Roadha Mihaaru
ކުޅުންތެރިންގެ ޕްރޮފެޝަނަލް ކަމެއް ނެތް: ނަޒީހު

ކުޅުންތެރިންގެ ޕްރޮފެޝަނަލް ކަމެއް ނެތް: ނަޒީހު

18 މެއި 2016

ވިކްޓަރީ ސްޕޯޓްސް ކްލަބަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޓީމުގައި ތިބި ކުޅުންތެރިންގެ ޕްރޮފެޝަނަލް ކަމެއް ނެތުން ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ވިކްޓަރީ ސްޕޯޓްސް ކްލަބަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޓީމުގައި ތިބި ކުޅުންތެރިންގެ ޕްރޮފެޝަނަލް ކަމެއް ނެތުން ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފި އެވެ.

ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ވިކްޓަރީ ވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗުން ލީގުގައި އަލަށް ވާދަކުރާ ޔުނައިޓެޑް ވިކްޓަރީ އަތުން 5-2 އިން ބަލިވިއިރު، ދެ ވަނަ މެޗުން ޓީސީ ސްޕޯޓްސް ކްލަބް އަތުން ބަލިވީ 4-1 އިންނެވެ.

ނަޒީހު ބުނީ ވިކްޓަރީގެ ސީޒަން އަދި ވެސް ސަލާމަތް ކުރެވޭނެ ކަމަށާއި ދެން އޮތް ޓްރާންސްފާގައި އިތުރު ކުޅުންތެރިން ގެނެސްގެން އެ ޓީމުގެ ނަތީޖާތަށް ރަނގަޅު ކުރެވޭނެ ކަމަށެވެ.

"ޖުލައިގެ ކުރިން ޓީމަށް މާ ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ނުދެކެން. އެއީ ޓީމުގައި މިހާރު ތިބި ކުޅުންތެރިންގެ ނެތް ލީގުގެ ގަދަ ހަތަރެއްގައި ވާދަކޮށްލެވޭ ވަރުގެ ޕްރޮފެޝަނަލް ކަމެއް. އިތުރު ކުޅުންތެރިން ބޭނުންވޭ. ފައިސާގެ ގޮތުން ބަލާއިރު މިއީ މި ވަގުތު ފުރަތަމަ ޑިވިޝަންގައި ފާހަގަކޮށްލެވޭ ކްލަބެއް،" އީގަލްސްއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނަޒީހު ބުންޏެވެ.

"ވިކްޓަރީގެ ސީޒަން ގޯސްވާ ހިސާބަކަށް އަދިއެއް ނުދޭ. މި ޓީމު ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް. ބޭނުމީ ޕްރޮފެޝަނަލްކޮށް މިކަމާ އުޅޭ ކުޅުންތެރިން،" ނަޒީހު ބުންޏެވެ.

ވިކްޓަރީން ވަނީ އެ ޓީމުގެ ކެޕްޓަން އިސްމާއިލް ޝަފީއު އާއި ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު މުހައްމަދު (އައްމަޑޭ)ގެ ކޮންޓްރެކްޓް ބާތިލްކޮށްފަ އެވެ. ނަޒީހު ބުނީ މި ދެ ކުޅުންތެރިން ދޫކޮށްލަން ކްލަބުން ނިންމީ މެނޭޖްމަންޓުން ބޭނުންވާ ފެންވަރުގެ ކުޅުމެއް ނުފެނުމުން ކަމަށެވެ.

"އިއްސެ އަކީ ޔުނައިޓެޑް ވިކްޓަރީ ހިންގުމުގައި ވެސް ވަރަށް އިސްކޮށް އުޅޭ ފަރާތެއް. އޭނާ ވިކްޓަރީގައި ބެހެއްޓުމަކީ އަޅުގަނޑުގެ ނިންމުމެއް. އެކަމަކު ކްލަބުން ބޭނުންވި ފެންވަރާ ގާތަށް ވެސް އޭނާ އަށް ޕާފޯމެއް ނުކުރެވޭތީ ކްލަބްގެ މެނޭޖްމަންޓުން އޭނާއާ ވާހަކަ ދެއްކުމަށް ފަހު އޭނާ ބޭނުންވެގެން ދޫކޮށްލީ. އައްމަޑޭ ވެސް ބޭނުން ވެގެން ޓީމުން އޭނަ ދޫކޮށްލީ،" ނަޒީހު ބުންޏެވެ.

ވިކްޓަރީގެ ކޯޗުކަމާ ހަވާލުވީ މި ކްލަބަށް ކާމިޔާބު ހޯދައިދެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށާއި އެ މަސައްކަތް ކާމިޔާބު ކުރުމަށް މެނޭޖްމަންޓްގެ އެއްބާރުލުން ލިބޭނެ ކަމާމެދު ޝައްކުނުކުރާ ކަމަށް ނަޒީހު ބުންޏެވެ.