Roadha Mihaaru
ބިލު ނުދައްކާ ކައުންސިލް އިދާރާތަކުން ކަރަންޓު ކަނޑަނީ

ބިލު ނުދައްކާ ކައުންސިލް އިދާރާތަކުން ކަރަންޓު ކަނޑަނީ

17 މެއި 2017

ބައެއް ކައުންސިލް އިދާރާތަކުން ކަރަންޓު ބިލް ނުދައްކާތާ ގިނަ ދުވަސްތަކެއް ވުމުން އެ ތަންތަނުން ކަރަންޓު ކަނޑަން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ބައެއް ކައުންސިލް އިދާރާތަކުން ކަރަންޓު ބިލް ނުދައްކާތާ ގިނަ ދުވަސްތަކެއް ވުމުން އެ ތަންތަނުން ކަރަންޓު ކަނޑަން ފަށައިފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނިގޮތުގައި މިދިޔަ ހަފުތާއިން ފެށިގެން ގާތްގަނޑަކަށް 25 ކައުންސިލް އިދާރާއަކުން ވަނީ ކަރަންޓު ކަނޑާލައިފަ އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ބައެއް ކައުންސިލްތަކުން ކަރަންޓު ބިލް ނުދައްކާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި މިހާތަނަށް 80 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އެ ތަންތަނުން ފެނަކައަށް ނުލިބި އެބަހުރި ކަމަށެވެ. އެހެންވެ، އެ ފައިސާ ހޯދުމުގެ ގޮތުން ކައުންސިލްތަކުން ކަރަންޓު ކަނޑަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާއްމު ރައްޔިތެއްގެ ގެއަކުން ކަރަންޓު ބިލް ނުދައްކާތާ ދެ މަސް ވާއިރަށް އެބަ އަޅުގަނޑުމެން ކަރަންޓު ކަނޑާލަން. އެކަމަކު ކައުންސިލްތަކާއި ސަރުކާރުގެ އިދާރާތަކުން ކަރަންޓު ބިލް ނުދައްކާތާ އެތަކެއް މަހެއްވާއިރު ވެސް އަޅުގަނޑުމެން ކަނޑައެއް ނުލަން. އޭގެ ސަބަބުން އެ ތަންތަނުން ބިލްތައް ނުދައްކައި އެތައް މިލިޔަން ރުފިޔާއަށް އެބަ އަރާ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިސްޓްރީތަކުގެ އިދާރާތަކުން ކަރަންޓު ބިލް ނުދެއްކުމުން، އެކަން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ސަމާލުކަމަށް ގެންނަ ކަމަށެވެ. އެކަމަކު ކައުންސިލްތަކުގެ ބިލް ނުދެއްކުމުން ކައުންސިލްތަކުގެ ބެލެނިވެރިޔާ، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ސިޓީ ފޮނުވުމުން، ބިލްތައް ދެއްކުމަކީ ކައުންސިލްތަކުގެ ޒިންމާއެއް ކަމަށް ބުނެފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން ދާނެ އިތުރު ދިމާއެއް ނެތް. މިގޮތަށް ކަރަންޓު ބިލް ނުދައްކާ ހުރުމުން ފެނަކައިގެ އޮޕަރޭޝަންތަކަށް ވެސް އެބަ ބުރޫ އަރާ،" އޭނާ ވިދާޅުވި އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ކައުންސިލްތަކުން ކަރަންޓު ކަނޑަން ފެށީ ފައިސާ ލިބޭނެ އެހެން ގޮތެއް ނެތުމުން ކަމަށް ވިދާޅުވި

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ކައުންސިލްތަކުން ކަރަންޓު ކަނޑަން ފެށީ ފައިސާ ލިބޭނެ އެހެން ގޮތެއް ނެތުމުން ކަމަށް ވިދާޅުވި

ޝަރީފް ވިދާޅުވީ ކައުންސިލްތަކުން ކަރަންޓު ކަނޑަން ފެށުމުން ވަރަށް އަވަހަށް ބިލްތައް ދައްކާ ކަމަށެވެ. އެގޮތުން އިއްޔެގެ ނިިޔަލަށް 10 ކައުންސިލަކުން ބިލް ދައްކާފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަރަންޓު ބިލު ދެއްކުމަށް ކައުންސިލްގެ ބަޖެޓްގައި ކަނޑައަޅާފައިވާ ފައިސާއިން، ބައެއް ކައުންސިލްތަކުން އެހެން ކަންކަމަށް ވެސް ބޭނުން ކުރާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބިލް ދައްކާނެ ފައިސާ ނެތިގެން ފިނޭންސް މިނިސްޓްރީގައި އެދޭ ކަމަށް ވެސް ވިދާޅުވި އެވެ.

ކައުންސިލް އިދާރާތަކުގެ އިތުރުން ބައެއް ރަށްރަށުގެ މަގުބައްތިތަކުން ވެސް ވަނީ ކަރަންޓު ކަނޑާލާފަ އެވެ.

"މިހާރު"ން ގުޅި ބައެއް ކައުންސިލްތަކުން ބުނީ ފިނޭންސް މިނިސްޓްރީއާ ގުޅައިގެން، ކަރަންޓު ބިލް ދައްކާނެ ފައިސާ ހޯދުން އަބަދުވެސް އުނދަގޫ ކަމަށާއި ކޮންމެ މަހަކު ވެސް އެތައް ފަހަރަކު މިނިސްޓްރީއަށް ގުޅަން ޖެހޭ ކަމަށެވެ. އަދި ގިނަ ފަހަރު ބިލްތައް ދައްކަނީ ދެތިން ހަތަރު މަސް ފަހުން، ފިނޭންސުން ފައިސާ ހަމަޖެހުމުން ކަމަށް ކައުންސިލުތަކުން ބުންޏެވެ.