Roadha Mihaaru
އިޓަލީ ލީގަށް އަންނަން މެސީ އަށް ރޮނާލްޑޯގެ ޗެލެންޖެއް

އިޓަލީ ލީގަށް އަންނަން މެސީ އަށް ރޮނާލްޑޯގެ ޗެލެންޖެއް

11 ޑިސެމްބަރ 2018

ޓިއުރިން، އިޓަލީ (ޑިސެމްބަރު 11) - މި ސީޒަނުގައި ޔުވެންޓަސް އަށް ބަދަލުވި މަޝްހޫރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާއާ އެންމެ ވާދަވެރި ބާސެލޯނާގެ ލިއޮނަލް މެސީ އިޓާލިއަން ލީގަށް އަންނަން ޗެލެންޖްކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓިއުރިން، އިޓަލީ (ޑިސެމްބަރު 11) - މި ސީޒަނުގައި ޔުވެންޓަސް އަށް ބަދަލުވި މަޝްހޫރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާއާ އެންމެ ވާދަވެރި ބާސެލޯނާގެ ލިއޮނަލް މެސީ އިޓާލިއަން ލީގަށް އަންނަން ޗެލެންޖްކޮށްފި އެވެ.

އުމުރުން 33 އަހަރުގެ ރޮނާލްޑޯ އަންނަނީ މި ސީޒަނުގައި އިޓާލިއަން ލީގުގައި ޔުވެންޓަސް އަށް ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މެސީ އޭނާގެ ސީނިއާ ކެރިއަރުގައި މިހާތަނަށް ބާސެލޯނާ ނޫން ޓީމަކަށް ނުކުޅެ އެވެ. ރޮނާލްޑޯ ބުނީ މެސީ އޭނާގެ ކެރިއަރުގެ ކޮންމެވެސް ހިސާބަކުން އާ ޗެލެންޖެއް ނަގާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

"އަހަރެން ވަރަށް ބޭނުން ކޮންމެވެސް އެއް ދުވަހަކުން އޭނާ (މެސީ) އިޓަލީގައި ކުޅޭތަން ބަލަން،" އިޓަލީގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުންޏެވެ. "އަހަރެން އުއްމީދުކުރަނީ އޭނާ (މެސީ) ވެސް އާ ޗެލެންޖެއް ނެގުން. އެކަމަކު ބާސެލޯނާގައި އޭނާ އުފަލުން ހުރެއްޖެ ނަމަ އެ ނިންމުމަށް ވެސް ޖެހޭ އިހުތިރާމްކުރަން."

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް 2009 ވަނަ އަހަރު ރެއާލަށް ބަދަލުވުމަށް ފަހު ރޮނާލްޑޯ ވަނީ އެ ޓީމުގައި ނުވަ ސީޒަން ހޭދަކޮށްފަ އެވެ. އެ ނުވަ އަހަރު މެސީ އާއި ރޮނާލްޑޯގެ ވާދަވެރިކަން ވަރަށް ބޮޑަށް ފެނިގެންދިޔަ އެވެ. މެސީ މަތިން ހަނދާންވޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން ރޮނާލްޑޯ ބުނީ އޭނާ މަތިން މެސީ ހަނދާންވާނެ ކަމަށެވެ.

"އަހަރެން އިންގްލެންޑް، އިޓަލީ، ސްޕެއިން، ޕޯޗުގަލްގައި ކުޅެފިން. އެކަމަކު މެސީ އޭނާގެ ސީނިއާ ކެރިއަރުގައި ހަމައެކަނި ސްޕެއިނުގައި އެ ކުޅެނީ. މެސީ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އެކަމަކު އަހަރެން ވަކި ކުޅުންތެރިއަކު މަތިން ހަނދާނެއް ނުވޭ. (ޔުވެންޓަސް ގައި) މިއީ އަހަރެން އާ ދިރިއުޅުން. އިޓަލީގައި އަހަރެން މިހުރީ އުފަލުން،" ރޮނާލްޑޯ ބުންޏެވެ.

އުމުރުން 31 އަހަރުގެ މެސީ ހޯދަން ފާއިތުވި އަހަރުތަކުގައި ގިނަ ހުށަހެޅުންތަކެއް އެކި ކްލަބްތަކުން ލިބުނު ނަމަވެސް އޭނާ ވަނީ ބާސެލޯނާގައި މަޑުކުރަން ނިންމައިފަ އެވެ.

ފާއިތުވި ބާރަ ވަރަކަށް އަހަރު އެންމެ ބޮޑެތި އެވޯޑްތައް ލިބުނީ މެސީ އާއި ރޮނާލްޑޯ އަށެވެ. އެ ދެ ކުޅުންތެރިން ފަހަތަށް ޖައްސާލުމަށް ފަހު މި ފަހަރު ހުރިހާ މަޝްހޫރު އެވޯޑްތަކެއް ހާސިލްކުރީ ރެއާލަށް ކުޅޭ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗް އެވެ.