Roadha Mihaaru
ނޯތު ކޮރެއާގެ ލީޑަރަށް ވުރެ ޓްރަމްޕް މާ ނުރައްކާ

ނޯތު ކޮރެއާގެ ލީޑަރަށް ވުރެ ޓްރަމްޕް މާ ނުރައްކާ: ރަޝިޔާ ޓީވީ

18 އެޕްރީލް 2017

މޮސްކޯ (އެޕްރީލް 18) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަށް ވުރެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މާ ނުރައްކާ ކަމަށް ރަޝިޔާގެ ރަސްމީ ޓީވީން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މޮސްކޯ (އެޕްރީލް 18) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަށް ވުރެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މާ ނުރައްކާ ކަމަށް ރަޝިޔާގެ ރަސްމީ ޓީވީން ބުނެފި އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ރަޝިޔާ އިން ޓްރަމްޕަށް ވަރަށް ބޮޑަށް ތައުރީފްކޮށް އެއީ ދުނިޔެ ބޭނުންވާ ފަދަ ލީޑަރެއް ކަމަށް ބުނި ނަމަވެސް ރަޝިޔާގެ ރަސްމީ ޓީވީގެ ޕްރައިމް ގަޑީގައި ކްރެމްލިންގެ ކޮމިއުނިކޭޝަންގެ އިސް ބޭފުޅެއް ކަމަށްވާ ދިމިތުރީ ކިސެލްޔޯފް ވިދާޅުވީ ކިމް ޔޮން-އުންއާ ޚިލާފަށް ޓްރަމްޕަކީ ގޮތް ނޭނގޭ މީހެއް ކަމަށެވެ.

ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު ރަޝިޔާ ސަރުކާރުގެ ނޫސް އެޖެންސީއެއް ހިންގުމަށް ރައީސް ލަޑިމިއާ ޕުޓިން 2013 ވަނަ އަހަރު ހަވާލު ކުރި ކިސެލްޔޯފް ވިދާޅުވީ ކިމް ޖޮން-އުންގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅަށް ރިޔާސީ ގަނޑުވަރުގައި ވަކި އޮފީހެއް ނުހުންނަ ކަމަށާއި އެކަމަކު ޓްރަމްޕުގެ 35 އަހަރުގެ އަންހެން ދަރިފުޅު އިވަންކާ އަށް ވައިޓް ހައުސްގެ ޚާއްސަ ރޯލެއް ހަވާލުކޮށްފައިވާ ކަމަށެވެ.

އެމެރިކާ އާއި ރަޝިޔާއާ ދެމެދު ގާތް ގުޅުންތަކެއް އޮތް ނަމަވެސް ސީރިއާ އަށް އެމެރިކާ އިން މި މަހު 7 ވަނަ ދުވަހު މިސައިލް ހަމަލާ ދިން ފަހުން ދެ ގައުމުގެ ގުޅުން ވަނީ ގޯސްވާން ފަށައިފަ އެވެ. ރަޝިޔާއަކީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ގާތް އެކުވެރިއެކެވެ.

ރަޝިޔާގެ އެންޓީވީގެ ނިއުސްކާސްޓާ އިރާދާ ޒެނަލޯވާ ވަނީ އަސަދަށް ބޮން އެޅުމަށް ޓްރަމްޕަށް ބާރު އެޅުއްވީ އިވާންކާ ކަމަށާއި ދެކުނުގެ ކޮރެއާގެ ލީޑަރު ކިމް އަށް ބޮން އަޅަން އިވަންކާ ބާރު އަޅައިފި ނަމަ ދެން ކަންތައް ވާނެ ގޮތަކާ މެދު ސުވާލު އުފައްދައިފަ އެވެ.

ކިސެލްޔޯފް ވިދާޅުވީ ދުނިޔެ އޮތީ ނިއުކްލިއާ ހަނގުރާމައެއްގެ ތުންފަތް މަތީގައި ކަމަށެވެ.

ކިސެލްޔޯފްގެ ވާހަކަތަކަކީ ރަޝިޔާ ސަރުކާރުގެ ސިޔާސަތުތޯ ސުވާލު ކުރުމުން ކްރެމްލިންގެ ތަރުޖަމާން ޑިމިތުރީ ޕެސްކޯފް ވަކި ޖަވާބެއް ނުދެއްވަ އެވެ.