Roadha Mihaaru
ކަޓަމަރާނެއްގައި ނުކުތް ބިދޭސީއަކު ގެއްލިގެން ހޯދަނީ

ކަޓަމަރާނެއް ދުއްވަން ނުކުތް ބިދޭސީއަކު ގެއްލިގެން ހޯދަނީ

25 މެއި 2017

ކަޓަމަރާނެއްގައި މިއަދު ކަނޑުމައްޗަށް ނުކުތް ސްރީ ލަންކާގެ މީހަކު ގެއްލިގެން ކޯސްޓް ގާޑުން ހޯދަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކަޓަމަރާނެއްގައި މިއަދު ކަނޑުމައްޗަށް ނުކުތް ސްރީ ލަންކާގެ މީހަކު ގެއްލިގެން ކޯސްޓް ގާޑުން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ އދ. އަތުރުގަ ރިސޯޓުގެ ވޯޓާ ސްޕޯޓްސްގައި މަސައްކަތް ކުރާ އެ މީހާ ގެއްލިގެން ރިޕޯޓް ކޮށްފައި ވަނީ މިއަދު މެންދުރު 12:50 ހާއިރު ކަމަށެވެ. އެކަމަކު މެންދުރު 12:15 އިން ފެށިގެން އޭނާގެ ޚަބަރެއް ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

އޭނާ ކަނޑުމައްޗަށް ނުކުތީ 15 ވަރަކަށް ފޫޓުގެ ކަޓަމަރާނެއްގަ އެވެ.

އދ. މަހިބަދޫގައި އޮތް ސީ އެމްބިއުލާންސް އިން އަތުރުގަ ހިމެނޭ ސަރަހައްދު ބަލަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ރިސޯޓު ސަރަހައްދުގެ މޫސުން ވެސް ގޯސް ކަމަށާއި ރިސޯޓުގެ އުޅަނދުތަކުން ވެސް އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.