02 ޖޫން 2023
ދިރިއުޅުމުގެ ވައްޓަފާޅީގައި ގެންގުޅޭ ގޯސް އާދަތަކުން ކުރާ އަސަރު އެންމެ ބޮޑަށް ފެންނަނީ ސިއްހީ ދާއިރާއާ ގުޅޭ ތަފާސްހިސާބުތަކުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި އެޗްޕީއޭގެ އެހީގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ހަދައި، ނޮވެމްބަރު، 2022 ގައި އާއްމުކުރި "ސްޓެޕް" ސާވޭ އަދި ޑައިބެޓީސް ސޮސައިޓީން މިދިޔަ ހަފުތާގައި އާއްމުކުރި ރިޕޯޓުން، ދިވެހިންގެ ނެތް ބައްޔެއް ނެތެވެ.
ދިރިއުޅުމުގެ ވައްޓަފާޅީގައި ގެންގުޅޭ ގޯސް އާދަތަކުން ކުރާ އަސަރު އެންމެ ބޮޑަށް ފެންނަނީ ސިއްހީ ދާއިރާއާ ގުޅޭ ތަފާސްހިސާބުތަކުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި އެޗްޕީއޭގެ އެހީގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ހަދައި، ނޮވެމްބަރު، 2022 ގައި އާއްމުކުރި "ސްޓެޕް" ސާވޭ އަދި ޑައިބެޓީސް ސޮސައިޓީން މިދިޔަ ހަފުތާގައި އާއްމުކުރި ރިޕޯޓުން، ދިވެހިންގެ ނެތް ބައްޔެއް ނެތެވެ.
ހަކުރާއި ކޮލެސްޓްރޯލާއި ހަށިގަނޑުގައި ފެޓް ހުންނަންޖެހޭ މިންވަރަށް ވުރެ އެތައް ގުނައެއް އިތުރެވެ. ދުޅަހެޔޮ ދިރިއުޅުމަކަށް ހުރަސްއެޅޭ އެތައް ކަމެކެވެ.
އެ ކަންބޮޑުވުންތައް ފާޅުކުރައްވައި ޑައިބެޓީސް ސޮސައިޓީގެ ޗެއާޕާސަން އައިޝަތު ޝިރުހާނާ ވިދާޅުވީ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހަކުރު ބަލި ޖެހުމަށް އޮތް ފުރުސަތު ކަމަށެވެ. އެކަން ކުޑަކުރަން މަސައްކަތްތަކެއް ނުކުރެވިއްޖެ ނަމަ ކުރިއަށް އޮތް 5-10 އަހަރުގެ ތެރޭގައި އެ އާބާދީއަކީ ހަކުރު ބަލި ޖެހޭނެ އާބާދީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އާންމު ސިއްހަތާ ގުޅޭގޮތުން ކުރި ސާވޭގެ ތަފާސްހިސާބުތައް.
އެއާއެކު، ބަލިތައް ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އަނެއް ކަންބޮޑުވުމަކީ އެ ސޮސައިޓީ އަށް 15 އަހަރު ފުރިގެން، 2015 ވަނަ އަހަރު އާއްމުކުރި މައުލޫމާތުތަކަށް، އޭގެ އަށް އަހަރު ފަހުން ބޮޑު ބަދަލުތަކެއް އައިސްފައި ހުރުމެވެ.
ޝިރުހާނާ ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެއްކުރި މައުލޫމާތުތަކުން އޭރު ފެނުނީ ހަކުރު ބަލި ޖެހުމުގެ ފުރުސަތު އޮތީ 65 ޕަސެންޓުގައި ކަމަށެވެ. އެކަމަކު، އެ ތަފާސްހިސާބުތަކުން މިހާރު ދައްކަނީ ހަކުރު ބަލި ޖެހުމުގެ ފުރުސަތު 76 ޕަސެންޓުގައި އޮތް ކަމެވެ.
"އަށް އަހަރުގެ ތެރޭގައި ވަރަށް މަތިވެފައި މިި ވަނީ. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް. ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުން ގިނަކަން. އަނެއް ކަންބޮޑުވުމަކީ، ހަކުރު ބަލި ހުންނަ މީހުންގެ ވެސް ވަރަށް ބޮޑު ޕަސެންޓެއް އެބަހުރި ބޭސް ބޭނުން ނުކުރާ ކަމަށް ވެސް. ބަލި ހުންނަ މީހުން ބަލި ކޮންޓްރޯލް ކުރުމަށް އިތުރަށް މަސައްކަތްތަކެއް ނުވަތަ ކަންތައްތަކެއް ކޮށްދޭންޖެހޭ ކަމަށް އަޅުގަނޑުމެންނަށް ފެނޭ. ބަލި ކޮންޓްރޯލް ނުވެއްޖިއްޔާ ދިމާވާ އިތުރު މައްސަލަތަކެއް އެބަހުރޭ ކޮމްޕްލިކޭޝަންތަކުގައި." ޝިރުހާނާ ވިދާޅުވި އެވެ.
