09 މާޗް 2017
ނ.އިރުފުށި ރިސޯޓް ހިންގަން، ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޓެލް ކުންފުނި ކަމަށްވާ "ހިލްޓަން ވޯލްޑް ވައިޑް" އާ އެކު ހެދި އެއްބަސްވުން ސަން ޓްރެވަލް އެންޑް ޓްއާސް އިން އުވާލުމުން ހިލްޓަންއަށް 26 މިލިއަން ޑޮލަރު ދޭން އާބިޓްރޭޝަނުން ކޮށްފައިވާ އަމުރު ތަންފީޒު ނުކުރެވި ދިވެހި ސަރުކާރަށް ހިލްޓަން އިން އާދޭސްކުރަމުން އަންނަތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ.
ނ.އިރުފުށި ރިސޯޓް ހިންގަން، ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޓެލް ކުންފުނި ކަމަށްވާ "ހިލްޓަން ވޯލްޑް ވައިޑް" އާ އެކު ހެދި އެއްބަސްވުން ސަން ޓްރެވަލް އެންޑް ޓްއާސް އިން އުވާލުމުން ހިލްޓަންއަށް 26 މިލިއަން ޑޮލަރު ދޭން އާބިޓްރޭޝަނުން ކޮށްފައިވާ އަމުރު ތަންފީޒު ނުކުރެވި ދިވެހި ސަރުކާރަށް ހިލްޓަން އިން އާދޭސްކުރަމުން އަންނަތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދުގެ މަސްލަހަތު އޮންނަ ސަން ޓްރެވަލް އިން، އިރުފުށި ހިންގަން ހިލްޓަންއާ 2009 ވަނަ އަހަރު ހަވާލުކުރީ 2029 ވަނަ އަހަރުގެ ނިޔަލަށެވެ. އެކަމަކު މެއި 2013 ގައި ސަން ޓްރެވަލް އިން ވަނީ އެއްބަސްވުން އުވާލައި އެ ރިސޯޓާ ހަވާލުވެފަ އެވެ. މި މައްސަލަ ހިލްޓަން އިން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅުމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަން ޓްރެވަލްއިން، ގާތްގަނޑަކަށް 26 މިލިއަން ޑޮލަރު ދޭން 2015 ވަނަ އަހަރު އެންގި އެވެ. އަދި މި ނިންމުމަށް އިންޓަނޭޝަނަލް ޗެމްބާ އޮފް ކޮމާސް (އައިސީސީ) ގެ އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަނުން ވަނީ ތާއީދު ކޮށްފަ އެވެ.
"މިހާރު" އަށް ކަށަވަރު ވެފައިވާ ގޮތުގައި ނައިބު ރައީސްކަމުގައި އަހްމަދު އަދީބު ހުންނެވި އިރު މި މައްސަލާގައި ހިލްޓަންގެ އެގްޒެކަޓިވް ވައިސް ޕްރެޒިޑެންޓް އަދި އެ ކުންފުނީގެ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޕްރެޒިޑެންޓް މާޓިން ރިންކް ވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސިންގަޕޫރުގައި އަދީބާ ބައްދަލުކުރައްވައިފަ އެވެ. އަދި އޭގެ ފަހުން މި ބައްދަލުވުމާ ބެހޭ ގޮތުން އަދީބަށް ރިންކް ސިޓީއެއް ފޮނުއްވިކަން ވެސް ވަނީ އެނގިފަ އެވެ. މި މައްސަލަ ރައީސަށް ހުށަހަޅައި، ހައްލެއް ހޯދުމަށް މަސައްކަތްކޮށްދެއްވުމަށް އަދީބުގެ އަރިހުން ރިންކް އެދިވަޑައިގެންފައިވެ އެވެ. އަދި މިކަމުގައި އެމެރިކާ ސަރުކާރުން ވެސް ދިވެހި ސަރުކާރާ މުއާމަލާތްތަކެއް ކޮށްފައިވާކަން ވަނީ އެނގިފަ އެވެ.
އާބިޓްރޭޝަނުން ނިންމާ ގޮތަކަށް އަމަލުކުރައްވާނެ ކަމަށް ސިޔާމް ވިދާޅުވި ކަމަށް، އެ ސިޓީގައި ރިންކް ވިދާޅުވެފައިވެ އެވެ. އާބިޓްރޭޝަންގެ ނިންމުން ސަން ޓްރެވަލްއަށް ފޮނުވައި، ފައިސާ އަދާކުރާނެ ގޮތެއް ހުށަހަޅަން އެދުމުން، އަދީބަށް ސިޓީ ފޮނުވުމާ ހަމައަށް ވެސް، ސަން ޓްރެވަލްއިން އިޖާބަ ދީފައި ނުވާ ކަމަށް ސިޓީގައިވެ އެވެ. ހިލްޓަން އިން އެ ސިޓީގައި ބުނެފައި ވަނީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒުކުރުމަށް ރާއްޖޭގެ ކޯޓަކަށް ހުށަހަޅަން ބޭނުން ނުވަނީ ރިސޯޓް ހިންގުމަށް ވީ އެއްބަސްވުމުގެ މައުލޫމާތާއި ކަން ވެގެން ދިޔަ ގޮތް އާންމުންނަށް އެނގޭނެތީ ކަމަށެވެ. އަދި ފައިސާ ނުދައްކާ ލަސްވާ ނަމަ ބޮޑަށް ގެއްލުން ވާނީ ސަން ޓްރެވަލްއަށް ކަމަށާއި އެހެންވެ ކޯޓަށް ނުގޮސް ފައިސާ ދެއްކުމަށް ސަން ޓްރެވަލް އެއްބަސްކުރެވިދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެއީ ތަޖުރިބާކާރު އާބިޓްރޭޓަރުންގެ ވެސް ލަފާ ކަމަށް ހިލްޓަންގެ ސިޓީގައިވެ އެވެ.
