Roadha Mihaaru
ޕީއެސްޖީ އާއި ނީސް މޮޅުވުމުން މޮނާކޯ އަށް ޕްރެޝަރު

ޕީއެސްޖީ އާއި ނީސް މޮޅުވުމުން މޮނާކޯ އަށް ޕްރެޝަރު

05 މާޗް 2017

ޕެރިސް (މާޗް 5) - ފްރެންޗް ލީގުގައި ރޭ ނީސް އާއި ޕީއެސްޖީ ކުޅުނު މެޗުތަކުން މޮޅުވުމުން ލީގުގެ އެއް ވަނައިގައި އޮތް މޮނާކޯ އަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (މާޗް 5) - ފްރެންޗް ލީގުގައި ރޭ ނީސް އާއި ޕީއެސްޖީ ކުޅުނު މެޗުތަކުން މޮޅުވުމުން ލީގުގެ އެއް ވަނައިގައި އޮތް މޮނާކޯ އަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

ޕީއެސްޖީ ވަނީ ރޭ އަމިއްލަ ދަނޑުގައި 1-0 އިން ނޭންސީ ބަލިކޮށްފަ އެވެ. ރަށުން ބޭރުގައި ކުޅުނު މެޗުން ޑިޖޯން އަތުން ނީސް މޮޅުވީ 1-0 އިންނެވެ.

ނީސް އާއި ޕީއެސްޖީ މޮޅުވުމުން ލީގުގެ އެއް ވަނަ އާއި ދެ ވަަނަ އަދި ތިން ވަނައިގައި އޮތް ތިން ޓީމު ވަނީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފަ އެވެ. މޮނާކޯ 27 މެޗުން 62 ޕޮއިންޓް ހޯދާފައިވާއިރު، ދެ ވަނައިގައި އޮތް ޕީއެސްޖީ އާއި ތިން ވަނައިގައި އޮތް ނީސް 62 ޕޮއިންޓް ހަމަކޮށްފައިވަނީ 28 މެޗުންނެވެ.

ލީގުގައި މިރޭ ނަންޓެސް އަތުން މޮނާކޯ މޮޅުވެއްޖެނަމަ އެ ޓީމަށް އެއް ވަަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.

ރޭ ނޭންސީއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީ އަށް ގިނަ އުނދަގޫތަކާ ކުރިމަތިވި އެވެ. މި ގޮތުން މެޗުގެ 75 ވަނަ މިނިޓްގައި ނޭންސީގެ އަލެކްސިސް ބިއުސިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ޕީއެސްޖީ މޮޅުކޮށްދިން ލަނޑު މެޗުގެ 80 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ އެޑިސަން ކަވާނީ އެވެ.

މިއީ މި ސީޒަނުގައި ކަވާނީ ޖެހި 27 ވަނަ ލަނޑެވެ.

މެޗަށް ފަހު ކަވާނީ ބުނީ ޕީއެސްޖީގެ އެޓޭކް ވަރުގަދަ ވުމުން ކޮންމެ ޓީމެއް ވެސް ވިސްނަނީ ޑިފެންސިވް ގޭމެއް ކުޅެން ކަމަށެވެ.

"ޕީއެސްޖީގެ އެޓޭކްގައި ތިބި ކުޅުންތެރިންނަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން. މި ކުޅުންތެރިން ހުއްޓުވަން އިދިކޮޅު ޓީމުތަކުން މުޅިން ވިސްނަނީ ޑިފެންސިވް ގޭމަކަށް. މިއީ އަހަރެމެންނަށް ވަރަށް އުނދަގޫ މެޗުތަކެއް،" އުރުގުއޭ ގައުމީ ޓީމަށް ވެސް ކުޅޭ ކަވާނީ ބުންޏެވެ.

ޕީއެސްޖީ ދެން ކުޅޭ މެޗުގައި އަންނަ ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ރަށުންބޭރުގައި ނުކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ. އަމިއްލަ ދަނޑުގައ ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ ވަނީ ޕީއެސްޖީ އަތުން 4-0 އިން ބަލިވެފަ އެވެ.