Roadha Mihaaru

ޑީޑީގެ މެސެޖް: ކުރިއެރުން ބޭނުންތަ؟ ގުރުބާނީއެއް ވޭ!

ފުވައްމުލަކަށް އުފަން މުހައްމަދު ހަސަން ދީދީ (ޑީޑީ) އަމިއްލަ ދިރިއުޅަމަކާ ކުރިމަތިލި ފުރަތަމަ ދުވަހު ވެސް އަޒުމަކަށްވީ، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައި ރަނގަޅު ދިރިއުޅުމެއް އުޅެވޭނެ މަގެއް އޭނާގެ ދަރިންނަށް ތަނަވަސްކޮށްދިނުމެވެ. އަހަރުގެ އެތައް މަހެއް އާއިލާއާ ވަކިން ހޭދަކޮށް ދިރިއުޅުން ކޮޅަށް ޖެހުމުގައި އޭނާގެ އެންމެ ބޮޑު މަދަދުގާރަކަށްވީ އަންހެނުން ޚަދީޖާ އަބްދުﷲ އެވެ.

ޑީޑީގެ މެސެޖް: ކުރިއެރުން ބޭނުންތަ؟ ގުރުބާނީއެއް ވޭ!
އަހުމަދު އަބުދުﷲ ސައީދު
އަހުމަދު އަބުދުﷲ ސައީދު

29 މެއި 2017

ފުވައްމުލަކަށް އުފަން މުހައްމަދު ހަސަން ދީދީ (ޑީޑީ) އަމިއްލަ ދިރިއުޅަމަކާ ކުރިމަތިލި ފުރަތަމަ ދުވަހު ވެސް އަޒުމަކަށްވީ، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައި ރަނގަޅު ދިރިއުޅުމެއް އުޅެވޭނެ މަގެއް އޭނާގެ ދަރިންނަށް ތަނަވަސްކޮށްދިނުމެވެ. އަހަރުގެ އެތައް މަހެއް އާއިލާއާ ވަކިން ހޭދަކޮށް ދިރިއުޅުން ކޮޅަށް ޖެހުމުގައި އޭނާގެ އެންމެ ބޮޑު މަދަދުގާރަކަށްވީ އަންހެނުން ޚަދީޖާ އަބްދުﷲ އެވެ.

ޑީޑީ އެންމެ ފުރަތަމަ ވަޒީފާއެއްގެ ގޮތުގައި އުޅުނީ ހުޅުލޭ އެއާޕޯޓްގެ ކާތިބެއްގެ މަގާމުގައި މަހަކު 230ރ.ގެ މުސާރަ (މުސާރަ 150ރ. ކޮއްތު 80ރ) އަށެވެ. އާއިލާ ބޮޑުވަމުން ދިޔަ ވަރަކަށް ޒިންމާތައް އިތުރުވުމުން އާމްދަނީ ފުޅާ ކުރުމުގެ ބޭނުމުގައި ސަރުކާރު ދޫކޮށް، ގ. ޕެންޒީމާގޭ ޝާކިރު (މައުސޫމް ޝާކިރުގެ ބައްޕަ)ގެ ކައިރީގައި އިމާރާތް ކުރުމުގެ މަސައްކަތްތަކާ ހަވާލުވި އެވެ.

"ޝާކިރު އަރިހުގައި ތިން އަހަރު އުޅުނު ފަހުން ޝާކިރު އަވަހާރަ ވީމާ ދެން ހިތަށް އެރީ ރަށަށް ބަދަލުވާނިއްޔޭ. ދެން ވަޒީފާއެއް ހޯދަމުން ދަނިކޮށް އަޑު އިވުނީ ގާސިމް ވަރަށް ރަނގަޅު މުސާރަ ދެއްވާ ވާހަކަ. އެހެންވެ ގާސިމަށް ސިޓީއެއް ލީ ވަޒީފާއެއް ހޯދަން. ދެން އަޅުގަނޑު ގެންގޮސް ބައްދަލު ކުރައްވާފަ އަޅުގަނޑު ކުރިން އަދާކުރި ވަޒީފާތަކުގެ ވާހަކަ އައްސަވާފައި ވިދާޅުވި އދ. ދިއްފުށި (މިހާރުގެ ހޮލިޑޭ ރިސޯޓް) ހަދަން އަންނާށޭ،" ޖުލައި 27، 1993 ގައި ވިލާ ކުންފުންޏާ ގުޅުނު ގޮތް ޑީޑީ ވިދާޅުވި އެވެ.

