Roadha Mihaaru
މަހެއްވީއިރު ވެސް ބިހާއި ފިޔާގެ އަގު މައްޗަށް ދަނީ!

މަހެއްވީއިރު ވެސް ބިހާއި ފިޔާގެ އަގު މައްޗަށް ދަނީ!

22 އޯގަސްޓް 2018

އިންޑިއާ އިން ގެންނަ ކުކުޅު ބިހާއި ފިޔާގެ އަގު ތިރިނުވެ، މަތިވާން ފަށައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އިންޑިއާ އިން ގެންނަ ކުކުޅު ބިހާއި ފިޔާގެ އަގު ތިރިނުވެ، މަތިވާން ފަށައިފި އެވެ.

އިންޑިއާގެ ލޮރީ ޑްރައިވަރުން ކުރި ހަޅުތާލާ ގުޅިގެން، މި މަހުގެ ކުރީކޮޅުން ފެށިގެން ފިޔާ އަދި ބިސް ގެނެވުން މަދުވުމުން އެ ދެ ބާވަތު އަގު މަތިވާން ފެށި އެވެ. އާއްމުކޮށް 12ރ. އަށް ލިބޭ ފިޔާ ކިލޯއެއްގެ އަގު މިހާރު ވަނީ 60ރ. އަށް ރުފިޔާ އަށް އުފުލިފަ އެވެ. އަދި ކުރިން 1.50ރ. އަށް ލިބޭ ބިހެއްގެ އަގު މިހާރު ވަނީ 3ރ. އަށް ބޮޑުވެފަ އެވެ.

ރާއްޖެ އަށް ގިނަ އަދަދަކަށް ފިޔާ، ބިސް އެތެރެކުރާ ކުންފުންޏެއްގެ އިސްވެރިއަކު މިރޭ ވިދާޅުވީ ޑިމާންޑާ އެއްވަރަށް ބިހާއި ފިޔާ އެތެރެ ނުކުރެވޭ ކަމަށެވެ. އަދި އެތެރެކުރާ ބާވަތް ބޯޓުން ލަސްވުމުން ޑިމާންޑް އިތުރަށް މަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ކުންފުނިން ބުނީ 20 ޓަނުގެ ފިޔާ އަދި 1،500 ކޭސް ބިސް މިއަދު ރާއްޖެ ގެނައި ކަމަށެވެ. އަދި މާދަމާ ވެސް އެ އަދަދަށް ފިޔާ، ބިސް ގެންނާނެ ކަމަށް ވެސް އެތަކެތި ގެންނަ ކުންފުނިން ބުންޏެވެ.

"ޑިމާންޑް މަތިވާ އެއް ސަބަބަކީ އަޅުގަނޑުމެން ގެންނަ ތަކެތި ބޭލުން ލަސްވުން. މި ބަންދުގެ ކުރީގައި ވެސް ދެތިން ދުވަސް އެބަ ނަގާ ބޯޓެއް ހުސްކުރަން،" އެ ކުންފުނިން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑިމާންޑް ބޮޑުވެ އަގު އުފުލިފައިވާ ފިޔާ، ބިހުގެ އަގު ތިރިކުރެވޭނީ ބޯޓުން މުދާ ހުސްކުރުން އަވަސްކުރެވިގެން ކަމަށެވެ.

"އަޅުގަނޑުމެން އެބަ ގެންނަން ހަފުތާއަކު ތިން ބޯޓުގެ މުދާ. އެއިން ބޯޓަކަށް ވެސް މާގިނައިން ނޭރުވޭ. ނަމަވެސް ގެންނަ ތަކެތި ދުވަހުން ދުވަހަށް ހުސްކުރެވޭ ނަމަ މިހާ އަގު މަތިވެގެން ނުދާނެ،" އެ ބޭފުޅާ ވިދާޅުވި އެވެ.

މާލެ ތެރޭގައި ފިހާރައެއް ހިންގާ މީހަކު ބުނީ ފިޔާ ބަސްތާއެއްގެ އަގު 700ރ. އަށް އެރުމުން ފިޔާ ވިއްކުން ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް މަދުމަދުން ބިސް ވިއްކާ ކަމަށް އޭނާ ބުންޏެވެ.

"މިހާ އަގުބޮޑުކޮށް އެތަކެތި ނުވިއްކަން ވެގެން ނުގެންނަނީ. އަދި އަޅުގަނޑުމެން ބޭނުންވާ މިންވަރަށް ބާޒާރުން އެތަކެތި ނުވެސް ލިބޭ،" އެ ފިހާރައިން ވާހަކަދެއްކި މީހާ ބުންޏެވެ.