Roadha Mihaaru
އަގު ބޮޑުކޮށް ތަކެތި ވިއްކަނީ މުދާ ނުބޭލިގެނެއް ނޫން

އަގު ބޮޑުކޮށް ތަކެތި ވިއްކަނީ މުދާ ނުބޭލިގެނެއް ނޫން: އެމްޕީއެލް

01 ޖޫން 2017

ރޯދައަށް މިހާތަނަށް ގެނައި ތަކެތި ބާޒާރުގައި އަގުބޮޑުވާން ޖެހޭ ސަަބަބެއް ނެތް ކަމަށް އެމްޕީއެލްއިން ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރޯދައަށް މިހާތަނަށް ގެނައި ތަކެތި ބާޒާރުގައި އަގުބޮޑުވާން ޖެހޭ ސަަބަބެއް ނެތް ކަމަށް އެމްޕީއެލްއިން ބުނެފި އެވެ.

މާލޭގެ ވިޔަފާރި ބަނދަރު ހިންގާ ކުންފުނީގެ ސީއީއޯ އިބްރާހިމް ހަލީމް މިއަދު ވިދާޅުވީ ރޯދައަށް މިހާތަނަށް ގެނައި އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ބޯޓުން ބާލައި ހުސްކޮށްފައިވާ ކަމަށާއި އެ ތަކެތީގެ އަގުބޮޑުކުރަން ޖެހޭ ސަބަބެއް މިހާރު އޮވެގެން ނުވާނެ ކަމަށެވެ.

ހަލީމް ވަނީ މާލޭގެ ވިޔަފާރި ބަނދަރުގެ ގުދަނުން ތަކެތި ނެރެ ހުސްކޮށްފައިވާ ތަން ދައްކައިދޭ ފޮޓޯއެއް ވެސް އާއްމުކުރައްވައިފަ އެވެ.

"މީގެ ދެ ދުވަސްކުރިން އައި ބޯޓުން ގެނައި މުދާ އިއްޔެ އާއި ރޭގަ ހުސްކޮށްލީ. އަދި އޭގެ ކުރިން އައިސް ހުރި ހުރިހާ އެއްޗެއް ވެސް އެމްޕީއެލްގެ ގުދަނުން ނެރެގެން ގެންގޮސްފައި ވަނީ. އެހެންވީމަ ބޯޓުން އެތަކެތި ބޭލުން ލަސްވެގެން ކަމަށް ބުނެ މިހާރު އަގުބޮޑުކުރާކަށް ނުޖެހޭނެ. އެއީ ހުއްޖަތެއް ނޫން،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭގެ ވިޔަފާރި ބަނދަރަށް އަންނަ ކޮންމެ ބޯޓެއް މިހާރު އެއް ދުވަސްތެރޭގައި ހުސްކޮށްލެވޭ ކަމަށެވެ. އަދި އެ ބޯޓުތަކުން މުދާ ބޭލުމަށް ހާއްސަ ސްޓްރެޓެޖީތައް ރާވައި، ބޯޓުން މުދާ ބޭލުމަށް މުވައްޒަފުން ނެރެ 24 ގަޑިއިރު މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.

"އެއް ދުވަސް ތެރޭގައި މިހާރު ބޯޓެއް ހުސްކޮށްލެވޭ. މިކަމުގައި ކަސްޓަމްސް އާއި ވިޔަފާރިވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ،" އޭނާ ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ އަވަހަށް ހަލާކުވާ ޒާތުގެ މުދާ ބޯޓުން ބޭލުން ލަސްވާ ނަމަ އެ ތަކެތީގެ އަގު އުފުލޭނެ ކަމަށެވެ. އެހެންވެ އެ ތަކެތި ވީހާ އަވަހަށް ބޯޓުން ބާލައިގެން ނެރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޯދައާ ދިމާކޮށް ގެންނަ ތަރުކާރީ އާއި މޭވާގެ އިތުރުން ފިޔާ، އަލުވި އަދި ބިހުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ. އެތަކެތީގެ އަގުތައް ބޮޑުވާން ޖެހޭ މައިގަނޑު ސަބަބެއް ކަމަށް ވިޔަފާރިވެރިން ބުނަނީ މޫސުމް ގޯސްވެގެން އިންޑިއާއިން އެތަކެތި ގެންނަން ދަތިވުމާއި ބޯޓު ފަހަރުން މުދާ ބޭލުން ލަސްވުމުން ކަމަށެވެ.