ގާސިމް އިބްރާހީމްގެ ވިލާ ކުންފުންޏަށް، އދ. ނަލަ ގުރައިދޫ (މިހާރުގެ ސަން އައިލޭންޑް) ލިބުނީ ހޮލިޑޭ ރިސޯޓް ހަދައި ނިމެން ކައިރިވެފައި އޮއްވަ އެވެ. އެއާ އެކު ޑީޑީގެ ޒިންމާ ވެސް އިތުރުވި އެވެ.

"ހޮލިޑޭ ހުޅުވީމާ ދެން ބަދަލުވީ ސަން އަށް. ސަން އަށް ބަދަލުވި އިރު އަޅުގަނޑު އެދުނީ ލޯންޑްރީގެ ވަޒީފާއަކަށް. އެކަމަކު ގާސިމް ވިދާޅުވީ މެއިންޓަނެންސް ކަންތަކާ ހަވާލުވާށޭ. އެ މަސައްކަތުގައި މި ހުންނަނީ 1998 ވަނަ އަހަރުން ފެށިގެން. އަޅުގަނޑުމެން މި ރަށަށް އައި އިރު މިއީ ބޯކަށިކޭލާ އެކި ބާވަތުގެ ގަސްތަކުގެ ބޯ ޖަންގައްޔެއް. ސާޅީސް ގުރޫޕު މަސައްކަތް ކޮށްގެން ރަށް ކޮށައި ސާފު ކުރެވުނީ ވެސް އެތައް މަހަކުން. މި ރަށުގައި އަޅުގަނޑުގެ އެންމެ ފުރަތަމަ މަސައްކަތަކަށް ވީ އެ ގުރޫޕްތައް ސުޕަވައިޒް ކުރުން،" ސަން އައިލޭންޑް ރިސޯޓްގައި ހުންނަވައި ދެއްވި އިންޓަވިއުގައި ޑީޑީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 1995-1999 އަށް މަސައްކަތް ކުރީ، ޒަމާނީ ފެންވަރުގެ ރިސޯޓެއްގެ ސިފަ ނަލަގުރައިދު އަށް ގެންނާށެވެ. ރިސޯޓެއް ހުޅުވަން މިހާތަނަށް ބޭއްވި އެންމެ ކުލަ ގަދަ ހަފުލާއާ އެކު ރާއްޖޭގެ އެންމެ ބޮޑު ރިސޯޓްގެ ގޮތުގައި ސަން އައިލޭންޑް ހުޅުވި އިރު 450 ކޮޓަރި ހުރެ އެވެ.

ޑީޑީ ވިދާޅުވި ގޮތުގައި އެ ވަރުގެ ބޮޑު ރިސޯޓެއް ބެލެހެއްޓުމަކީ ވެސް ގޮންޖެހުން ބޮޑު ކަމެކެވެ. ރިސޯޓްގެ މެއިންޓެނަންސްގެ ހުރިހާ ކަމަކާ ހަވާލުވެ ހުންނަނީ އޭނާގެ ދަށުން ތިބޭ 36 މުވައްޒަފުންނާ އެކުގަ އެވެ. އޭގެ ތެރޭގައި ވަޑާންކުރާ މީހުންނާއި ރާނާ މީހުންނާއި ކުލަލާ މީހުން ހިމެނެ އެވެ.

