Roadha Mihaaru
އީގަލްސް އަތުން ބަލިވެ ވިކްޓަރީ އަށް އިތުރު ޕްރެޝަރެއް

އީގަލްސް އަތުން ބަލިވެ ވިކްޓަރީ އަށް އިތުރު ޕްރެޝަރެއް

18 މެއި 2016

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ އީގަލްސް އަތުން 3-0 އިން ބަލިވެ ވިކްޓަރީ އަށް އިތުރު ޕްރެޝަރެއް ކުރިމަތިވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ އީގަލްސް އަތުން 3-0 އިން ބަލިވެ ވިކްޓަރީ އަށް އިތުރު ޕްރެޝަރެއް ކުރިމަތިވެއްޖެ އެވެ.

މިރޭގެ ބައްޔާ އެކު ވިކްޓަރީ ލީގުގެ އެންމެ ފުލުގައި އޮތީ ތިން މެޗުން ޕޮއިންޓެއް ނުލިބި އެވެ. އީގަލްސް ވަނީ މިރޭގެ މޮޅާ އެކު ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމު ދެ ވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ.

މިރޭގެ މެޗު ފެށިގެން ވިކްޓަރީން ވަނީ ކުރިން ދެ މެޗަށް ވުރެން ރަނގަޅަށް ކުޅެފަ އެވެ. އެ ޓީމުގެ ބިދޭސީ ފޯވާޑް އޮމޮދޫ ގޮޑްފްރޭ އަށް ލަނޑު ޖަަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު ބޭނުމެއް ނުކުރެވުނެވެ. ވިކްޓަރީ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގުގެ ނަތީޖާ އަކަށްވީ އީގަލްސް އަށް މެޗުގެ ލީޑު ލިބުމެވެ.

ފުރަތަމަ ހާފްގެ ފަހު މިނިޓްގައި އީގަލްސް އަށް ލީޑުނަގައިދިނީ އެ ޓީމަށް ކުޅޭ މިސްރުގެ ފޯވާޑް މުސްތަފާ ސިއްދީގެވެ. ވިކްޓަރީ އޭރިއާ ބޭރުން އަހުމަދު ރިޒްވާން ނަގައިދިން ހިލޭ ޖެހުމަކުން މުސްތަފާ މި ލަނޑު ޖެހީ ބޮލުންނެވެ.

ދެ ވަނަ ހާފުގައި ވިކްޓަރީގެ ކުޅުން ރަނގަޅު ނުކުރެވުނުއިރު އީގަލްސް އިން ވަނީ މޮޅަށް ކުޅެ އިތުރު ދެ ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކުރީ ރިޒުވާނާއި ޒުވާން މިޑްފީލްޑަރު ހަސަން ރާއިފް އަހުމަދެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ - އިމްރާން ނަޝީދު (އީގަލްސް)

އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދު (ވ) މޮޅު ކުޅުންތެރިޔާގެ ޝީލްޑާ ހަވާލުވަނީ.-- މިހާރު ފޮޓޯ: ނިޝާން އަލީ

އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދު (ވ) މޮޅު ކުޅުންތެރިޔާގެ ޝީލްޑާ ހަވާލުވަނީ.-- މިހާރު ފޮޓޯ: ނިޝާން އަލީ

މިރޭގެ މެޗުގައި އީގަލްސްގެ ކެޕްޓަން އިމްރާން ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްދީ ޓީމަށް ފައިދާހުރި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ވިކްޓަރީގެ މެދުތެރެއިން ކުޅުނު ގިނަ ބޯޅަތަކެއް ހުއްޓުވިއިރު އީގަލްސްގެ އެޓޭކްތަކުގައި އޭނާ ވަނީ ބައިވެރިވެފަ އެވެ.

ކޯޗުންގެ ބަސް

ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ އީގަލްސްގެ ފުރަތަމަ ލަނޑާ ހަމަ އަށް ވިކްޓަރީ އަތުގައި މެޗުގެ ކޮންޓްރޯލް އޮތް ނަމަވެސް އީގަލްސް ލަނޑަށް ފަހު މެޗު މުޅިން ބަދަލުވެއްޖެ ކަމަށެވެ.

"އީގަލްސްގެ ފުރަތަމަ ގޯލާ ހަމަ އަށް ފެނުނީ މުޅިން ތަފާތު ވިކްޓަރީ އެއް. ކުރިން ދެ މެޗަށް ވުރެން މާ ރަނގަޅު. އެކަމަކު ފަސޭހަ ގޯލުތަކެއް ވަދެގެން މި ބަލިވީ. އަސްލު ފުޓްބޯޅަ ޓީމަކަށް މެޗެއް ކާމިޔާބުކުރެވޭނީ ކީޕަރުގެ ވެސް ހިތްވަރެއް ލިބިގެން ގޯލާ ދިމާލަށްދާ ކޮންމެ ބޯޅައެއް ވަންނަންޏާ. އެއީ ކުރިމަތިލާން ފަސޭހަކަމަށް ނުވާނެ،" ނަޒީހު ބުންޏެވެ. "ޓްރާންސްފާގައި އިތުރު ކުޅުންތެރިން ގެނެސް ޓީމު އިތުރަށް ރަނގަޅުކުރެވޭނެ،"

އީގަލްސްގެ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ބުނީ ލީގު ބޮޑު ބްރޭކަކަށްދާއިރު ރަނގަޅު ހިސާބެއްގައި އޮތުން އެއީ އެ ޓީމުން ވަރަށް ބޭނުންވި ކަމެއް ކަމަށާއި އެ ޓާގެޓަށް ވާސިލްވުމުން ހިތްހަމަޖެހޭ ކަމަށެވެ.

"ވަރަށް މުހިއްމު މޮޅެއް. މި މެޗުން ފެނިގެން ގޮސްފި މި ޓީމުގައި ރަނގަޅު ސްޓްރައިކަރުން އެބަތިބިކަން. ދެން ޑިފެންސް ވެސް ރަނގަޅު،" ޝާކިއްޓޭ ބުންޏެވެ.

ލީގުގައި ދެން އީގަލްސް އެންމެ އަވަހަށް ކުޅޭނީ އަންނަ މަހު 13 ވަނަ ދުވަހު ޔުނައިޓެޑް ވިކްޓަރީއާ އެވެ. ވިކްޓަރީ ކުޅޭނީ އަންނަ މަހު 12 ވަނަ ދުވަހު މާޒިޔާއާ އެވެ.