Roadha Mihaaru
ހައްޔަރުކުރީ ބޮން ގޮއްވަން އުޅުނު ބައެއް

ހައްޔަރުކުރީ ބޮން ގޮއްވަން އުޅުނު ބައެއް

26 އެޕްރީލް 2017

މިދިޔަ ހޯމަދުވަހުގެ ރޭ މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ހަތަރު މީހުންނަކީ މާލޭގައި ބޮން ގޮއްވަން ރާވައި، ބޮން ހެދުމުގެ މަސައްކަތް ކުރަމުން ދިޔަ ބައެއްކަން އެނގިއްޖެ އެވެ.

މިދިޔަ ހޯމަދުވަހުގެ ރޭ މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ހަތަރު މީހުންނަކީ މާލޭގައި ބޮން ގޮއްވަން ރާވައި، ބޮން ހެދުމުގެ މަސައްކަތް ކުރަމުން ދިޔަ ބައެއްކަން އެނގިއްޖެ އެވެ.

ޓެރަރިޒަމާއި ގައުމީސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތަކެއް ހިންގަން އުޅުމުގެ ތުހުމަތަށް ފުލުހުން އެ ރޭ ކޯޓު އަމުރެއްގެ ދަށުން ހަތަރު ތަނެއް ފާސްކުރި އެވެ. އެއީ މއ. ކިނާރާ ހައުސް އަދި މއ. އެނބޫގައި ހުންނަ އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ އޮފީހާއި މއ. ނަމޫނާގޭގެ އިތުރުން މ. ވޯލްނަޓް އެވެ.

ފާސްކުރި ބައެއް ތަންތަނުން، މައްސަލައާ ގުޅުން ހުރި ބައެއް ތަކެތި ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ. އޭގެ ތެރޭގައި، ބޮން ހެދުމަށް ބޭނުންކުރާ ކެމިކަލް އާއި އެހެން ބައެއް ސާމާނު ހިމެނެ އެވެ. މީހުން ހައްޔަރުކޮށްފައި ވަނީ ބޮން ހެދުމުގެ ކުރިންނެވެ.

ބޮން ހަދަން އުޅުނީ ކޮން ތަނެއްގައި ހަމަލާ ދޭން ކަމެއް ނޭނގެ އެވެ.

ބޮން ހަދަން އުޅުނު މީހުން ހައްޔަރުކޮށް ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރަނީ.

ބޮން ހަދަން އުޅުނު މީހުން ހައްޔަރުކޮށް ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރަނީ.

ފުލުހުންގެ އޮޕަރޭޝަނުގައި ފާސްކުރި ވޯލްނަޓްގެ އަކީ، ސަލްޓަންޕާކް ބޮމުގެ ހަމަލާއަށް ފަހު ފިލައިގެން ޕާކިސްތާނަށް ގޮސް އުޅުމަށް ފަހު ވަގު ޕާސްޕާޓެއްގައި ލަންކާ އަށް ގޮސް އުޅެނިކޮށް ހައްޔަރު ކުރުމަށް ފަހު ދޫކޮށްލާފައި ހުރި މީހަކު އުޅޭ ގެއެކެވެ. އެ ގެ ފާސްކުރީ އެ މީހާ މާރުކޭޓް ހޮޓަލުގައި ސައިބޯން އިންދައި، ގެންގޮސް އޭނާގެ ހާޒިރުގައި ކަމަށް އެނގިފައިވެ އެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންނަކީ އިސްލާމިކް ސްޓޭޓް (އައިސިސް) އަށް ތާއީދުކޮށް، ރާއްޖެއިން ބޭރަށް ހަނގުރާމައަށް މީހުން ފޮނުވުމުގައި ޝާމިލްވާ ބައެއް މީހުންނެވެ. އޭގެ ތެރެއިން އެކަކީ ސީރިއާގެ ހަނގުރާމާގައި ބައިވެރިވާން އަނބިމީހާއާ އެކު ރާއްޖެއިން ފުރަން އުޅެނިކޮށް ހައްޔަރުކުރި މީހެކެވެ. އަދި ޓްވިޓާގައި ޓެރަރިޒަމަށް ހިތްވަރުދީ ލިޔުންތައް ލިޔާތީ ޓްވިޓާއިން ވެސް އޭނާ ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

ހައްޔަރުކުރި މީހުން ތަހުގީގަށް ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ފުލުހުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.