Roadha Mihaaru
ނީސް އަތުން ކަވާނީ ޕީއެސްޖީ ސަލާމަތްކޮށްދީފި

ނީސް އަތުން ކަވާނީ ޕީއެސްޖީ ސަލާމަތްކޮށްދީފި

12 ޑިސެމްބަރ 2016

ޕެރިސް (ޑިސެމްބަރު 12) - ފްރެންޗް ލީގުގައި ރޭ ނީސް ދެ ލަނޑު ޖަހާފައިވަނިކޮށް އެޑިސަން ކަވާނީގެ ލަނޑުތަކުން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ސަލާމަތްވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (ޑިސެމްބަރު 12) - ފްރެންޗް ލީގުގައި ރޭ ނީސް ދެ ލަނޑު ޖަހާފައިވަނިކޮށް އެޑިސަން ކަވާނީގެ ލަނޑުތަކުން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ސަލާމަތްވެއްޖެ އެވެ.

ރޭގެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުން ލިބުނު ޕޮއިންޓާ އެކު ފްރެންޗް ލީގުގެ އެއް ވަނައިގައި ނީސް އިން ވަނީ އެއް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމު އެއް ވަނައިގައި އޮތީ 17 މެޗުން 40 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މޮނާކޯ އަށް 17 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި ޕީއެސްޖީ އޮތީ 36 ޕޮއިންޓާ އެކު އެވެ.

ރޭގެ މެޗުގެ 32 ވަނަ މިނިޓްގައި ނީސް އަށް ލީޑު ނަަގައިދިނީ ލިބުނު ހިލޭ ޖެހުމަކުން ވިލަން ސިޕްރިއެން އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނީސްގެ ދެ ވަނަ ލަނޑު ކާމިޔާބުކުރީ އަލަސާނޭ ޕްލެއާ އެވެ.

ނީސް ދެ ގޯލުގެ ލީޑެއް ނެގުމުން ޕީއެސްޖީން ދެ ވަަނަ ހާފްގައި ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް ފޮނުވަން ފެށި އެވެ. ކަވާނީ ފުރަތަމަ ލަނޑު ޖެހީ ދެ ވަނަ ހާފް ފެށިގެން ދެ ވަނަ މިިނިޓްގަ އެވެ. އަދި އެއްވަރުކޮށްދިނީ މެޗުގެ 60 ވަނަ މިނިޓްގަ އެވެ.

ކަވާނީ ލަނޑު ލިސްޓުގެ ކުރީގައި އޮތީ 16 ގޯލު ޖަހައިގެންނެވެ.

ޕީއެސްޖީ މި ސީޒަނުގައި ލީގުގައި ކުޅުނު 17 މެޗުގެ ތެރެއިން 11 މެޗުން މޮޅުވިއިރު، ތިން މެޗުން އެއްވަރު އަދި އަނެއް ތިން މެޗުން ވަނީ ބަލިވެފަ އެވެ.

މި ސީޒަނުގައި ޕީއެސްޖީއާ ހަވާލުވި ކުރިން ސެވިއްޔާ އަށް ކޯޗު ކޮށްދިން އުނައި އެމެރީގެ އިރުޝާދުގެ ދަށުން ޕީއެސްޖީ އަށް އެންމެ ރަނގަޅު ނަތީޖާތަކެއް ނެރެވިފައިނުވެ އެވެ. އަދި ޗެމްޕިއަންސް ލީގުގައި ވެސް ޕީއެސްޖީ އަށް ގްރޫޕްގެ އެއް ވަނަ ގެއްލުމުން އެމެރީގެ މުސްތަގުބަލާ ގުޅޭގޮތުން ވަނީ ސުވާލު އުފެދިފަ އެވެ.