Roadha Mihaaru
މިއީ ރައްޔިތުން ދެއްކި އެންމެ ބޮޑު ހިތްވަރު: ނަޝީދު

މި ވޯޓަކީ ރައްޔިތުން މިހާތަނަށް ދެއްކި އެންމެ ބޮޑު ހިތްވަރު: ނަޝީދު

07 މެއި 2017

ސަރުކާރުގެ ބިރުދެއްކުމާއި ފިއްތުންތަކާއި ނުފޫޒާ އެކު އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަކީ ދިވެހިރާއްޖޭގެ ސިޔާސީ ހަޔާތުގައި ދިވެހިން މިހާތަނަށް ދެއްކި އެންމެ ބޮޑު ހިތްވަރު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރުގެ ބިރުދެއްކުމާއި ފިއްތުންތަކާއި ނުފޫޒާ އެކު އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަކީ ދިވެހިރާއްޖޭގެ ސިޔާސީ ހަޔާތުގައި ދިވެހިން މިހާތަނަށް ދެއްކި އެންމެ ބޮޑު ހިތްވަރު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސްރީ ލަންކާގައި ހުންނެވި ނަޝީދު "މިހާރު" އަށް ވިދާޅުވީ އެމްޑީޕީ އާއި އިދިކޮޅު އެހެން ޕާޓީތަކުން މި އިންތިހާބަށް ނިކުތީ ސަރުކާރުން ކުރިމަތިކުރިވި ހުރަސްތަކާއި ދަތިތަކަކާ އެކުގައި ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނަވައި ހުރިހާ ބާރަކާއި ނުފޫޒެއް ބޭނުންކުރެއްވިއިރު ވެސް އިންތިހާބުގެ އަޣުލަބިއްޔަތު އިދިކޮޅު ފަރާތްތަކަށް ލިބުމަކީ، ނަޝީދު ވިދާޅުވި ގޮތުގައި، ވަރަށް ބޮޑު ކާމިޔާބީއެކެވެ.

"ހުރިހާ ދަތިތަކުގެ ތެރެއިން ކާމިޔާބު ހޯދުން މިއީ، މިހާތަނަށް އެމްޑީޕީ އަށް ވެސް ލިބުނު ކާމިޔާބީތަކުގެ ތެރެއިން ބޮޑު ކާމިޔާބީއެއް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލްތަކުގެ ސާފު ޣައުލަބިއްޔަތާއި ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީ އަށް ދިނުމަކީ ރައީސް ޔާމީނަށް ވަރަށް ބޮޑު ތަނުން ރައްޔިތުން "ނޫނެކޭ" ބުނުމެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ވަގުތު ކުޑަތަންވެފައިވާ ކަން ވެސް މި ވޯޓުން ދައްކާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައީސް ޔާމީނާ އެކު ތިބެވެން ނެތް ކަން ވެސް ލޯކަލް އިންތިހާބުގެ ނަތީޖާ އިން ރައްޔިތުން ވަނީ ސާފުކޮށްދީފައި ކަމަށެވެ. އެހެންވެ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެމަނިކުފާނު ވަގުތުން ޖަވާބު ދެއްވަން ފެއްޓެވުމަށް ވެސް ނަޝީދު ގޮވާލައްވައިފި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ރައްޔިތުންނާ ދެކޮޅަށް ކުރެއްވި އެކަމަކު ރައްޔިތުން ބަލައި ނުގަތް ކަންކަން ރައީސް ޔާމީނަށް ސާފުވެވަޑައިގަންނަވާނެ އެވެ. އެކަންކަން ރަނގަޅު ނުކުރައްވައި އެންމެ ހިނދުކޮޅަކު ވެސް ވެރިކަމުގައި ދެމިހުންނެވުމުގެ ހައްގެއް އެމަނިކުފާނަށް ލިިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ވެރިކަމުގައި ހުންނަވައި ހުރިހާ ބާރުތަކެއް ބޭނުންކުރައްވައިގެން ވެސް މި އިންތިހާބުގައި ރައީސް ޔާމީނަށް ލިބިވަޑައިގަތީ 20-24 ޕަސެންޓުގެ ވޯޓު ކަމަށެވެ. ރާއްޖޭގެ ފުލުހުންނާއި ސިފައިންނާއި ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކަށް ވެސް މި ނަތީޖާ ބަލައި، ރައްޔިތުން ތިބި ގޮތް ސާފުވާން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރައްޔިތުން ކަންބޮޑުވާ ކަންކަމާ ގުޅޭ ގޮތުން އަވަހަށް ޖަވާބެއް ދެއްވަން ފައްޓަވާ. އަޅުގަނޑު ދެކޭ ގޮތުގައި މި ވަގުތުން ވަގުތަށް ގާސިމް އިބްރާހިމް ދޫކޮށްލުމަކީ މުހިއްމު ކަމެއް. ހަމައެއާ އެކު ޕާޓީތަކުގެ ލީޑަރުންނާއި ބަންދުކޮށްފައި ތިބި އެހެން ލީޑަރުން ވެސް ދޫކޮށްލަން ޖެހޭ މިއަދު. މި އިންތިހާބުގެ ނަތީޖާއާ ގުޅިގެން އެ ނިންމުން ރައީސް ޔާމީން ނިންމަވަން އެބަ ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެންނަށް ސުލްހަވެރި ސިޔާސީ ހަރަކާތް ރާއްޖޭގައި ހިންގޭނެ ގޮތަކަށް އިންތިޒާމްތައް އެބަ ހަމަޖައްސަވަން ޖެހޭ، އެއީ ރައީސް ޔާމީން ކޮންމެހެން ކުރަން ޖެހިވަޑައިގަންނަވާ ކަމެއް. އިތުރު ބަހަނާތައް ނުދައްކަވައި އެގޮތަށް އަމަލުކުރައްވަން ޖެހޭ."