ހަކުރު ބަލީގެ ސްކްރީނިން ހެދުމަށް، މީހެއްގެ އިސްކޮޅު ބަލަނީ.-- ފޮޓޯ: މިހާރު
އެ ޖަމިއްޔާއިން އިސްވެ، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިދިޔަ ޖެނުއަރީ މަހާ ހަމައަށް މުޅި ރާއްޖޭގައި ގެންދިޔަ ސްކްރީނިންގައި 16 އަހަރުން މަތީގެ 10،023 ދިވެހިން ބައިވެރިވި އެވެ،
ޑައިބެޓީސް ސޮސައިޓީން ތައްޔާރުކުރި ރިޕޯޓުގައި ބުނީ ސްކްރީނިންގައި ބައިވެރިވި މީހުންގެ ތެރެއިން 84.9 ޕަސެންޓް މީހުންގެ ބޮޑީ ފެޓް ޕަސެންޓޭޖް ހުރީ މަތީގައި ކަމަށެވެ. ބައެއް އަތޮޅުތަކުގެ އާބާދީގެ 90 ޕަސެންޓަށް ވުރެ ގިނަ މީހުންގެ ބޮޑީ ފެޓް ޕަސެންޓޭޖް މަތީގައި ހުރުމަކީ ވަރަށް ނުރައްކާތެރި އަދި މުސްތަގުބަލިގައި ގައިންގަޔަށް ނާރާ ބަލިތައް މިހާރަށް ވުރެ ވެސް އިތުރުވެދާނެ ކަމުގެ ނިޝާނެއް ކަމަށް ބުނެ، އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އާންމު ސިއްހަތާ ގުޅޭގޮތުން ކުރި ސާވޭގެ ތަފާސްހިސާބުތައް.
ހަށިގަނޑުގައި ކޮންމެހެން ފެޓް ޕަސެންޓޭޖު ހުންނަންޖެހޭ މިންވަރަށް ވުރެ އިތުރުވެއްޖެ ނަމަ ސިއްހީ އިތުރު މައްސަލަތައް ދިމާވުމުގެ ފުރުސަތު އޮވެ އެވެ. ހަކުރު ބަލި ޖެހުމާއި ލޭ މައްޗަށް ދިއުން އަދި ހިތުގެ މައްސަލަތައް ޖެހުމަކީ ވެސް ބޮޑީ ފެޓް ޕަސެންޓޭޖު މަތިވުމުން ދިމާވެދާނެ ކަމެކެވެ.
ކުދި އާބާދީގެ ކޮންމެ 10 މީހަކުން ހަތަރު މީހެއްގެ އާއިލާގައި ހަކުރު ބަލި ހުންނަ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
ޑައިބެޓީސް ސޮސައިޓީން ބުނީ ސްކްރީނިންގައި ބައިވެރިވި 11.8 ޕަސެންޓް މީހުންނަކީ ހަކުރު ބަލި ހުންނަކަން ކުރިން ވެސް އެނގޭ މީހުން ކަމަށެވެ. އަދި އެ ބަލީގެ ގޮތް ނޭނގޭ ކަމަށް 10.2 ޕަސެންޓް މީހުން ބުނި ކަމަށް ރިޕޯޓުގައި ވެ އެވެ. ސްކްރީން ކުރި އަންހެނުންގެ ތެރެއިން ހަކުރު ބަލި ހުރިކަން ކުރިން އެނގޭ ކަމަށް 12.1 ޕަސެންޓް މީހުން ބުނެފައިވާއިރު، ފިރިހެނުންގެ ތެރެއިން ހަކުރު ބަލި ހުންނަކަން އެނގޭ ކަމަށް ބުނެފައިވަނީ 11.4 ޕަސެންޓް މީހުންނެވެ.
އާންމު ސިއްހަތާ ގުޅޭގޮތުން ކުރި ސާވޭގެ ތަފާސްހިސާބުތައް.
