17 އެޕްރީލް 2017
ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަން އިންޓަނޭޝަނަލާ އެކު ހެދި އެއްބަސްވުން އުވާލި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރު ދޭން ސަން ޓްރެވަލްސް އެންޑް ޓުއާސްގެ މައްޗަށް ސިންގަޕޫރު އާބިޓްރޭޝަނުން އެންގި އެންގުމަކީ ތަންފީޒު ނުކުރެވޭނެ ބާތިލް އެންގުމެއް ކަމަށް ސަން ޓްރެވަލްސް އިން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަން އިންޓަނޭޝަނަލާ އެކު ހެދި އެއްބަސްވުން އުވާލި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރު ދޭން ސަން ޓްރެވަލްސް އެންޑް ޓުއާސްގެ މައްޗަށް ސިންގަޕޫރު އާބިޓްރޭޝަނުން އެންގި އެންގުމަކީ ތަންފީޒު ނުކުރެވޭނެ ބާތިލް އެންގުމެއް ކަމަށް ސަން ޓްރެވަލްސް އިން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް ކުންފުނިން އެގޮތަށް ބުނީ އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން 2013 ގައި އުވާލި މައްސަލާގައި ހިލްޓަނަށް ލިބުނު ގެއްލުމަށް ދޭން ޖެހޭ ކަމަށް އާބިޓްރޭޝަނުން ނިންމި ބަދަލު ތަންފީޒު ކުރުމުގެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށް ކަނޑައަޅައިދޭން އެދި ހިލްޓަނުން ހުށަހެޅި މައްސަލާގަ އެވެ. އެ ނިންމުން ތަންފީޒު ކުރަން ހިލްޓަނުން ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ އެ ނިންމުން ތަންފީޒު ކުރެވޭނީ ހައި ކޯޓަށް ކަމަށެވެ.
އާބިޓްރޭޝަންގެ ގާނޫނު އޮންނަ ގޮތުން އާބިޓްރޭޝަންގެ ނިންމުންތައް ތަންފީޒު ކުރެވޭނީ ސިވިލް ކޯޓަށް ކަމަށް ހިލްޓަނުން ހައި ކޯޓުގައި ފާހަގަކުރާ ނުކުތާ އަށް ސަން ޓްރެވަލްސް އިން ވެސް އެއްބަސްވި އެވެ. އެކަމަކު ހިލްޓަންގެ މައްސަލާގައި އާބިޓްރޭޝަނުން ނިންމި ނިންމުމަކީ ތަންފީޒު ނުކުރެވޭނެ ނިންމުމެއް ކަމަށް ސަން ޓްރެވަލްސް އިން ބުންޏެވެ.
ހައި ކޯޓުގައި ވާހަކަ ދައްކަވަމުން ސަން ޓްރެވަލްސްގެ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވީ ސިންގަޕޫރު އާބިޓްރޭޝަންގެ އެ ނިންމުމަކީ ރާއްޖޭގެ އާންމު ނިޒާމާ ޚިލާފް ބާތިލް ނިންމުމެއް ކަމަށާއި އެ ނިންމުން ތަންފީޒު ނުކުރެވޭނެ ކަމަށެވެ.
މުއިއްޒު އެހެން ވިދާޅުވުމުން، ހިލްޓަންގެ ވަކީލް ޝަހުދީ އަންވަރު ވިދާޅުވީ އާބިޓްރޭޝަންގެ ނިންމުން ގަބޫލު ނުކުރާ ނަމަ އެ މައްސަލަ ތިން މަސް ތެރޭގައި ހައި ކޯޓަށް ހުށަހަޅަން ގާނޫނު ލާޒިމްކުރާ ކަމަށެވެ. އެކަމަކު ސަން ޓްރެވަލްސް އިން އެކަން ކޮށްފައިނުވާ ކަމަށާއި އެހެންވެ، މިހާރު އެ ނިންމުން ގަބޫލުނުކުރާ ކަމަށް ބުނެ ސަން ޓްރެވަލްސް އަށް އެ ވާހަކަ ދެއްކޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ޝަހުދީ ވިދާޅުވި އެވެ.
