12 ނޮވެމްބަރ 2018
ނ. އިރުފުށި ރިސޯޓް ހިންގުމުގެ މައްސަލައިގައި ސަން ޓްރެވަލްސް އަށް 16 މިލިއަން ޑޮލަރު ދައްކަން ހިލްޓަން އިންޓަނޭޝަނަލްގެ މައްޗަށް ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.
ނ. އިރުފުށި ރިސޯޓް ހިންގުމުގެ މައްސަލައިގައި ސަން ޓްރެވަލްސް އަށް 16 މިލިއަން ޑޮލަރު ދައްކަން ހިލްޓަން އިންޓަނޭޝަނަލްގެ މައްޗަށް ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.
އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް ކުންފުނީގެ އިރުފުށި ރިސޯޓް ހިންގުމާ ބެހޭ ގޮތުން ހިލްޓަނާ އެކު ހެދި އެއްބަސްވުމުގެ މައްސަލައިގައި ހިލްޓަން އިން ސަން ޓްރެވަލްސް އަށް 16 މިލިއަން ޑޮލަރު (255 މިލިއަން ރުފިޔާ) ދައްކަން މިދިޔަ އަހަރު ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
އެ ހުކުމް ކުރުމުގެ ކުރިން، އެ އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލު ކުރި މައްސަލައިގައި ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދައްކަން ސަން ޓްރެވަލްސްގެ މައްޗަށް ސިންގަޕޫރު އާބިޓްރޭޝަނުން އޮތީ އަންގައިފަ އެވެ.
ސިވިލް ކޯޓުގެ ހުކުމް ހިލްޓަންގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް ކުރިން ނިންމާލާފައި އޮތުމަށް ފަހު، ހައި ކޯޓުން މިއަދު ހެނދުނު އިތުރު އަޑުއެހުމެއް ބޭއްވީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައިސްފައިވާތީ އިޖްރާއާތުތައް ފުރިހަމަ ކުރުމުގެ ގޮތުންނެވެ.
ކުރިން ދެކެވިފައި ހުރި ވާހަކަތައް މިއަދުގެ އަޑުއެހުމުގައި ޚުލާސާކޮށް ފާހަގަ ކުރައްވަމުން ހިލްޓަންގެ ވަކީލު ޝަހުދީ އަންވަރު ވިދާޅުވީ ސިވިލް ކޯޓުން ބެލި މައްސަލައަކީ އާބިޓްރޭޝަނުން އެކަމާ މެދު ވަކި ގޮތެއް ނިންމައި، ހިލްޓަންއާ އެއްކޮޅަށް ނިންމާފައިވާ މައްސަލައެއް ކަމަށެވެ. އަދި ސިވިލް ކޯޓުން ބެލި މައްސަލައިގައި ސަން ޓްރެވަލްސް އިން ފާހަގަކުރި ކަންކަމަކީ އެ ކުންފުނިން އާބިޓްރޭޝަންގައި ވެސް ފާހަގަކުރި ކަންކަން ކަމަށާއި އެ ކަންކަމަށް އާބިޓްރޭޝަނުން އޮތީ ގޮތް ނިންމާފައިވާ ކަމަށް ވެސް ޝަހުދީ ވިދާޅުވި އެވެ.
އެ މައްސަލަ ސަން ޓްރެވަލްސް އިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ހިލްޓަންގެ ފަރާތުން އިޖްރާއީ ނުކުތާތަކެއް ވެސް ފާހަގަކުރި ކަމަށާއި އެކަމަކު އެ މައްސަލަ ނިންމި އިރު އެއިން ކަމަކަށް ރިއާޔަތް ކޮށްފައި ނެތް ކަމަށް ވެސް ޝަހުދީ ވިދާޅުވި އެވެ. އަދި އެ ހުކުމް ކޮށްފައި އޮތީ ހަމައެކަނި ސަން ޓްރެވަލްސް އިން ފާހަގަކުރި ކަންކަމަށް ރިއާޔަތްކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މައްސަލައަކީ ހިލްޓަންއާ އެއްކޮޅަށް އާބިޓްރޭޝަނުން ގޮތެއް ނިންމާފައި އޮތް މައްސަލައެއް ކަން ތަކުރާރުކޮށް ފާހަގަ ކުރައްވައި، ޝަހުދީ ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގެ މައްސަލަ އަލުން ސިވިލް ކޯޓުގައި ބެލުމަކީ އާބިޓްރޭޝަންގެ ބޭނުން ކެނޑިގެންދާނެ ކަމެކެވެ. އޭނާ ވިދާޅުވި ގޮތުގައި ސަން ޓްރެވަލްސް އިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އާބިޓްރޭޝަނުން ހިލްޓަނާ އެއްކޮޅަށް ނިންމި ނިންމުން ތަންފީޒު ނުކުރުމަށެވެ.
