Roadha Mihaaru
ޗައިނާ ސްމާޓްފޯނުތައް އެހާ އަގު ހެޔޮ ސަބަބަކީ ކޮބާ؟

ޗައިނާ ސްމާޓްފޯނުތައް އެހާ އަގު ހެޔޮ ސަބަބަކީ ކޮބާ؟

09 މެއި 2017

ޗައިނާ ސްމާޓްފޯނުތައް އެހާ އަގު ހެވީ ފެންވަރު ދަށް ކަމަކުން ނޫނެވެ. ޗައިނާގައި އުފައްދާ ވިޔަފާރި މުދާ އަގު ހެޔޮވުމުގައި ގިނަ ސަބަބުތަކެއް ފާހަގަކުރެވެ އެވެ. އެކަމަކު މި ފަހަރު ސްމާޓްފޯނާ ބެހޭ ގޮތުން ވާހަކަދައްކަން ޖެހިފައި ވާތީ ބަލައިލާނީ އެ ސިނާއަތަށެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ޗައިނާ ސްމާޓްފޯނުތައް އެހާ އަގު ހެވީ ފެންވަރު ދަށް ކަމަކުން ނޫނެވެ. ޗައިނާގައި އުފައްދާ ވިޔަފާރި މުދާ އަގު ހެޔޮވުމުގައި ގިނަ ސަބަބުތަކެއް ފާހަގަކުރެވެ އެވެ. އެކަމަކު މި ފަހަރު ސްމާޓްފޯނާ ބެހޭ ގޮތުން ވާހަކަދައްކަން ޖެހިފައި ވާތީ ބަލައިލާނީ އެ ސިނާއަތަށެވެ.

ސްމާޓްފޯނުތަކުގެ ވާހަކަ ދައްކާއިރު އޭގެ ބައިތަކަށް ބަލައިލަން ހިނގާށެވެ. ޒަމާނީ ފޯނުތައް ތުންޏެވެ. ލުޔެވެ. ލޫޅާފައްޗެވެ. ޗައިނާ ފޯނުތަކުގައި ވެސް މި ސިފަތައް ހުރެ އެވެ. އެކަން އެ ގޮތަށް ވަނީ ޑިޒައިނަރުންގެ ސަބަބުންނެވެ. ފޯނު ޑިޒައިންކުރާ އިންޖިނޭރުންގެ ސަބަބުންނެވެ.

އަގު ހެޔޮ ފޯނުތަކުގައި ވަކިވަކި ޗިޕްތަކެއް ނުހުރެ އެވެ. ސްމާޓްފޯނަކަށް ބޭނުންވާ މަސައްކަތްތައް ކުރުވުމަށް ޗިޕް ޑިޒައިންކުރަނީ އެއިން ގިނަ ބޭނުން ފުދޭ ގޮތަށެވެ. މިސާލަކަށް "އާރުއެފް"، ޕަވާމެނޭޖްމަންޓް، ވީޑިއޯ/ގްރެފިކްސް އަދި އޯޑިއޯ ފަދަ ގިނަ ބޭނުންތައް އެއް ޗިޕަކުން ފުއްދާލެވެ އެވެ. މިއީ ފޯނުގެ ފެންވަރު ދަށްވުމަށް އޮތް ސަބަބެއް ނޫނެވެ. އެކަމަކު، އެއް ފެންވަރެއްގައި އަދި ހަމަހަމަ އަގުތަކެއްގައި ފޯނުތައް މާކެޓުކުރަން ފަސޭހަ އުކުޅެކެވެ.

"ސިލިކަން ކޮމްޕޯނެންޓް"ތައް އަގު ހެޔޮވުމަކީ ވެސް ސްމާޓްފޯނުތައް އަގު ހެޔޮވުމަށް އޮތް ސަބަބެކެވެ. ޗައިނާގައި "ސިލިކަން ކޮމްޕޯނެންޓް"ތައް އުފައްދާ ކުންފުނިތައް ގިނަވެފައި ވާދަވެރިކަން އިންތިހާ އަށް ބޮޑުވުން ވެފައި ވަނީ އަގު ހެޔޮ އިލެކްޓްރޯނިކްސް އުފެއްދުމަށް އޮތް ރަނުގެ ފުރުސަތަކަށެވެ.