"ނިސްބަތުން ބަލާއިރު އަންހެނުންނަށް [9.2 ޕަސެންޓް] ވުރެ ބޮޑަށް ފިރިހެނުންނަށް [12.1 ޕަސެންޓް] ބަލީގެ ހާލަތު ނޭނގޭ ކަމަށް ފާހަގަކުރެވުނެވެ. މިކަމުން ވެސް ފިރިހެނުން މި ފަދަ ސްކްރީނިން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ މުހިއްމުކަން ހާމަވި އެވެ." އެ ރިޕޯޓުގައި ވެ އެވެ.
އާއްމު ބަލިތަކުގެ ތަޖުރިބާކާރު، ޑރ. އަބްދުލް އަޒީޒް ހަމީދު ވިދާޅުވި ގޮތުގައި ހަކުރު ބައްޔަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ދިވެހިން އެންމެ ގިނައިން ތަހައްމަލުކުރާ އެއް ބަލި ކަމަށެވެ. ރާއްޖޭގައި 84 ޕަސެންޓް މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކުރެވެނީ ކެންސަރާއި ހަކުރު ބައްޔާއި ހާޓް އެޓޭކާއި ސްޓްރޯކް އަދި ފުއްޕާމޭގެ ބަލިތަކެވެ. ހަކުރު ބައްޔަކީ ޖެހުމަށްފަހު އިތުރު ނުރައްކާތަށް ކުރިމަތިވުމުގެ ފުރުސަތު އޮންނަ ބައްޔެކެވެ.
އާންމު ސިއްހަތާ ގުޅޭގޮތުން ކުރި ސާވޭގެ ތަފާސްހިސާބުތައް.
ހަކުރު ބަލި ޖެހި، އެކަށީގެންވާ ފަރުވާ ނުލިބިއްޖެނަމަ ލޮލުގެ ފެނުމަށް އަސަރުކުރުމާއި ލޮލުގެ ޕްރެޝަރު މަތިވުމާއި ލޮލުގެ އެކި ބައިތަކަކަށް އަސަރުކޮށް ފެނުމަށް ގެއްލުންވުމުގެ ފުރުސަތު އޮވެދާނެ އެވެ. ހަކުރު ބަލި ޖެހި، ރަނގަޅު ނުވެއްޖެނަމަ ނާރުތަކަށް ވެސް ގެއްލުންވުމުގެ ފުރުސަތު އެބައޮތެވެ. އެކަމުގައި އަތް އައްސިވެދާނެ އެވެ. ހަކުރު ބަލި ޖެހިފައި، ފައިގައި ފާރު ހެދި، އެ ފާރު ރަނގަޅުނުވެ، ބައެއް ފަހަރު ފައި ބުރިކޮށްލާ ހިސާބަށް ވެސް ދެ އެވެ. ހަމުގެ ބަލިތައް ޖެހުމަކީ ވެސް ހަކުރު ބައްޔާ އެކު ދިމާވެދާނެ ކަމެކެވެ.
"ހަކުރު ބައްޔަކީ އޭގެ ސަބަބުން ވަރަށް ގިނަ ނުރައްކާތައް ކުރިމަތިވާ ބައްޔެއް ވީމަ ހަކުރު ބަލިން ރައްކާތެރިވުމަށް މަސައްކަތްކުރުމަކީ ވަރަށް މުހިއްމު ކަމެއް. ފުރަތަމަ ކަމަކަށް، ދުރާލާ ހަކުރު ބަލި ކުރިމަތިވިޔަ ނުދިނުމަށް މަސައްކަތްކުރުމަކީ ކުރަންޖެހޭ ކަމެއް. އޭގެ އިތުރުން ހަކުރު ބަލި ޖެހިއްޖެނަމަ ކޮމްޕްލިކޭޝަންތައް ކުރިމަތިވިޔަ ނުދިނުމަށް މަސައްކަތްކުރުން." އޭނާ ވިދާޅުވި އެވެ.
މާލޭގައި މަގުމަތީގައި ބަޔަކު ދުވަނީ.-- ފައިލް ފޮޓޯ: މިހާރު
އަޒީޒް ވިދާޅުވީ ހަކުރު ބަލި އަދި އެ ނޫން ވެސް ގައިންގަޔަށް ނާރާ ބަލިތަކުން ސަލާމަތްވާން ދުޅަހެޔޮ ދިރިއުޅުމަށް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ގަވައިދުން ކަސްރަތުކުރުމާއި ބަރުދަން އެއްވަރެއްގައި ހިފެހެއްޓޭތޯ ބެލުމަކީ ކުރަންޖެހޭ ކަމެއްކަން އޭނާ ގަބޫލުކުރައްވަ އެވެ.
