Roadha Mihaaru
ވޯޓާސް ލިސްޓުގައި ސޮއިކުރަން ޖޭޕީން ދެކޮޅު ހަދައިފި

ވޯޓާސް ލިސްޓުގައި ސޮއިކުރަން ޖޭޕީ ވެސް ދެކޮޅު

18 އެޕްރީލް 2017

އަންނަ މަހު 6 ގައި ބާއްވަން ނިންމާފައިވާ ލޯކަލް އިންތިހާބުގެ ވޯޓާސް ލިސްޓުގައި ސޮއިކުރަން ޖުމްހޫރީ ޕާޓީން ވެސް މިއަދު ދެކޮޅު ހަދައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަންނަ މަހު 6 ގައި ބާއްވަން ނިންމާފައިވާ ލޯކަލް އިންތިހާބުގެ ވޯޓާސް ލިސްޓުގައި ސޮއިކުރަން ޖުމްހޫރީ ޕާޓީން ވެސް މިއަދު ދެކޮޅު ހަދައިފި އެވެ.

ލިސްޓާ މެދު ކަންބޮޑުވުން ފާޅުކޮށް، އިދިކޮޅު އެމްޑީޕީން ވެސް އެ ލިސްޓުގައި އަދި ސޮއެއް ނުކުރެ އެވެ.

ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ވޯޓާސް ލިސްޓުގައި ސޮއިކުރަން އިލެކްޝަނަށް ދިއުމުން، އެ ޕާޓީއާ ހަވާލުކުރީ ތިން ލިސްޓެއް ކަމަށެވެ. އެ ތިން ލިސްޓަކީ ވެސް ތަފާތު ތިން ލިސްޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއް ލިސްޓުގައި ވޯޓުލާ މީހުންގެ ނަމާއި އައިޑީ ނަންބަރާއި ފޮޓޯ ވެސް ހުރި. އަނެއް ލިސްޓުގައި ނަމާއި އައިޑީ ކާޑު ނަމްބަރު، ދެން ހަވާލުކުރި ލިސްޓުގައި ހަމައެކަނި ނަން ހިމަނައި މުހިއްމު ހުރިހާ މައުލޫމާތެއް ވަނީ އުނިކޮށްފައި،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވޯޓުލާން އޮންނަނީ ތިން ލިސްޓަކަށް ނޫނެވެ. ވޯޓުލާން އޮންނަނީ އާއްމުކޮށްފައި އޮންނަ އެންމެ ލިސްޓަކަށްވާތީ، އިލެކްޝަންސް ކޮމިޝަނުން ތަފާތު ތިން ލިސްޓެއް ގެންގުޅެން ޖެހޭ ސަބަބެއް އޮންނަންވާނެ ކަމަށް އެ ޕާޓީ އަށް ގަބޫލެއް ނުކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އެހެންވެ ވޯޓާސް ލިސްޓުގައި ސޮއި ކުރަން އަޅުގަނޑުމެން އުޒުރުވެރިވީ،" އޮފިޝަލް ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީން ބުނެފައިވާ ގޮތުގައި މި ފަހަރު ވޯޓާސް ލިސްޓު އާއްމުކޮށްފައި ވަނީ ވޯޓުލާ އެއްވެސް މީހެއްގެ އައިޑީ ކާޑު ނޭނގޭ ގޮތަށެވެ. އެހެންކަމުން، ޕާޓީތަކުން ސޮއިކުރަން އެދިފައިވާ އެ ލިސްޓަކީ ސައްހަ ލިސްޓެއް ކަމަށް އެމްޑީޕީ އަށް ގަބޫލުނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވެފައި ވަނީ ރާއްޖޭގައި ބާއްވާ އިންތިހާބުތަކަށް އަމާޒުކޮށް 2013 ގައި ސުޕްރީމް ކޯޓުން އެކުލަވައިލި ގައިޑްލައިނުގައި ވޯޓާސް ލިސްޓު އާއްމުކުރަން ޖެހޭނީ ވޯޓުލާ މީހާގެ ނަމާއި ގޭގެ އެޑްރެހާއި އައިޑީ ކާޑު ނަމްބަރު އެނގޭ ގޮތަށް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެކަމަކު ލޯކަލް އިންތިހާބަށް ވޯޓާސް ލިސްޓު އިލެކްޝަނުން އާއްމުކޮށްފައި ވަނީ އެ ގައިޑްލައިނުގައި ބުނެފައިވާ ގޮތާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.