މީގެ އިތުރުން މައްސަލަ ސިވިލް ކޯޓުން ނިމުނު ފަހުން، އާބިޓްރޭޝަންގެ ނިންމުމާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރަން ސިންގަޕޫރު ހައި ކޯޓުން ސަން ޓްރެވަލްސްގެ މައްޗަށް އަމުރެއް ނެރެފައިވާ ކަން ވެސް ޝަހުދީ ފާހަގަ ކުރެއްވި އެވެ. އަދި އެ އަމުރު އެގޮތުގައި ދެމި އޮއްވާ ސިވިލް ކޯޓުގެ ހުކުމް ދިފާއުކޮށް ސަން ޓްރެވަލްސްގެ ފަރާތުން ވާހަކަ ދެއްކުމަކީ ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލަކަށް ވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަން ޓްރެވަލްސްގެ ވަކީލު އަހުމަދު މުއިއްޒު ވިދާޅުވީ ސިންގަޕޫރު ހައި ކޯޓުން ނެރުނު އަމުރުގެ ސަބަބުން ސިވިލް ކޯޓުގެ ހުކުމުގެ ދިފާއުގައި ސަން ޓްރެވަލްސް އަށް ވާހަކަ ނުދެއްކޭނެ ކަމަށް ހިލްޓަންގެ ފަރާތުން ބުނެފައިވާތީ އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. އެހެންވެ، އެކަމުގައި ފަނޑިޔާރުންގެ ބެންޗުން ގޮތެއް ނިންމައިދޭން މުއިއްޒު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުން އެންގެވީ ސަން ޓްރެވަލްސްގެ ވާހަކަތައް ކުރިއަށް ގެންދެެވުމަށެވެ.
މުއިއްޒު ވިދާޅުވީ އެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ހިލްޓަން އިން ފާހަގަކުރި ކަންކަމަށް އެ ކޯޓުގެ ހުކުމުގައި ރިއާޔަތް ކޮށްފައި އެބައޮތް ކަމަށެވެ. އަދި އެ އެއްބަސްވުމަކީ އޮޅުވާލައިގެން ސޮއި ކުރުވާފައިވާ އެއްބަސްވުމެއް ކަމަށް ބުނެ ސަން ޓްރެވަލްސް އިން ހުށަހެޅި ކަންކަމުގެ ދިފާއުގައި ވާހަކަ ދައްކަން ހިލްޓަން އަށް ދަށު ކޯޓުގައި ފުރުސަތު ލިބުނު ކަމަށާއި އަދި ހިލްޓަން އިން ދިފާއުގައި ދަށު ކޯޓަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް ސާފު ކުރަން ނުޖެހޭ ނަމަ، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ. އަދި ހުކުމް އިއްވާނެ ދުވަހެއް ފަހުން އަންގަވާނެ ކަމަށް ވެސް އިސް ފަނޑިޔާރު ވިދާޅުވި އެވެ.
އިސް ފަނޑިޔާރު ޝުޖާއުގެ އިތުރުން އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.
ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިންއެއް ކަމަށްވާ ހިލްޓަންއާ އެއްކޮޅަށް އާބިޓްރޭޝަނުން ނިންމި ނިންމުން ތަންފީޒު ކުރަން ސިވިލް ކޯޓަށް އެ ކުންފުނިން ހުށަހެޅި މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އެ މައްސަލަ ހިލްޓަން އިން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ނިންމާފައި އޮތީ އެ މައްސަލަ ބަލަން ޖެހޭނީ ސިވިލް ކޯޓުން ކަމަށެވެ.
ސަން ޓްރެވަލްސް ގޮވައިގެން ސިންގަޕޫރު ސުޕްރީމް ކޯޓަށް
ސަން ކުންފުނިން ހިލްޓަނަށް 31 މިލިއަން ޑޮލަރުދީފި
ސަން ޓްރެވަލްސް އަށް ބަދަލުދޭން ކުރި ހުކުމް ބާތިލް
ސިވިލް ކޯޓުން ހިލްޓަނަށް ބަދަލު ނަގައިދޭން ހުކުމްކޮށްފި
އާބިޓްރޭޝަންގެ ނިންމުން ތަންފީޒެއް ނުކުރެވޭނެ: ސަން
އިރުފުށި މައްސަލާގައި ހިލްޓަން ގޮތް ހުސްވެފައި
ސަންގެ ދަރަނި ސަރުކާރުން ދައްކަން ނުޖެހޭނެ: ސިޔާމް
ސިޔާމް މިރޭ ރާއްޖެ ވަޑައިގަންނަވަނީ
ސިޔާމް ފުރުން މަނާކުރި މައްސަލައަށް ސަރުކާރު ވަދެއްޖެ
ސަން ސިޔާމްގެ ޕާސްޕޯޓް ސިންގަޕޫރުން ހިފަހައްޓައިފި