ބަރުދަން މާ ބޮޑަށް އިތުރުވެ، ފަލަވެއްޖެނަމަ ހަކުރު ބަލި ޖެހުމުގެ ފުރުސަތު އޮވެ އެވެ. އަދި ބަރުދަން ވެސް އެއްވަރެއްގައި ބެހެއްޓޭނީ ކަސްރަތުކުރުމާއި ކެއުމުގައި ބަލައިގެން ކަމަށް، ދަމަނަވެށީގައި މަސައްކަތްކުރައްވާ ސީނިއާ މެޑިކަލް އޮފިސަރު ވިދާޅުވި އެވެ.
ކަސްރަތުކުރުމަށް ޑަބްލިއުއެޗްއޯއިން ލަފާދީފައިވަނީ މަދުވެގެން ހަފުތާއަކު ފަސް ދުވަހު، މަދުވެގެން ބައިގަޑިއިރެއްހާ އިރަށެވެ. ކަސްރަތެއްގެ ގޮތުގައި ބެލެވެނީ އެ ކުރާ ކަމެއް މަދުވެގެން 10 މިނެޓު ކޮށްފައި އެކަމުގެ ސަބަބުން ހަށިގަނޑު ކޮންމެ ވެސް ވަރަކަށް ވަރުބަލިވެފައި ނުވަތަ ދާހިއްލާ ނަމަ އެވެ.
އާންމު ސިއްހަތާ ގުޅޭގޮތުން ކުރި ސާވޭގެ ތަފާސްހިސާބުތައް.
އޮފީހުގައި އުޅޭއިރު ވެސް ބައެއް މީހުން މަސައްކަތް ނިމެންދެން ގޮނޑިން ނުތެދުވެ، އިށީންނަކަން ފާހަގަކުރައްވައި އަޒީޒް ވިދާޅުވީ އޭގެ ބަދަލުގައި ކޮންމެ ދެ ގަޑިއިރަކުން ތެދުވެ، ހަށިގަނޑު ދަމާލައި ކުޑަކޮށް ހިނގާލުމަކީ ލޭ ދައުރު ކުރުމަށް މުހިއްމު ކަމެއް ކަމަށެވެ.
"ހަށިގަނޑަށް ފައިދާ ހުރި ގޮތުގައި ކެއުން ބައްޓަން ކުރުން ނުވަތަ މިންހެޔޮ ކެއުމެއް އިހުތިޔާރުކުރުމަކީ ވަރަށް މުހިއްމު ކަމެއް. ހަކުރު ބަލި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ދެބައިކުޅަ އެއްބައި ތަރުކާރީގެ ބާވަތްތައް އަޅާފައި ތަށީގެ އަނެއް 50 ޕަސެންޓުގެ 25 ޕަސެންޓް ކާބޯހައިޑްރޭޓް އަދި 25 ޕަސެންޓް ޕްރޮޓީން ހިމެނޭ ބާވަތްތައް ކާ ކޮންމެ ފަހަރަކު ވެސް ހިމެނުން މުހިއްމު. ގިނައިން މި ފަލަވަނީ ކެލޮރީ މާ ގިނައިން ލިބިފައި، އެ އެންދުމަށް އެއްވެސް ކަސްރަތެއް ނުކުރެވޭ. ކައިގެން ގޮސް އިށީންނަނީ...ވަރަށް މުހިއްމު ކަމެއް ކެއުމުގައި ހަށިގަނޑަށް ހަކަތަ އެތެރެކުރެވޭ މިންވަރު ކޮންޓްރޯލް ކޮށްގެން ކެއުން." އަޒީޒް ވިދާޅުވި އެވެ.
ޑޮކްޓަރު ވިދާޅުވީ ކެއުމުގައި އަބަދު ވެސް ތިން ބާވަތެއް މަދުކުރަން ޖެހޭ ކަމަށެވެ. އެއީ ހަކުރާއި ލޮނާއި ތެލެވެ. ހަކުރު މަދުކުރަން އުނދަގޫވާނަމަ ޖޫސް ނުވަތަ ސައިބޯ އިރު ހަކުރު ނާޅާ ބޮވޭނެ އެވެ. މޭވާއަކީ ހަށިގަނޑަށް ފައިދާ ހުރި ހަކުރު ލިއްބައިދޭ އެއްޗަކަށް ވާތީ، ގިނަގިނައިން މޭވާ ކެއުން މުހިއްމެވެ.
