Roadha Mihaaru
މެސީއާ އެއްވަރުގެ މުސާރައެއް ރޮނާލްޑޯ އަށް ދެނީ

މެސީއާ އެއްވަރުގެ މުސާރައެއް ރޮނާލްޑޯ އަށް ދެނީ

28 އޮކްޓޯބަރ 2017

މެޑްރިޑް (އޮކްޓޯބަރު 27) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށް އެ ޓީމުން ދޭ ވަރުގެ މުސާރައެއް ދާދި ފަހުން ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ހޯދި ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދޭން އެ ކްލަބުގެ ބޯޑުން މަޝްވަރާ ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (އޮކްޓޯބަރު 27) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށް އެ ޓީމުން ދޭ ވަރުގެ މުސާރައެއް ދާދި ފަހުން ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ހޯދި ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދޭން އެ ކްލަބުގެ ބޯޑުން މަޝްވަރާ ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރޮނާލްޑޯ މި ވަގުތު ރެއާލުގައި ހުރި 2021 ވަނަ އަހަރުގެ ނިޔަލަށް ހަފްތާ އަކު 365،000 ޕައުންޑުގެ މުސާރަ އަކަށެވެ. ރިޕޯޓްތައް ބުނާގޮތުގައި މެސީ އަށް ބާސެލޯނާ އިން ހުށަހަޅާފައިވާ އާ އެއްބަސްވުމުގެ ދަށުން އޭނާ އަށް ހަފްތާ އަކު 500،000 ޕައުންޑް ލިބެ އެވެ.

އުމުރުން 32 އަހަރު ރޮނާލްޑޯ ރެއާލުގައި ދިގު މުއްދަތަކަށް މަޑުކުރުވަން އިއްޔެ އޮތް އެ ކްލަބުގެ ބޯޑު މެމްބަރުންގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ. އަދި ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ރޮނާލްޑޯ އަށް ބޮޑު މުސާރައެއް ދޭން ހުށަހަޅައިފަ އެވެ.

މި ސީޒަނުގެ މިހާތަަނަށް ރޮނާލްޑޯ އަށް ކުރީގެ ކުޅުން ދެއްކިފައިނުވާއިރު، ފޯމު ދަށްވަމުން އަންނަ ކަމަށް ބުނެ މީޑިއާ އިން އަންނަނީ އޭނާ އަށް ފާޑުކިޔަމުންނެވެ. އެހެން ނަމަވެސް ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ބުނީ ކުރިއަށް ހުރި މެޗުތަކުގައި ރޮނާލްޑޯ ތަފާތު ދައްކާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު އޮތް ފީފާ ބެސްޓް އެވޯޑްސްގައި މޮޅު ކުޅުންތެރިއާގެ މަގާމު ރޮނާލްޑޯ ހޯދީ މެސީ އާއި ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާ ފަހަތަށް ޖައްސާލުމަށް ފަހު އެވެ. އެ ރޭގެ ހަފުލާ އަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން ރޮނާލްޑޯ ބުނީ މެސީއާ އޭނާގެ ވާދަވެރިކަމަކީ ކުރިއެރުމަށް ލިބޭ ހިތްވަރެއް ކަމަށެވެ.

"މި ނިމުނީއެއް ނޫން. މި ފެށުނީ އަދި،" މެސީއާ އޮތް ވާދަވެރިކަމާ ގުޅޭގޮތުން ކުރި ސުވާލަކަށް ރޮނާލްޑޯ ޖަވާބު ދިނެވެ.

މިއީ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމް ރޮނާލްޑޯ ހާސިލްކުރި ފަސް ވަނަ ފަހަރެވެ. ބެލޮންޑިއޯ އެވޯޑް 2008، 2013، 2014 އަދި 2016 ވަނަ އަހަރު ހޯދިއިރު ފީފާ އެވޯޑް މިދިޔަ އަހަރާއި މި އަހަރު ވެސް ހާސިލްކުރީ އެވެ.