Roadha Mihaaru
"ޑައެޓް" ބުއިންތަކުން ސްޓްރޯކްގެ ނުރައްކާ ބޮޑުވެދާނެ

"ޑައެޓް" ބުއިންތަކުން ސްޓްރޯކްގެ ނުރައްކާ ބޮޑުވެދާނެ

22 އެޕްރީލް 2017

ބަރުދަން ލުއިކުރަން މަސައްކަތްކުރާ މީހުން "ޑައެޓް" ސޮޑާ ފަދަ ތަކެތި ބޭނުންކުރެ އެވެ. އޭގެ ތެރޭގައި ޑައެޓް ކޯލާ އާއި އެހެން ބައެއް ބުއިންތައް ވެސް ހިމެނެ އެވެ. މިއީ ކެލަރީ މަދުން ހުންނަ ބުއިންތަކެވެ. އެކަމަކު ދިރާސާއަކުން ދައްކަނީ ޑައެޓް ބުއިންތަކުގެ ސަބަބުން ސްޓްރޯކް ޖެހުމާއި ހަނދާން ބަލިވުމާއި ނަފްސާނީ މައްސަލަތައް ކުރިމަތިކުރުވާ ބައްޔެއް ކަމަށްވާ ޑިމެންޝާ ޖެހުން ފަދަ ކަންކަމާ ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެދާނެ ކަމަށެވެ.

އަލަށް ކުރި މި ދިރާސާއިން ދައްކަނީ އާޓިފިޝަލް މާއްދާތައް ބޭނުންކޮށްގެން ފޮނި ރަހަ ލައްވާފައި ހުންނަ މިފަދަ އެންމެ ބުއިމެއް ކޮންމެ ދުވަހަކު ބުއިމުން ވެސް ސްޓްރޯކާއި ޑިމެންޝާ ޖެހުމަށް އޮންނަ ފުރުސަތު ތިން ގުނައަށް އިތުރުވާ ކަމަށެވެ.

ދިރާސާގައި ބައިވެރިކުރި މީހުންގެ ތެރެއިން، އާޓިފިޝަލް މާއްދާތަކުން ފޮނިރަހަ ލައްވާފައި ހުންނަ ބުއިންތައް ބޭނުންކުރި މީހުންނަށް ޑިމެންޝާ އާއި ސްޓްރޯކް ޖެހުނީ ނިސްބަތުން މަދު ބަޔަކަށެވެ. އެކަމަކު ދިރާސާ ޓީމުން ބުނެފައި ވަނީ "ޑައެޓް" ބުއިންތަކުން އެ ނުރައްކާ އޮންނަ މިންވަރު ބޮޑު ކަމަށެވެ.

ބޮސްޓަން ޔުނިވަސިޓީ ސްކޫލް އޮފް މެޑިސިން އިން ކުރި މި ދިރާސާގައި ބުނެފައި ވަނީ ޑައެޓް ބުއިންތަކުގެ ސަބަބުން ސިއްހީ މި ނުރައްކާތައް އިތުރުވަނީ ކީއްވެގެންކަން މި ދިރާސާއިން ހޯދިފައި ނުވާ ކަމަށެވެ. އެކަމަކު އެފަދަ ބުއިންތަކުން މި ނުރައްކާތައް އިތުރުވާކަން އެނގޭކަން ފާހަގަކޮށްފައިވެ އެވެ.

މީގެ ކުރިން ކޮށްފައިވާ ބައެއް ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ޑައެޓް ސޮޑާގެ ސަބަބުން ހިތުގެ ބަލިތަކަށް ވެސް މަގު ފަހިކުރުވަ އެވެ. މާނަ އަކީ މިކަމުގެ ސަބަބުން ސިކުނޑިއަށް ވެސް ނުރައްކާ އޮތުމެވެ. ޑައެޓް ސޮޑާ އަކީ ބަރުދަން ލުއިކުރުމަށް އެހީއެއް ކަމަށް ބެލެވިފައި ވިޔަސް މިއީ ބަރުދަން އިތުރުކުރުވާ އެއްޗެއްގެ ގޮތުގައި ވެސް ބައެއް ދިރާސާތަކުން ދައްކަ އެވެ. އެހެން ކަމަށްވާ ނަމަ މިއީ ސްޓްރޯކާއި ޑިމެންޝާ ފަދަ ބަލިތަކަށް މަގު ފަހިވާނެ ކަމަކެވެ.

އަލަށް ކުރި ދިރާސާގައި އިސްކޮށް ހުންނެވި މެތިއު ޕާސޭ ވިދާޅުވި ގޮތުގައި ޑައެޓް ސޮޑާއިން ގޮހޮރުގެ ބެކްޓީރިއާތަކަށް ވެސް ނޭދެވޭ އަސަރުކުރާ ކަމަށް ބެލެވެ އެވެ.

"ޑައެޓް ބުއިންތައް ބޭނުންކުރުމާ މެދު ވިސްނަަން އެބަ ޖެހޭ. އެއީ ޑައެޓް އެއްޗެހި ކަމަށް ބުނުމުން އޭގެ މާނައަކީ އެއީ ސިއްހަތަށް ރަނގަޅު އެއްޗަކަށް ވުމެއް ނޫން. އަދި ހަކުރު އެޅި އެއްޗެހީގެ ބަދަލުގައި ބޭނުންކުރަން ރަނގަޅު އެެއްޗަކަށް ވުމެއް ވެސް ނޫން،" ޕާސޭ ވިދާޅުވި އެވެ.

މި ދިރާސާ މި މަހުގެ 20 ވަނަ ދުވަހުގެ "ސްޓްރޯކް" ޖާނަލްގައި ވަނީ ޝާއިއުކޮށްފަ އެވެ.