Roadha Mihaaru
ޓްރަމްޕުގެ ސިއްހީ ފަރުވާގެ ބިލަށް ހޮސްޕިޓަލްތަކުން ދެކޮޅު

ޓްރަމްޕުގެ ސިއްހީ ފަރުވާގެ ބިލަށް ހޮސްޕިޓަލްތަކުން ދެކޮޅު

09 މާޗް 2017

ވޮޝިންޓަން (މާޗް 9) - ރައީސް ބަރަކް އޮބާމާގެ ސަރުކާރުގެ ސިއްހީ އިންޝުއަރެންސްގެ ނިޒާމު އުވާލަން ނިންމާ ރައީސް ޑޮނަލްޑް ޓްރަމްޕް ތައާރަފް ކުރާ ސިއްހީ ބިލުން ފަގީރުންނަށް އިންޝުއަރެންސް ގެއްލިދާނެކަމުގެ ބިރު ބޮޑު ކަމަށް އެމެރިކާގެ ހޮސްޕިޓަލްތައް ތަމްސީލްކުރާ ޖަމާއަތުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގާތްގަނޑަށް 5،000 ހޮސްޕިޓަލް ތަމްސީލްކުރާ އެމެރިކަން ހޮސްޕިޓަލް އެސޯސިއޭޝަން (އޭއެޗްއޭ) ގެ ރައީސް ކޮންގްރެސް އަށް ފޮނުވި ސިޓީއެއްގައި ވަނީ މުޖްތަމައުގެ އެންމެ ނާޒުކް އާބާދީގެ ޚިދުމަތަށް ބުރޫ އަރައިފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބުނެފަ އެވެ. އެމެރިކާގެ އެންމެ ގިނަ ޑޮކްޓަރުން ތަމްސީލް ކުރާ އެމެރިކަން މެޑިކަލް އެސޯސިއޭޝަން (އޭއެމްއޭ) އިން ވެސް ވަނީ ޓްރަމްޕުގެ ސިއްހީ ބިލާ ދެކޮޅު ހެދުމުގެ ގޮތުން ކޮންގްރެސްގެ ކޮމިޓީތަކަށް ސިޓީ ފޮނުވައިފަ އެވެ. އޭއެމްއޭގައި 200،000 ޑޮކްޓަރުން ހިމެނެ އެވެ. ޑިމޮކްރެޓިކް ޕާޓީން ވެސް ބުނެފައި ވަނީ އެމެރިކަން ހެލްތު ކެއާ އެކްޓަށް ސިއްހީ ޚިދުމަތްދޭ ފަރާތްތައް ދެކޮޅު ހެދުމަކީ އެ ބިލް އަލުން މުރާޖައާ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެ ބިލަށް 100 އިސްލާހު ހުށަހަޅާނެ ކަމަށް ޑިމޮކްޓިކް މެންބަރުން ވަނީ ބުނެފަ އެވެ.

އެކަމަކު ރިޕަބްލިކަން ޕާޓީގެ މެންބަރުން ވަނީ ބިލުގެ ޚަރަދާއި އެ ބިލުން އެމެރިކާގެ އެތައް މިލިއަން ބައެއްގެ އިންޝުއަރެންސް ކަވަރޭޖް ގެއްލިދާނެ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ. ހައުސް އޮފް ރެޕްރެޒެންޓޭޓިވްގެ ސްޕީކާ ޕޯލް ރަޔަަން ވިދާޅުވީ ބިލް ފާސްވާނެ ކަމާ މެދު ޝައްކު ނުކުރާ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޮބާމާ ސަރުކާރުގެ ސިއްހީ އިންޝުއަރެންސް ނިޒާމް، އޮބާމާކެއާ އުވާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.