Roadha Mihaaru
"ޝުގަ ފްރީ" އަކުން ހަކުރުގެ ނުރައްކާ ކުޑައެއް ނުވޭ

"ޝުގަ ފްރީ" އަކުން ހަކުރުގެ ނުރައްކާ ކުޑައެއް ނުވޭ

09 ޖެނުއަރީ 2017

ހަކުރު އަޅާފައި ހުންނަ އެކި ފާޑުގެ ލުއި ބުއިންތަކުގެ ސަބަބުން ލިބޭ ސިއްހީ ގެއްލުންތައް ކުޑަކުުރުމަށް އެއްބަޔަކު ޚިޔާރު ކުރަނީ އެ ބުއިންތަކުގެ "ޑައެޓް" ވައްތަރެވެ. އެއީ "ޝުގަ ފްރީ" ނުވަތަ ހަކުރު ނާޅައި އުފައްދާ ކަމަށް ބުނެ މާކެޓްކުރާ ތަކެއްޗެވެ. އެކަމަކު އިމްޕީރިއަލް ކޮލެޖުގެ ތަޖުރިބާކާރުން ބުނަނީ ހިކެން ބޭނުން ނަމަ ނުވަތަ ހަކުރުން ލިބޭ ގެއްލުންތައް ކުޑަކުރަން ބޭނުން ނަމަ "ޝުގަ ފްރީ" އާ ވެސް ދުރުވާން ޖެހޭނެ ކަމަށެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މިދިޔަ 30 އަހަރު ތެރޭ ކޮށްފައިވާ އެކި ދިރާސާތަކުން މައުލޫމާތު އެއްކޮށްގެން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި ބަރުދަން އިތުރުވުމާއި ޓައިޕް 2 ޑައެބެޓީސްގެ ނުރައްކާ ކުޑަކުރުމަށް، ހަކުރު ނުހުންނަ ކަމަށް ބުނާ ބުއިންތަކުން ފައިދާއެއް ކުރާ ކަމުގެ ހަރުދަނާ އެއްވެސް ހެއްކެއް ނެތެވެ.

ހަކުރު ނާޅައި، އާޓިފިޝަލް ގޮތްތައް ބޭނުންކޮށްގެން ފޮނި ރަހަ ލައްވާފައި ހުންނަ ބުއިންތަކުގައި އާދައިގެ ބުއިންތަކަށް ވުރެ ކެލަރީ މަދެވެ. އެކަމަކު މައްސަލައަކަށް ވަނީ ފޮނި ރަހަ ލެއްވުމަށް ބޭނުންކޮށްފައި ހުންނަ އާޓިފިޝަލް ބާވަތްތަކުގެ ސަބަބުން ވެސް ފޮނިތަކެތި ބޭނުންކުރުމަށް ސިކުނޑިން ސިގްނަލް ދޭ ރިސެޕްޓާތައް މަސައްކަތްކުރާތީ އެވެ. ނަތީޖާއަކަށް ވަނީ ހަކުރު އެޅި ބާވަތްތައް ބޭނުންކުރާ ހިތްވެ އެ ބޭނުންކުރުމެވެ. އަދި ދިރާސާ ޓީމުން ބުނީ ޝުގަ ފްރީ ނުވަތަ ޑައެޓް ބުއިންތައް ބޭނުންކުރަން ފެށުމުން އޭގެ ބުއިންތައް މާގިނައިން ބޭނުންކުރެވޭ ގޮތް ވެސް މެދުވެރިވާ ކަމަށެވެ.

"މިފަދަ ބުއިންތައް މާކެޓްކުރާ ފަރާތްތަކުން މިއީ ޑައެޓް ތަކެތި ކަމަށް ބުނުމުން މީހުންނަށް ހީވަނީ ބަރުދަން އިތުރުވާ މައްސަލަ މި ބުއިންތަކުން ހައްލުވާނެ ކަމަށް،" އިމްޕީރިއަލްސް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ސީނިއާ އިންވެސްޓިގޭޓާ ކްރިސްޓަފާ މިލޭ ވިދާޅުވި އެވެ.

އެކަށީގެންވާ ވަރަށް ވުރެ ފަލަ މީހުން މުޅި ދުނިޔޭގައި ވެސް ގިނަވެފައި ވާއިރު މި މައްސަލަ ހައްލުކުރުމަށް "ޝުގަ ފްރީ" އަކީ ބޭނުމެއް ހުރި އެއްޗެއް ނޫން ކަމަށާއި އެކަމަކު މިއީ ފަލަ ބަލި އިތުރުކުރާ އެއްޗެއްގެ ގޮތުގައި ބެލިދާނެ ކަމަށް ދިރާސާގައި ވަނީ ބުނެފަ އެވެ.

މި ދިރާސާގައި ބުނެފައި ވަނީ "ޝުގަ ފްރީ" ބުއިންތަކުން ބަރުދަން ލުއިކުރުމަށް އެހީ ލިބޭ ކަމަށް ނަތީޖާ ނިކުމެފައިވާ ދިރާސާތައް ވެސް އެބަހުރި ކަމަށާއި އެކަމަކު އެ ދިރާސާތައް ސްޕޮންސަކޮށްފައި ވަނީ ލުއި ބުއިންތައް އުފައްދާ ކުންފުނިތަކުން ކަމަށެވެ. އެހެންވެ އެ ދިރާސާތައް ގަބޫލު ނުކުރުމަށް އާ ދިރާސާގައި ވަނީ އިލްތިމާސްކޮށްފަ އެވެ.