ޑަބްލިއުއެޗްއޯއިން ލަފާ ދެނީ ދުވާލެއްގެ މައްޗަށް އެއް ސައި ސަމްސަލަށް ވުރެ މަދު (ފަސް މިލިގްރާމް) އަށްވުރެ މަދުން ލޮނު ބޭނުންކުރާށެވެ. ހަކުރު ބޭނުންކުރަން ލަފާދެނީ ހަ ސައި ސަމްސަލަށް ވުރެ މަދު މިންވަރަށެވެ.
އާންމު ސިއްހަތާ ގުޅޭގޮތުން ކުރި ސާވޭގެ ތަފާސްހިސާބުތައް.
"އަބަދު ވެސް މަސައްކަތް ކުރަންވީ ކެއުމުގައި އެގޮތަށް އަޅުގަނޑުމެންގެ ކެއުމުގެ ތެރެއަށް އެކަންކަން ގެނެސް، ކުރިއަށް ދެވޭތޯ. މިސާލަކަށް ލޮނު މަޑުކޮށް ކެއުމާއި ހަކުރު ހިމެނޭ ބުއިންތައް މަދުކުރުން. އެނާޖީ ޑްރިންކްސްތަކަކީ ވަރަށް ގިނައިން ހަކުރު އެކުލެވޭ ބުއިންތައް. ކޮކާ ކޯލާގައި ވެސް. އެކަމަކު، ބައެއް ބޭފުޅުން ވަރަށް ގަޔާވެގެން ހަކުރު ހިމެނޭ ބުއިންތައް ހާއްސަކޮށް އެނާޖީ ޑްރިންކްސް ބޭނުންކުރޭ. އެކަހަލަ އެއްޗެހި ބޭނުންކުރާނަމަ އެ ބޭނުންކުރުން ހުއްޓާލަން ޖެހޭ."
ތަރުކާރި ބޭނުންކުރަން ޑަބްލިއުއެޗްއޯއިން ލަފާދީފައިވަނީ ފަސް ސާވިންސް އެވެ. މިސާލަކަށް، ހެނދުނު އާފަލެއް ކެއުމަށްފަހު މެންދުރު ފަހު ޕިއާސް ކަހަލަ އެއްޗެއް ބޭނުންކޮށްފިނަމަ އެ ދުވަހަކު މޭވާގެ ދެ ސާވިންސް ނެގުނީ ކަމަށް ބެލެވިދާނެ އެވެ. ކޮށާފައި ހުންނަ ތަރުކާރީ ޖޯޑެއް ނުވަތަ އަތްމުށެއްހާ ވަރުގެ މޭވާއަކީ ސާވިންސް އެކެވެ.
މި ހުރިހާ ކަމަކީ އުނދަގޫތަކަކީ ވެސް، ޑޮކްޓަރެއްގެ ގޮތުގައި 15 އަހަރު މަސައްކަތް ކުރައްވާފައިވާ އަޒީޒް ގަބޫލުކުރައްވާ ގޮތުގައި ދިރިއުޅުމަށް ގެންނަ ކުޑަ ބަދަލަކުން ރަނގަޅުކުރެވިދާނެ ކަމެކެވެ. ނަމަވެސް، ދިރިއުޅުމުގެ މާހައުލާއި ކަންކަން ފަސޭހަކޮށްލުމުގެ އާދައާ އެކު، ދިރިއުޅުމުން މި ފެންނަނީ ހުސް މައްސަލަ އެވެ.
އެންމެ މުއްސަނދިންގެ އަތުން ވަކި އަދަދެއް އާސަންދައަށް
ފުލުހުން/ސިފައިންނަށް ކުރިއެކޭ އެއްގޮތަށް އާސަންދަލިބޭނެ
ދެން އާސަންދަ ލިބޭނީ އެހެން އިންޝުއަރެންސަށް ކަނޑާފައި
ރެކޯޑު އަދަދަކަށް މި އަހަރު އާސަންދަ އަށް ހަރަދުކޮށްފި
4 އަތޮޅެއްގެ އާބާދީގެ ސިއްހަތާ މެދު ކަންބޮޑުވުން
އެއްހަމައަކުން އާސަންދަ ދިނުން ބަދަލުކުރަން ގާނޫނެއް
އެންސްޕާއިން އެހީގެ ގޮތުގެ 400 މިލިއަން ދޫކުރި
"ވަކިވަކި އިދާރާތަކަށް ސިއްހީ ސްކީމު ހިންގުން ގޯސް"
މެމްބަރުންނަށް ހެލްތު އިންޝުއަރެންސް ދޭނެ ބަޔަކު ހޯދަނީ
ސަލާން ޖެހުން ނުހުއްޓޭ، އާސަންދަ އިސްލާހުކޮށްދީ!