އެ ވާހަކައަށް ރައްދު ދެއްވައި، މުއިއްޒު ވިދާޅުވީ އާބިޓްރޭޝަންގެ ނިންމުން ގަބޫލުނުކުރާ ނަމަ އެއަށް ޗެލެންޖް ކުރުމުގެ ފުރުސަތު ދެ ގޮތަކަށް އޮންނަ ކަމަށެވެ. އެއް ގޮތަކީ، އޭނާ ވިދާޅުވި ގޮތުގައި، ވަކި މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހެޅުމެވެ. ދެވަނަ ގޮތަކީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ހުށަހެޅުމުން އެ މަރުހަލާގައި އެއަށް ޗެލެންޖް ކުރުން ކަމަށް ވެސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ސިވިލް ކޯޓުގައި އެކަމަށް ޗެލެންޖް ކޮށްފައިވާނެ ކަމަށާއި ނަމަވެސް އޭގެ ތަފްސީލަށް މިވަގުތު ދާން ބޭނުންނުވާ ކަމަށެވެ.
މީގެ އިތުރުން ހިލްޓަނާ އެކު ހެދި އެއްބަސްވުމަކީ ބާތިލް އެއްބަސްވުމެއް ކަމަށް މިދިޔަ ފެބްރުއަރީ މަހު ސިވިލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭނާ އިޝާރާތް އެ ކުރެއްވީ ސަން ޓްރެވަލްސް އަށް 16 މިލިއަން ޑޮލަރު ދައްކަން ހިލްޓަންގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމަށެވެ.
އެ ވާހަކައާ ގުޅިގެން ޝަހުދީ ވިދާޅުވީ ސިވިލް ކޯޓުގެ އެ ހުކުމް ހިލްޓަނުން ގަބޫލުނުކުރާ ކަމަށެވެ. އެހެންވެ އެ މައްސަލަ މިހާރު އެ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޝަހުދީ ވިދާޅުވި ގޮތުގައި މިހާރު ހައި ކޯޓުގައި ހިނގަމުންދާ މައްސަލައަކީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރުމުގެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ މައްސަލަ އެވެ. އަދި އެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށް ސަން ޓްރެވަލްސް އިން ވެސް އެއްބަސްވާ ކަން ޝަހުދީ ފާހަގަކުރެއްވި އެވެ.
ޝަހުދީ ވިދާޅުވީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން މަސައްކަތް ކުރާތާ ދޮޅު އަހަރުވެއްޖެ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށް ނިންމައިދޭން އޭނާ އެދިވަޑައިގަތެވެ.
އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރު ބައްލަވާ އެ މައްސަލާގެ މިއަދުގެ އަޑުއެހުން ނިންމާލީ ދެން އޮންނަ އަޑުއެހުމެއްގައި ހުކުމް ކުރައްވާނެކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.
ސަން ކުންފުނިން ހިލްޓަނަށް 31 މިލިއަން ޑޮލަރުދީފި
ސިވިލް ކޯޓުން ހިލްޓަނަށް ބަދަލު ނަގައިދޭން ހުކުމްކޮށްފި
ސަން ސިޔާމްގެ ޕާސްޕޯޓް ސިންގަޕޫރުން ހިފަހައްޓައިފި
ހިލްޓަނަށް ސަންއިން ފައިސާ ދިނުން ފަސްކުރަން އަމުރެއް
ސަންއަށް ބަދަލު ދޭން ކުރި ހުކުމް ބާތިލްކުރީ ރަނގަޅަށް
އިރުފުށި މައްސަލަ ސަން ޓްރެވަލްސްއާ ދެކޮޅަށް ނިންމައިފި
ހިލްޓަންގެ 16 މިލިއަން ޑޮލަރުގެ މައްސަލަ ހުކުމަށް
ސަން ޓްރެވަލްސް ގޮވައިގެން ސިންގަޕޫރު ސުޕްރީމް ކޯޓަށް
ހިލްޓަން އަށް ބަދަލު ހޯދައިދެވޭނީ ހައި ކޯޓަށް
ސަންގެ ދަރަނި ސަރުކާރުން ދައްކަން ނުޖެހޭނެ: ސިޔާމް