ޓެރަރިޒަމް ޖަމާއަތެއް ކަމަށްވާ، އިސްލާމިކް ސްޓޭޓަށް ސޯޝަލް މީޑިއާގައި ތާއިދުކޮށް އެކި ލިޔުންތަކާއި ފޮޓޯ އާއި ވީޑިއޯ އާންމުކޮށް، ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރުދެމުންދިޔަ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ މައްޗަށް ފަސް ދައުވާއެއް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އިން އުފުލައިފި އެވެ.
19 އެޕްރީލް 2022
ޓެރަރިޒަމް ޖަމާއަތެއް ކަމަށްވާ، އިސްލާމިކް ސްޓޭޓަށް ސޯޝަލް މީޑިއާގައި ތާއިދުކޮށް އެކި ލިޔުންތަކާއި ފޮޓޯ އާއި ވީޑިއޯ އާންމުކޮށް، ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރުދެމުންދިޔަ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ މައްޗަށް ފަސް ދައުވާއެއް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އިން އުފުލައިފި އެވެ.
އެމެރިކާގެ އެފްބީއައި އާއި ޔޫރަޕްގެ ތަހުގީގީ އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ޖެނުއަރީ ހަ ވަނަ ދުވަހު ދިވެހި ފުލުހުން ހައްޔަރުކުރީ ވ. ދެލްވައްތަ، ހޫދު، 30، އެވެ. އޭނާއަކީ އައިއެސްގެ އިސް އޮޕަރޭޓިވެއް ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.
ޕީޖީ އޮފީހުން ބުނީ އައިއެސް ޖަމާއަތުގެ ލިޔެކިޔުންތަކާއި ފޮޓޯ އާއި ވީޑިއޯ އިންޓަނެޓް މެދުވެރިކޮށް ފަތުރައި، ޝާއިއުކުރަމުންދިޔަ ކަމުގެ ތުހުމަތުކުރެވޭ ހޫދުގެ މައްޗަށް ފަސް ދައުވާކޮށްދޭން އެދި ކްރިމިނަލް ކޯޓަށް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.
ހޫދުގެ މައްޗަށް އުފުލާ ދައުވާތައް:
- އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ - 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް.
- އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއާތެއްގެ ލިޔެކިއުންތައް ފެތުރުން - 10 އަހަރާއި 15 އަހަރާ ދެމެދުގެ ހުކުމެއް.
- ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުން. - 10 އަހަރާއި 15 އަހަރާ ދެމެދުގެ ހުކުމެއް.
- ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދުކުރުން - ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ ހުކުމެއް.
- ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުން. - އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެއް.
ޕީޖީ އޮފީހުން ބުނި ގޮތުގައި އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ އާއި އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއާތެއްގެ ލިޔެކިއުންތައް ފެތުރުމުގެ ދައުވާ އުފުލީ އޭނާގެ ފޯނުން ސޯޝަލް މީޑިއާގެ އެކި އެކައުންޓްތައް ބޭނުންކޮށްގެން ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ، މީހުންނަށް އަނިޔާދިނުމަށާއި މީހުން މެރުމަށާއި ތަންތަނަށް ގެއްލުންދީ އުދުވާނީ ހަމަލާތައް ދިނުމަށް ގޮވާލާފައިވާތީ އެވެ.
އޭނާ ވަނީ އައިއެސް ޖަމާއަތުން ދުނިޔޭގައި ހިންގާ ލާއިންސާނީ އަމަލުތަކާއި އެމީހުންގެ ޕްރޮޕެގެންޑާ ފެތުރުމަށް އެކި އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ގިނަ ލިޔުންތަކާއި ފޮޓޯ އާއި ވީޑިއޯ އޮންލައިން ޕްލެޓްފޯމްތަކުގައި ހިއްސާކޮށް އެކަމަށް ހިތްވަރުދީފައި ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ އޭނާ ވަނީ އައިއެސްގެ ހަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައި ކަމަށެވެ. އޭނާއާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ 2015 އިން ފެށިގެން އައިސިސްގެ ޕްރޮޕަގެންޑާ ފަތުރަމުން ދިޔަ މީހާ އެކަން ކޮށްފައިވަނީ ޓެލެގްރާމާއި އެ ނޫން ވެސް އެންކްރިޕްޓް ކޮށްފައިވާ މެސެޖިން ޕްލެޓްފޯމްތަކުގައި ކަމަށެވެ. މިކަން ކުރުމުގައި އޭނާ ބޭނުންކޮށްފައިވާ ނަމަކީ ފުލުހުން ބުނި ގޮތުގައި "ސްކާމިޝް" އަދި "ސްކާމިޝް ކިޑް" އެވެ.
ހޫދު ވަނީ ޔޫރަޕްގެ ބައެއް ގައުމުތަކުގެ އިސް ވެރިންނާއި އާންމުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާ ދިނުމަށް ގޮވާލާފައިވާ ކޮންޓެންޓް ވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދައުރުކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ބުނެ އެވެ.
ރާއްޖޭގައި ހުރެގެން ހަތް އަހަރު ވަންދެން އައިއެސްގެ ސެލްއެއް ހިންގި ހޫދަކީ 2010 ވަނަ އަހަރު ވިލިމާލޭގައި ހަ މީހުންގެ ގްރޫޕަކުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި ދައުވާ ލިބުނު މީހެކެވެ. އެކަމަކު އެ ދައުވާ ލިބުނު އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ.
ގޮއްވާލަން އެތައް ފަހަރަކު އުޅެފި، އަދިވެސް ޖޯކެއް؟
ކޯޓު އަމުރުނެތި 48 ގަޑިއިރަށް މީހުން ބަންދުކުރެވޭނެ
ބޮން "ހަރުކުރި" ހައިޝަމަށް ދައުވާކުރަން ފޮނުވައިފި
ހަމަލާގެ ބައިވެރިން އޮޅުވާލައިގެން އިމްކަމް ސަޕޯޓް ހޯދި
ބޮން ގޮއްވި އަދުހަމް ކޯޓުގައި ކުށަށް އިއުތިރާފުވި
ނަޝީދަށް ދިން ހަމަލައާ ގުޅިގެން ދައުވާކުރަން ފޮނުވައިފި
ހަރުކަށި ފިކުރުގެ ބަޔަކު ހަމަލާއެއް ރާވާކަމުގެ ތުހުމަތު
ޓެރަރިޒަމް ހިންގަން އުޅުނު ހަ މީހަކު ހައްޔަރުކޮށްފި
ނުރައްކާތެރި ބަޔަކު ދޫވުން: ކޮން ބައެއްގެ އިހުމާލެއް؟
ޓެގް އެޅުވީ ދައުވާ ނުކުރެވި ދޫކޮށްލަން ޖެހުނު މީހުންގެ