ޑީޑީ: ސަން އައިލޭންޑްގެ ރިސެޕްޝަން ސަރަހައްދުގެ ބަގީޗާ ތެރޭގައި އިންނަވައިގެން "މިހާރު" އަށް އިންޓަވިއު ދެއްވަނީ. ފޮޓޯ ނިޝާން އަލީ/ މިހާރު

ޑީޑީ: ސަން އައިލޭންޑްގެ ރިސެޕްޝަން ސަރަހައްދުގެ ބަގީޗާ ތެރޭގައި އިންނަވައިގެން "މިހާރު" އަށް އިންޓަވިއު ދެއްވަނީ. ފޮޓޯ ނިޝާން އަލީ/ މިހާރު

"އަޅުގަނޑު އޮފީސް ހުޅުވާނެ ހެނދުނު 7:30ގައި. ހުރިހާ މުވައްޒަފުން ހަމަވީމާ އޮންނާނީ 10 މިނެޓްގެ ބްރީފިންއެއް. ދެން އެންމެން މަސައްކަތަށް ދިޔައިމަ އަޅުގަނޑު ނުކުންނާނީ އެމީހުންގެ މަސައްކަތް ހިނގާ ގޮތް ބަލަން. އޭގެ ފަހުން ދެން އަންނާނީ 8.30 ގައި އޮންނަ މެނޭޖަރުންގެ ބައްދަލުވުމަށް. އޭގެ ފަހުން ހެނދުނުގެ ސައި ބޯނީ."

ސަން އައިލޭންޑްގައި އުޅޭ މީހަކަށް ވެސް ޑީޑީ ހޯދުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ. އޮފީހުގައި މަޑުނުވާތީ އެވެ. އެކަމަކު އެއީ އޭނާގެ މަސައްކަތް ކުރަންޖެހޭ ގޮތެވެ. އެހެން މެނޭޖަރުންނާ ޚިލާފަށް ޑީޑީ އަބަދު ވެސް އުޅޭނީ ރިސޯޓްގެ ކޮންމެވެސް ތަނެއްގެ މަރާމާތުގެ މަސައްކަތެއް ހިނގާ ގޮތް ބެލުމުގަ އެވެ. ބައެއް ފަހަރު ޖެޓީ މަތީގަ އެވެ. ނޫނީ ޓޫރިސްޓު ކޮޓަރިއެއް ކައިރީގައި، ނުވަތަ މުވައްޒަފުންގެ ކޮޓަރިތައް ކައިރީގަ އެވެ.

"މީހަކު ނުޖެހޭނެ އަޅުގަނޑަށް މިވެނި ތަނެއް މަރާމާތު ކުރަން ވެއްޖެޔޭ ބުނާކަށް. އަޅުގަނޑު މުޅި ރަށް ބަލާނެ ކޮންމެ ދުވަހަކު. ޖެޓީ ހަލާކު ވިޔަސް، އެހެން ތަނެއް ހަދަން ޖެހިފައި ހުއްޓަސް އަޅުގަނޑަށް އެނގޭނެ. ވަކި ޑިޕާޓްމަންޓަކުން ތަނެއް މަރާމާތު ކުރަން ވެއްޖެއްޔާ ނޫނީ ބަދަލެއް ގެންނަން ވެއްޖެއްޔާ އަޅުގަނޑުގެ ޑިޕާޓްމަންޓަށް އަންގާނީ. ދެން އެވީ އެ ކަމަކާ އުޅެން."

ހެނދުނުން ފެށިގެން ރިސޯޓްގެ އެކި ތަންތަނުގައި އުޅުމަށް ފަހު ޑީޑީގެ މަސައްކަތް މެދުކަނޑާލަނީ އެހެން މުވައްޒަފުންނާ އެކު މެންދުރު 12 ޖެހީމަ އެވެ.

"އެއީ ނަމާދު ވަގުތު. އޭގެ ފަހުން ކައި ނިމިގެން އަނެއްކާ އެކެއް ޖަހާއިރު އޮފީސް ހުޅުވައި މުވައްޒަފުން ސޮއި ކޮށް މަސައްކަތަށް ފޮނުވާލާފައި އަޅުގަނޑު ނުކުންނާނީ އަނެއްކާ ވެސް މަސައްކަތް ހިނގާ ގޮތް ބަލަން. މެނޭޖަރަކަށް ވިޔަސް، މި މަސައްކަތުގެ ގޮތުން މިއީ އޮފީހުގައި އިނދެގެން ކުރެވޭ ކަހަލަ މަސައްކަތެއް ނޫން،" ޑީޑީ ވިދާޅުވި އެވެ.

