Roadha Mihaaru
އޮބާމާކެއާ "މަރުވެއްޖެ" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އޮބާމާކެއާ މަރުވެއްޖެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

05 މެއި 2017

ވޮޝިންޓަން (މެއި 5) - ކޮންގްރެސްގެ ދަށު ގޭގެ ވަރަށް ހަނި އަޣުލަބިއްޔަތުން ރިޕަބްލިކަން ޕާޓީގެ ސިއްހީ އިންޝުއަރެންސްގެ ބިލް ފާސްވުމާ އެކު، ކުރީގެ އިންޝުއަރެންސް ނިޒާމް އޮބާމާކެއާ "މަރުވެއްޖެ" ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މެއި 5) - ކޮންގްރެސްގެ ދަށު ގޭގެ ވަރަށް ހަނި އަޣުލަބިއްޔަތުން ރިޕަބްލިކަން ޕާޓީގެ ސިއްހީ އިންޝުއަރެންސްގެ ބިލް ފާސްވުމާ އެކު، ކުރީގެ އިންޝުއަރެންސް ނިޒާމް އޮބާމާކެއާ "މަރުވެއްޖެ" ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ބަރަކް އޮބާމާގެ ސިއްހީ އިންޝުރައެންސް ނިޒާމް އުވާލުމަކީ ޓްރަމްޕުގެ ކެމްޕޭން ވައުދެކެވެ. ކޮންގްރެސްގެ 217-213 ވޯޓުން އާ ސަރުކާރުގެ ސިއްހީ ނިޒާމުގެ ބިލް ފާސްވުމަކީ ގާނޫނު ހަދާ މަޖިލީހުގެ ތެރޭން ޓްރަމްޕަށް ލިބިވަޑައިގެންނެވި ކާމިޔާބީއެކެވެ. އެކަމަކު ޑިމޮކްރެޓިކުން ބުނަމުން ދަނީ ޓްރަމްޕް ހުށަހެޅުއްވި އެމެރިކަން ހެލްތު ކެއާ އެކްޓުގެ ސަބަބުން އެތައް މިލިއަން ބަޔަކަށް އިންޝުއަރެންސް ގެއްލޭނެ ކަމަށެވެ. ބިލް ދެން ދާނީ ސެނެޓަށެވެ. ސެނެޓުގެ 52-48 ގެ އަޣުލަބިއްޔަތުން ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ އެވެ.

މެންބަރުން ކެޕިޓޮލް ހިލް އިން ނުކުމެވަޑައިގެންނެވި އިރު ހިތްހަމަނުޖެހޭ ބައެއް ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެކަމަކު ވައިޓް ހައުސްގައި ރައީސް ޓްރަމްޕް ވަނީ ހައުސް އޮފް ރެޕްރެންޓެޓިވްސްގެ ރިޕަބްލިކަން މެންބަރުންނަށް ޕާޓީއެއް ބާއްވައިފަ އެވެ.

"އޮބާމާކެއާ އެންމެ ފަހުން މަރުވެއްޖެ،" ވައިޓް ހައުސްގެ ރޯޒް ގާޑަންގައި ވާހަކަ ދައްކަވަމުން އުފަލުން ހުންނެވި ޓްރަމްޕް ވިދާޅުވި އެވެ.

މީގެ ހަ ހަފުތާ ކުރިން ޓްރަމްޕުގެ ހެލްތުކެއާ ބިލް ފާސްކުރަން އެކަށީގެންވާ ތާއީދެއް ނެތެވެ. ނަމަވެސް ފަހުން ވަނީ ޕާޓީގެ ކޮންޒަވެޓިވުންނާއި މޮޑަރޭޓް މެންބަރުން ހިތްހަމަޖެހޭ ގޮތަށް ބަދަލުތައް ގެނެސްފަ އެވެ.

ރިޕަބްލިކަން ޕާޓީން ބުނަނީ އާ ބިލުގެ ސަބަބުން ޕްރިމިއަމް ކުޑަވާނެ ކަމަށެވެ. އަދި 2010 ވަނަ އަހަރު ފާސްކުރި އެފޯޑެބަލް ކެއާ އެކްޓް ނުވަތަ އޮބާމާކެއާގެ ސަބަބުން ޕްރީމިއަމް ބޮޑުވެ ބަލި މީހުންނަށް ލިބޭ އިޚްތިޔާރު މަދު ކަމަށް ބުނެފައިވެ އެވެ. އޮބާމާކެއާގެ ދަށުން 20 މިލިއަން މީހުން ޚިދުމަތް ހޯދާފައިވެ އެވެ.

ޓްރަމްޕުގެ ހެލްތުކެއާ ބިލް ފާސްވެއްޖެ ނަމަ ކޯޓަށް ދާނެ ކަމަށް މިހާރު ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ. ނިއު ޔޯކުގެ އެޓާނީ ޖެނެރަލް ވިދާޅުވީ މި ބިލް ގާނޫނަކަށް ވެއްޖެ ނަމަ އެ ބިލުގެ ސަބަބުން އެތައް ބައެއްގެ ސިއްހީ އިންޝުއަރެންސް ގެއްލޭނެތީ ކޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ.