Roadha Mihaaru
ބާސާ އެއް ވަނައިގައި، ރޮނާލްޑޯ އަށް އިތުރު ރެކޯޑެއް

ބާސާ އެއް ވަނައިގައި، ރޮނާލްޑޯ އަށް އިތުރު ރެކޯޑެއް

30 އެޕްރީލް 2017

މެޑްރިޑް (އޭޕްރިލް 30) – އެސްޕަންޔޯލް އަތުން 3-0 އިން މޮޅުވެ ސްޕެނިޝް ލީގުގެ އެއް ވަނައިގައި ބާސެލޯނާ އިން މަގާމް ދެމެހެއްޓިއިރު، ކްރިސްޓިއާނޯ ރޮނާލްޑޯގެ ރެކޯޑް ލަނޑާ އެކު ވެލެންސިއާ އަތުން 2-1 އިން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.

ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް 81 ޕޮއިންޓް ލިބިފައިވާއިރު ބާސެލޯނާ އެއް ވަނައިގައި އޮތީ ހެޑް-ޓު-ހެޑް އިން ކުރި ލިބޭތީ އެވެ. އެކަމަކު ރެއާލް މެޑްރިޑަށް އިތުރު މެޗެއް އޮތުމުން އަދިވެސް އެޑްވާންޓޭޖް ބޮޑީ އެ ޓީމަށެވެ.

ރަށުން ބޭރުގައި ރޭ ބާސެލޯނާ ރޭ މޮޅުވީ ފަހު ހާފުގައި ޖެހި ތިން ލަނޑާ އެކު އެވެ. ރޭގެ މެޗުގައި ލުއިސް ސުއަރޭޒް ދެ ލަނޑު ޖެހިއިރު އަނެއް ލަނޑު ޖެހީ އިވާން ރަކިޓިޗެވެ.

އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް މޮޅުވިއިރު 27 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ރޮނާލްޑޯ އެވެ. މި ލަނޑާ އެކު އޭނާ ވެފައިވަނީ ޔޫރަޕުގެ ވަރުގަދަ ފަސް ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނަ އަށް އަރައިފަ އެވެ. ކުރިން އެއް ވަނައިގައި އޮތީ 366 ލަނޑާ އެކު އިންގްލެންޑާއި ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ކުރީގެ ފޯވާޑް ޖިމީ ގްރީވެސް އެވެ. ޕޯޗުގަލްގެ ސްޕޯޓިން އާއި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑް އަދި ރެއާލް މެޑްރިޑުގައި ރޮނާލްޑޯ ޖެހި ލަނޑުގެ ޖުމްލަ އަދަދަކީ 367 އެވެ.

ރޮނާލްޑޯގެ ލަނޑުން މެޑްރިޑް ކުރި ހޯދާފައިވަނިކޮށް 82 ވަނަ މިނެޓުގައި ޑެނީ ޕަރޭޔޯގެ ލަނޑުން ވެލެންސިއާ އިން އެއްވަރުކުރި އެވެ. މެޑްރިޑް މޮޅުވީ 86 ވަނަ މިނެޓުގައި މާސެލޯ ޖަހައިދިން ލަނޑުންނެވެ.