ޑީޑީ އޮފީހުގެ އިދާރީ މަސައްކަތްތައް ފަށާ ގަޑިއަކީ، އޭނާގެ ދަށުގައި މަސައްކަތް ކުރާ މީހުން ހަވީރު ހަޔެއް ޖެހީމާ މަސައްކަތް ނިންމާފައި ކޮޓަރިތަކަށް ދާ ވަގުތެވެ.

"ރޭގަނޑު މާ ބޮޑު ކެއުންތަކެއް ނޯންނާނެ އަޅުގަނޑުގެ. އިޝާ ނަމާދު ކޮށްލައިގެން ކުޑަކޮށް އަރާމު ކޮށްލާފައި ރޭގަނޑު ނުވައެއް ޖެހީމާ އަނެއްކާ ވެސް އެވީ އޮފީސް ހުޅުވަން. އެއީ ހަގީގަތުގައި އިދާރީ މަސައްކަތަށް ލިބޭ ވަގުތަކީ. އެ ގަޑީގައި އޮންނާނީ އަނެއް ދުވަހު ޗުއްޓީ ލިބެން ޖެހޭ މީހުންގެ ޗުއްޓީގެ ކަންތައް ހަމަޖެއްސުން. އެބައި ނިންމާފައި ދެން ހުންނަ އިދާރީ ކަންތައް ނިންމާލާފައި އޮފީސް ބަންދު ކުރާނީ ރޭގަނޑު ދިހަ ގަޑި ބައި ގައި."

ސަން އައިލެންޑް ރިސޯޓްގެ އިޓަލިއަން ރެސްޓޯރަންޓްގެ މަރާމާތުގެ މަސައްކަތް ކުރިއަށް ދާއިރު، ޑީޑީ އެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބައްލަވަނީ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

ސަން އައިލެންޑް ރިސޯޓްގެ އިޓަލިއަން ރެސްޓޯރަންޓްގެ މަރާމާތުގެ މަސައްކަތް ކުރިއަށް ދާއިރު، ޑީޑީ އެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބައްލަވަނީ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

މަސައްކަތުގައި ކިތަންމެ އަވަދިނެތި އުޅުނަސް ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ޑީޑީ ވަރަށް ސަމާލުކަން ދެއްވަ އެވެ. ކެއުން ވަކި އިމެއްގައި ހިފެހެއްޓުމާއި ކަސްރަތަކީ، މަސައްކަތެކޭ އެއްވަރަށް ޑީޑީ ސަމާލުކަން ދެއްވާ ކަންތަކެވެ.

"ހަވީރު އެއީ އަޅުގަނޑުގެ ކަސްރަތު ގަޑި. ޗެއާމަން ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމެއް އެއީ، ހުރިހާ މުވައްޒަފުން ވެސް ކުޅިވަރު ކުޅެ ކަސްރަތު ކޮށް ފުރިހަމަ ސިއްހަތުގައި ތިބުމަކީ. އަޅުގަނޑުގެ ކުޅިވަރަކީ މޫދަށް އެރި ފެތުން. އެކަން އަޅުގަނޑު ކުރާނެ ކޮންމެ ދުވަހަކު ވެސް."

ވިލާ ކުންފުނީގެ ވަޒީފާއާ އެކު އަމިއްލަ ރަށާ ދުރުގައި ހުންނަން ޖެހުމަކީ، މި ޒަމާނުގެ މުވާސަލާތީ ފަސޭހަތައް އެއްގޮތަކަށް ވެސް ނެތް އެ ދުވަސްވަރު އާއިލާއާ އެތައް މޭލެއް ދުރުގައި ހުރުން ޑީޑީ އަށް ވެސް ފަސޭހަ ކަމަކަށް ނުވި އެވެ. ނަމަވެސް ދަރިންގެ ކުރިމަގަށްޓަކައި އޭނާ އިޚްތިޔާރު ކުރީ ކެތްތެރިކަމުގެ މަގެވެ.

