Roadha Mihaaru
ޕީއެސްޖީ އަށް މަޓުއިޑީ މުހިއްމު މޮޅެއް ހޯދައިދީފި

ޕީއެސްޖީ އަށް މަޓުއިޑީ މުހިއްމު މޮޅެއް ހޯދައިދީފި

19 އެޕްރީލް 2017

ޕެރިސް (އޭޕްރިލް 19) - މެޗުގެ ފަހު އިތުރު ވަގުުތުގައި ބްލައިސް މަޓުއިޑީ ޖެހި ލަނޑުން ފްރާންސް ލީގުގައި ރޭ މެޓްޒް އަތުން 3-2 އިން ޕީއެސްޖީ މުހިއްމު މޮޅެއް ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (އޭޕްރިލް 19) - މެޗުގެ ފަހު އިތުރު ވަގުުތުގައި ބްލައިސް މަޓުއިޑީ ޖެހި ލަނޑުން ފްރާންސް ލީގުގައި ރޭ މެޓްޒް އަތުން 3-2 އިން ޕީއެސްޖީ މުހިއްމު މޮޅެއް ހޯދައިފި އެވެ.

މި މޮޅާ އެކު ޕީއެސްޖީން ވަނީ އެއް މެޗު އިތުރަށް ކުޅެގެން ލީގުގެ އެއް ވަނައިގައި އޮތް މޮނާކޯއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. މޮނާކޯ 32 މެޗުން 77 ޕޮއިންޓް ހަމަކޮށްފައިވާއިރު، ޕީއެސްޖީން 77 ޕޮއިންޓް ހޯދީ 33 މެޗު ކުޅެގެންނެވެ.

ރޭގެ މެޗުގެ 33 ވަނަ މިނިޓްގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ އެޑިންސަން ކަވާނީ އެވެ. މިއީ މި ފަހަރު ލީގުގައި ކަވާނީ ޖެހި 30 ވަނަ ލަނޑެވެ. ކަވާނީ އަކީ މި ސީޒަނުގައި ޔޫރަޕްގެ ގަދަ ފަސް ލީގުން އެންމެ ފުރަތަމަ 30 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ.

މެޗުގެ 36 ވަނަ މިނިޓްގައި މަޓުއިޑީ ވަނީ ޕީއެސްޖީ އަށް ލީޑުފުޅާކޮށްދީފަ އެވެ. ހާފް ނިމުމުގެ ކުރިން ތިން ވަނަ ލަނޑެއް ޖަހަން ޕީއެސްޖީ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

ޕީއެސްޖީ ފަސޭހަކޮށްލައިގެން ހުއްޓައި މެޗުގެ ފަހު 15 މިނިޓް ތެރޭ މެޓްޒް އިން ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ. ޔަން ޔޫފްރޭ މެޗުގެ 78 ވަނަ މިނިޓްގައި މެޓްޒްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ލިބުނު ހިލޭ ޖެހުމަކުންނެވެ. މެޗުގެ 88 ވަނަ މިނިޓްގައި މެޓްޒަށް އެއްވަރުކޮށްދިނީ ޗެއިކް ޑިއަބާޓޭ އެވެ.

މަޓުއިޑީ ޕީއެސްޖީ މޮޅުކޮށްދިން ލަނޑު ޖެހީ އިތުރު ވަގުތުގެ ފަހު މިނިޓްގަ އެވެ. ހަވިއޭ ޕަސްޓޯރޭ ނަގައިދިން ހުރަހަކުން މަޓުއިޑީ މި ލަނޑު ޖެހީ ބޮލުންނެވެ.

ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތް މޮނާކޯ މިރޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ ބޮރޫޝިއާ ޑޯޓްމަންޑާ އެވެ.