ލޯކަލް ކައުންސިލް އިނތިްހާބުގެ ވޯޓުލުން ނިންމާލި ވޯޓު ފޮއްޓެއްގެ ވޯޓު ގުނަމުންދާއިރު، މޮނީޓަރުންނާއި އޮބްޒާވަރުން މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ލޯކަލް ކައުންސިލް އިނތިްހާބުގެ ވޯޓުލުން ނިންމާލި ވޯޓު ފޮއްޓެއްގެ ވޯޓު ގުނަމުންދާއިރު، މޮނީޓަރުންނާއި އޮބްޒާވަރުން މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ނަޝީދު ވިދާޅުވި ގޮތުގައި އިންތިހާބާ ހަމައަށް ދިޔައިރު މުޅި ލާމަރުކަޒީ ނިޒާމުގެ ބާރު އޮތީ ކަނޑުވާލައިފަ އެވެ. މިއީ އެކަށީގެންވާ ނިޒާމެއް ނޫން ކަމަށާއި ހުރިހާ ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރޭގައި އޮންނަ ނިޒާމަކަށް ހަދަން ރައީސް ޔާމީން ގާނޫނުތަކަށް އިސްލާހު ގެނައުމާއި އެ ނޫން ގޮތްގޮތުން ވެސް އެތައް މަސައްކަތްޕުޅެއް ކުރެއްވި ކަމަށް ވިދާޅުވި އެވެ.

ލޯކަލް އިންތިހާބުގެ ވޯޓުލުން ބޭއްވިއިރު ރާއްޖޭގެ ހާލަތު ސިފަކޮށްދެއްވަމުން ނަޝީދު ވިދާޅުވީ ސިޔާސީ ހުރިހާ ލީޑަރުން ތިއްބެވީ ނުހައްގުން ބަންދުކޮށްފައި ކަމަށެވެ. އެއާއެކު އެއްވެއުޅުމާއި ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިމަތިކުރުވި ހުރަސްތަކާއި ސިޔާސީ ހަރަކާތް ހިންގަން ޖާގަ ނުދިނުމާއި އިދިކޮޅު ކެމްޕޭންތަކަށް ހުރަސްއެޅުން ފަދަ އެތައް ދައްޗެއް ކުރިމަތިކުރި ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީންގެ އިގްތިސާދީ އެއްވެސް ސިޔާސަތެއް ނެތް ކަމަށާއި ދަރަނި އިންތިހާ އަށް ބޮޑުވުމާއި އާމްދަނީ އިތުރުނުވެ ކޮރަޕްޝަނާއި މަނީލޯންޑެރިންގެ އަމަލުތައް ހިންގުން ފަދަ ކަންކަން ރައްޔިތުންނަށް ފެނި، އެ ކަންކަމަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ. އަދި ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވައި އެ ނިޒާމް ގަޑުބަޑުކޮށްފައިވާ މިންވަރަށް ވެސް މި ވޯޓުގައި ރައްޔިތުންގެ ބަސް އިއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި ސޯޝަލް މީޑީއާ އެކްޓިވިސްޓު ޔާމީން ރަޝީދު މަރަށް އިންސާފު ހޯދައި ނުދޭ މަންޒަރު ވެސް މި ވޯޓާ ހަމައަށް ރައްޔިތުން ތިބީ ބަލަން ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އިންތިހާބުގެ ނަތީޖާއާ ގުޅިގެން، ބޭރުގެ ފަރާތްތައް ބައިވެރިކޮށްގެން ޔާމީން ރަޝީދުގެ މަރުގެ މިނިވަން ތަހުގީގެއް ރައީސް ޔާމީން ހިންގަވަން ޖެހޭ ކަމަށެވެ. އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމާއި ލާމަރުކަޒީ ގާނޫނާއި ސިޔާސީީ ނިޒާމް ހަލާލުކޮށްލަން ގެނައި ބަދަލުތައް ވެސް ވަގުތުން އިސްލާހުކުރަން ނަޝީދު ގޮވާލެއްވި އެވެ.