީ ކުއްޖަކު ދުނިޔެއަށް އަންނަ އާންމު ދެ ގޮތެވެ. ނަމަވެސް މިހާރު ޑޮކްޓަރުން އަންނަނީ ސިޒޭރިއަން ސެކްޝަނަށް "ގުދުރަތީ ސިފައެއް" ގެނެސްގެން މުޅިން އާ ގޮތަކަށް ސާޖަރީ ހެދުމުގެ ފައިދާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންނެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ވިހެއުމާއި ސާޖަރީ އަކީ ކުއްޖަކު ދުނިޔެއަށް އަންނަ އާންމު ދެ ގޮތެވެ. ނަމަވެސް މިހާރު ޑޮކްޓަރުން އަންނަނީ ސިޒޭރިއަން ސެކްޝަނަށް "ގުދުރަތީ ސިފައެއް" ގެނެސްގެން މުޅިން އާ ގޮތަކަށް ސާޖަރީ ހެދުމުގެ ފައިދާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންނެވެ.

މިގޮތަށް ކިޔަނީ "ޖެންޓްލް" ސިޒޭރިއަން އެވެ. މިއީ ކުރަން ރަނގަޅު ކަމެއްގެ ގޮތުގައި، ތަޖުރިބާކާރުން ވަކާލާތު ކުރަމުން އަންނަ ޓެކްނިކެކެވެ. މި ޓެކްނިކް ބޭނުން ކުރުމުން އާދައިގައި ވިހާ ގޮތާ ވަރަށް އެއްގޮތަކަށް ކުއްޖާ އުފަންވެ އެވެ. މިހާރު ސިޒޭރިއަން ހަދާއިރު ފަޅާލާފައި ކުއްޖާ ދަމާ ނެރެނީ އެވެ. ނަމަވެސް މި ޓެކްނިކް ބޭނުންކުރުމުން ކުއްޖާ އަމިއްލައަށް މަޑުމަޑުން ބަނޑުން ނުކުންނާނެ އެވެ. އާދައިގައި ވިހާއިރު ނުކުންނަ ގޮތާ ދާދި އެއްގޮތަކަށެވެ.

ދަ އިންޑިޕެންޑެންޓް ނޫހުގައި ބުނެފައިވާ ގޮތުން މި ގޮތް ބޭނުންކުރާ ނަމަ ބަނޑުން ތަންކޮޅެއް ކަފާލުމަށްފަހު ކުއްޖާ މަޑުމަޑުން ނުކުންނަތަން ކުއްޖާގެ މަންމައަށް ވެސް ބެލޭނެ އެވެ. މި ގޮތް ބޭނުންކުރާ ނަމަ މަންމަ އާއި ދަރިފުޅުގެ ގުޅުން އިތުރަށް ބަދަހިވުމަށް ވެސް އެހީތެރިވެދޭނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. ސަބަބަކީ ސިޒޭރިއަން ހަދާފައި ނަގާ ކުދިން ސާފުކުރަން އަވަހަށް ގެންދާތީ އެވެ.

ލަންޑަންގެ އިމްޕީރިއަލް ކޮލެޖު ހެލްތުކެއާ އެންއެޗްއެސް ޓްރަސްޓްގެ ކޮންސަލްޓަންޓް އެނެސްތެޓިސްޓް ޑރ. ފެލިސިޓީ ޕްލާޓް ވިދާޅުވީ މި ގޮތް ބޭނުންކުރުމުން މަންމަ ގާތުން ކުއްޖާއަށް ކިރުދެވޭލެއް އިތުރުވާ ކަމަށާއި މިއީ މުޅިން ރައްކާތެރި ގޮތެއް ކަމަށެވެ.

އާދައިގެ ސިޒޭރިއަން ސެކްޝަނެއް ހަދާއިރު ކުއްޖާ ނެގުމަށް ފަހު ފޫޅުދަނޑި ކަނޑާލުމާ ދޭތެރޭ ނަގަނީ ދެ މިނިޓެއްހާއިރުގެ ވަގުތުކޮޅެއް ކަމަށާއި "ނެޗުރަލް" ގޮތް ބޭނުންކުރުމުން ކުއްޖާއަށް އަމިއްލައަށް މަޑުމަޑުން ނުކުތުމުގެ ފުރުސަތު ލިބި އަދި މަންމައަށް ކުއްޖާ އުފަންވާތަން ބެލުމުގެ ފުރުސަތު ވެސް ލިބޭކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުއްޖާ އުފަންވުމާ އެކު ފޫޅު ވެސް ނުކަނޑާ މަންމަގެ މޭ މަތީގައި ބާއްވާލުމުގެ ފުރުސަތު ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ސިޒޭރިއަން ހަދަން ޖެހޭ މީހުން ގިނަވެފައިވާއިރު އަހަރެން ގަބޫލުކުރަނީ ނެޗުރަލް ސިޒޭރިއަން އަކީ ވިހެއުމުގެ ހިތްހަމަޖެހުން ތަޖުރިބާއިން މަންމައަށް ލިބޭ ހިތްހަމަޖެހުން އިތުރުވާނެ ކަމެއްހެން،" ޑރ. ޕްލާޓް ވިދާޅުވި އެވެ.

މިހާރު އިނގިރޭސި ވިލާތުގެ ބައެއް ހޮސްޕިޓަލުތަކުގައި މި ޓެކްނިކް ބޭނުންކުރާ ކަމަށް ވެސް ޑރ ޕްލާޓް ވިދާޅުވި އެވެ.