"އޭރު އަންހެނުންނަށް އެއްޗެއް އަންގާލަން ޖެހުނަސް ހަދާ ގޮތަކީ، ސިޓީއެއް ލިޔެފައި ހޮލިޑޭން މާލެ ދާ ދޯންޏެއްގައި ފޮނުވަނީ މާލެ އަށް. ދެން މާލޭން ރައްޓެއްސަކު އެ ސިޓީއާ ހަވާލުވެފައި އެ ސިޓީ ދެން ލާނީ ފޯއްމުލަކަށް ދާ ބޯޓަކަށް. ފަހަރެއްގައި މާލެ އަށް ސިޓީ ދާއިރު، ފޯއްމުލަކު ބޯޓެއް މާލޭގައި ނެތިއްޔާ ބޯޓެއް އަންނަންދެން މަޑު ކުރާނީ. ދެން ފޯއްމުލަކަށް އެ ސިޓީ ގޮސް އަންހެނުންނަށް ލިބިގެން އޭނާ ކިޔާފައި ޖަވާބު ލިޔެފައި އަނެއްކާ ފޮނުވާނީ މާލެ އަށް. ދެން މާލޭން އެ ސިޓީ ލާނީ ހޮލިޑޭ އަށް މުދާ ހިފައިގެން އަންނަ ދޯންޏަކަށް ނޫނީ ޓޫރިސްޓުން ގޮވައިގެން އަންނަ ލޯންޗަކަށް. އެހެންވީމާ ސިޓީއެއް ފޮނުވީމާ އޭގެ ޖަވާބު ލިބެން ވިހި ފަންސަވީސް ދުވަސް ވެސް ނަގާނެ ބައެއް ފަހަރު،" ޑީޑީ ވިދާޅުވި އެވެ.

އާއިލީ ބީރައްޓެހިކަމުގައި ހުރެގެން ވެސް ޑީޑީ ބޭނުންވީ އޭނާގެ މަސައްކަތުގައި އިތުރަށް ކުރިއަށް ދާށެވެ. ވަރަށް ބޮޑު އަމާޒެއް ހިތުގައި އޮތުމުންނެވެ. އެއީ ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމެވެ.

"އަޅުގަނޑު މި މަސައްކަތުގައި އުޅެގެން ދަރިން ބަލައި ބޮޑުކޮށް ތައުލީމު ހޯދައިދިނީ. އަޅުގަނޑު އާމްދަނީ ހޯދަން މަސައްކަތް ކުރަނީ. ހުއްދަ ނޫން ގޮތުގައި ފައިސާއެއް ނުހޯދަން. މީހެއްގެ މުދަލެއް އަތުލައިފައެއް ނޯންނާނެ. އަންހެނުންގެ ވަޒީފާއަކީ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުން. އެކަން އަންހެނުން ވަރަށް ފުރިހަމަ އަށް ކުރި. އިރާދަ ކުރެއްވިއްޔާ ހުރިހާ ދަރިން ބޮޑެތިވެފައިވާ އިރު ވެސް، އެ ކުދިންނަކީ ރަނގަޅު ކުދިން. އެއްވެސް ދަރިއެއްގެ މައްސަލައެއް ނެތް،" ޑީޑީ ވިދާޅުވި އެވެ.