ސިލިކަން ކޮމްޕޯނެންޓްތައް ވާދަވެރި މާކެޓްގައި އަގު ހެޔޮވުމަކީ ސްމާޓްފޯން އަގު ހެޔޮވުމަށް އޮތް އެންމެ ބޮޑު ސަބަބު

ސިލިކަން ކޮމްޕޯނެންޓްތައް ވާދަވެރި މާކެޓްގައި އަގު ހެޔޮވުމަކީ ސްމާޓްފޯން އަގު ހެޔޮވުމަށް އޮތް އެންމެ ބޮޑު ސަބަބު

ޗައިނާގައި މަސައްކަތު މީހެއް، އިންޖިނޭރެއް އަދި ވަޑިއެއް ތަފާތެއް ނެތެވެ. އެހެން އެއްވެސް ގައުމަކާ އަޅާ ނުކިޔޭ ވަރު ހެޔޮ އަގުގައި ކޮންމެ މަސައްކަތެއް ވެސް ކުރެވެ އެވެ. ޑިޒައިން އިންޖިނޭރުންނަށް ބެލި ނަމަވެސް، ހުޅަނގަށް ވުރެ ހާސް ގުނަ ހެޔޮ އަގުގައި، ހަމަ އެއް މަސައްކަތެއް ކޮށްދިނުމަށް، ހާސް މީހުން ކިޔޫގައި ފޫގަޅައިގެން އަބަދު ވެސް ތިބެ އެވެ.

ސްމާޓްފޯން މާކެޓްކުރުމަކީ ޗައިނާގައި އަދި ނެތް ކަމެއް ކަމަށް ވެސް ބުނެވިދާނެ އެވެ. މާނަ އަކީ އިސްތިހާރުކުރުމަށް ހިނގާ ޚަރަދު ފޫބައްދަން އެއްވެސް ކަމެއް ކުރަން ނުޖެހުމެވެ. އާބާދީ އިންތިހާ އަށް ބޮޑު ގައުމަކަށް ވާތީ، ދަތްކޮއްޓާ އިލޮށްޓެއް މަގަށް އެއްލި ނަމަވެސް، އެ ހޮވަން ލައްކަ މީހުން ދުވާނެ އެވެ.

ސްމާޓްފޯނެއް އުފެއްދުމަކީ ޗައިނާގައި، އަތްގާތްކޮށްދޭނެ މީހަކު ލިބިއްޖެ ނަމަ، ހަމަ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ. ޗައިނާގައި ސްމާޓްފޯން އުފައްދާ ކުންފުނިތައް އެހައި ވެސް ގިނަ އެވެ. ސްމާޓްފޯނެއް އުފެއްދުން އެހައި ފަސޭހަ ކަމަކަށް ވަނީ، ކުރިން ބުނިހެން، ގިނަ ބޭނުން އެއް ޗިޕަކުން ފުއްދޭތީ އެވެ. ދެ ޗިޕެއް ގުޅުވާލައި "ގޮރިއްލާ ގްލާސް" އަޅުވާލުމުން އެ އޮތީ ފޯނެކެވެ.

ޗައިނާގައި އުފައްދާ ސްމާޓްފޯނުތައް އަގު ހެޔޮވާ ސަބަބާ ބެހޭ ގޮތުން އެއްޗެއް އެނގިއްޖެ ކަމަށް އުންމީދުކުރަމެވެ. އެކަމަކު އަދި ވެސް ބުނަމެވެ. ޗައިނާގައި އުފައްދަނީ ހަމައެކަނި އަގު ހެޔޮ ފޯނުތަކެއް ނޫނެވެ.