ސަން އައިލެންޑް ރިސޯޓްގެ މައި ފާލަމުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ދާއިރު، ޑީޑީ އެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބައްލަވަނީ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

ސަން އައިލެންޑް ރިސޯޓްގެ މައި ފާލަމުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ދާއިރު، ޑީޑީ އެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބައްލަވަނީ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

އާއިލާއާ ދުރުގައި ހުރެ ބުރަކޮށް މަސައްކަތް ކުރިޔަސް، އޭނާގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނާގެ މަސައްކަތާ މެދު ކުންފުނީގެ ވެރިން ކުރައްވާ އިތުބާރެވެ. މި ރިސޯޓްގެ އިސް ވެރިން ވެސް ވިދާޅުވާ ގޮތުގައި ޑީޑީ އޭނާގެ މަސައްކަތް ފުރިހަމަ ކުރައްވަނީ ވަޒީފާއެއް އަދާކުރުމުގެ ގޮތަކުން ނޫނެވެ. ޑީޑީގެ އަމިއްލަ މަސައްކަތެއްގެ ގޮތުގައި ދެކިގެންނެވެ.

"ގާސިމް ވަރަށް ހެޔޮފުޅު. އެއީ ހަމަ މާސްޓާ މައިންޑެޑް ބޭފުޅެއް. އަދި ހަމަ އެހާމެ ދީލަތި ބޭފުޅެއް އެއީ. އަޅުގަނޑު ކަމަކު އެދިއްޖެއްޔާ އެ ކަމެއް ކޮށްދެއްވާނެ. ކޮންމެ މުވައްޒަފަކަށް ވެސް އެހީތެރިވެދެއްވާނެ. އެހެން ވީމާ ވިލާ ދޫކޮށްލާފައި ދިއުމުގެ ވިސްނުމެއް ނުގެންގުޅެން. ތަފާތު ތަންތަނުގައި އުޅުމަކީ ރަނގަޅު ކަމެއް ނޫން. މީހުންގެ އިހުތިރާމެއް ނުލިބޭނެ އަބަދު ވަޒީފާ ބަދަލު ކުރަންޏަކާ. ދިވެހިން ވަޒީފާ އަދާ ކުރަން ވިލާ ވަރުގެ ތަނެއް ނެތް. ކެއުން އެހާ ފުރިހަމަ. ކުޅިވަރު ކުޅެ މަޖާ ކުރެވެން އެބަ ހުރި. އަމިއްލަ ރަށުން ވެސް ނުލިބޭހާ މީރު ފެން އެ ހުރީ ލިބެން. ކޮންމެ މުވައްޒަފަކު ވެސް ދިރިއުޅޭނީ އެއާކޯން ކުރި ކޮޓަރިތަކުގައި."

ޑީޑީ ވިދާޅުވި ގޮތުގައި އޭނާ ވިލާގައި ހޭދަ ކުރި ދިގު މުއްދަތުން ޔަގީން ވީ، ވިލާއަކީ ވަޒީފާގައި ދެމި ހުރުމަށާއި އެމީހެއްގެ ފަންނުގައި ކުރިއަރައި ދިއުމަށް ވެސް އޮތް އެންމެ ރަނގަޅު ވަޒީފާގެ މާހައުލު ކަމެވެ. ނަމަވެސް ގިނަ ދިވެހިންގެ މައްސަލައަކީ އަމިއްލަ މަސައްކަތުން ކުރިއަރައި ދާން އުޅުމުގެ ބަދަލުގައި، އެންމެ ފުރަތަމަ ވެސް ބޮޑު މުސާރަ ބޭނުންވުމެވެ.

ނަމަވެސް ޑީޑީ ސާބިތު ކޮށްދެއްވީ ވަޒީފާގައި ދެމި ހުރެވޭނީ ވެސް އަދި ވަޒީފާގެ ދާއިރާ އިން ކުރިއަށް ދެވޭނީ ވެސް، ގުރުބާނީތަކެއް ވެގެން ކަމެވެ. އަދި ވަޒީފާއަކީ ހަމައެކަނި މުސާރައަށްޓަކައި ކުރާ ކަމެއްގެ ބަދަލުގައި އަމިއްލަ ވާޖިބަކާއި ޒިންމާއެއް ކަމުގައި ދެކިގެންނެވެ. ދަރިންނަށް ވެސް އޭނާ ދޭން ބޭނުންވީ އެ މެސެޖެވެ.