އިރުފުށި ރިސޯޓް. -- ފޮޓޯ: އިރުފުށި
"ހޮސްޕިޓަލިޓީ އިންޑަސްޓްރީގައި އަޅުގަނޑު ހޭދަކުރި 30 އަހަރުގެ މުއްދަތުގައި، ސިޔާމް އަމަލުތައް ބެހެއްޓެވި ފަދަ ގޮތަކާ، ރިސޯޓެއްގެ ކަމެއްގައި ދުވަހަކު ވެސް ތަޖުރިބާކުރަން ޖެހިފައެއް އަދި އެފަދަ އަޑެއް ވެސް އިވިފައެއް ނުވެ އެވެ." ޝަކުވާގެ ސިޓީގައި ރިންކް ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި، ހިލްޓަން އިން އިރުފުށި ދޫކޮށް ދިއުމަށް ދިނީ 24 ގަޑިއިރުގެ މުހުލަތެކެވެ. އަދި ތަނާ ހަވާލުވުމުގައި އަމަލުކޮށްފައި ވަނީ ގެސްޓުންނާއި މުވައްޒަފުންނަށް ވެސް ބިރުވެރިކަން ލިބޭ ފަދަ ގޮތަކަށް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ކޯޓަށް ދާން ބޭނުން ނުވާ ކަމަށް ބުނެ މި ސިޓީ ފޮނުވި ފަހުން ހިލްޓަން އިން ވަނީ ކޯޓުން ބޭރުގައި ހައްލު ނުލިބުމުން ރާއްޖޭގެ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ ކޯޓުން މިދިޔަ ނޮވެމްބަރު މަހު ނިންމީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒުކުރެވޭނީ ހައި ކޯޓަށް ކަމަށެވެ. އެކަމަކު ހައި ކޯޓުން ހަދާފައިވާ ގަވާއިދު ބުނާގޮތުން އާބިޓްރޭޝަން ޓްރައިބިއުނަލްގެ ނިންމުން ތަންފީޒު ކުރާނީ ކޯޓުތަކުގެ ހުކުމްތައް ތަންފީޒު ކުރަން އޮންނަ އުސޫލުގެ މަތިންނެވެ.
މި މައްސަލަ މިހެން އޮއްވައި ސަން ޓްރެވަލްއިން ޑިސެމްބަރު މަހު ވަނީ، ހިލްޓަން އިން އެއްބަސްވުމުގައި ސޮއިކުރުވީ މަކަރާއި ހީލަތުން ކަމަށް ބުނެ އެއްބަސްވުން ބާތިލްކުރުމަށާއި ހިލްޓަންގެ ކިބައިން 16.6 މިލިއަން ޑޮލަރު ނަގައިދިނުމަށް އެދި ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އެ މައްސަލަ ކޯޓުގައި މިހާރުވެސް ކުރިއަށް އެބަދެ އެވެ.
އާބިޓްރޭޝަންގެ ނިންމުން ތަންފީޒުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ ހައި ކޯޓުގައި ވެސް ކުރިއަށް އެބަދެ އެވެ.
މައްސަލަތަކެއް ކުރިމަތިވިޔަސް ރާއްޖޭގެ މާކެޓް މުހިންމުކަން ހިލްޓަން އިން ފާހަގަކުރެ އެވެ. އެ ކުންފުނީގެ ސިޓީގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގައިވާ ހިލްޓަންގެ އިންވެސްޓްމަންޓްތަކުގެ ތެރެއިން ކޮންރެޑް ރަންގައްޔަކީ ކުންފުނީގެ އެންމެ ކާމިޔާބު އެއް ރިސޯޓެވެ.
"ދިވެހިރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ހުތުރު ނަމެއް ލިބޭނެ ކަމެއް ކުރިމަތިވާން ބޭނުން ނުވާ" ކަމަށް ސިޓީގައިވެ އެވެ.
ރިންކްގެ ސިޓީ ނިންމަވާލައްވާފައި ވަނީ، އިންޑަސްޓްރީއަށް އޮތް އިތުބާރު ދަމަހައްޓައި، ގެއްލުމެއް ކުރިމަތިވިޔަ ނުދިނުމަށް ހިލްޓަން އާއި ސަން ޓްރެވަލްގެ ފައިސާގެ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކުރުމަކީ ދެ ފަރާތަށް ވެސް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ވިދާޅުވަމުންނެވެ.
ސަން ޓްރެވަލްސް ގޮވައިގެން ސިންގަޕޫރު ސުޕްރީމް ކޯޓަށް
ސަން ޓްރެވަލްސް އަށް ބަދަލުދޭން ކުރި ހުކުމް ބާތިލް
އިރުފުށި މައްސަލަ ސަން ޓްރެވަލްސްއާ ދެކޮޅަށް ނިންމައިފި
ހިލްޓަންގެ 16 މިލިއަން ޑޮލަރުގެ މައްސަލަ ހުކުމަށް
ހިލްޓަންގެ "ކިއުރިއޯ ކަލެކްޝަން"ގެ ރިސޯޓެއް ހަދަނީ
ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރާނަން: ހިލްޓަން
ކޮންރެޑުގެ ވިލާތަކެއް މަރާމާތުކުރަން 3.2 މިލިއަން
ސަން ކުންފުނިން ހިލްޓަނަށް 31 މިލިއަން ޑޮލަރުދީފި
އަމީންގިރި ރިސޯޓު އަންނަ ޖުލައި މަހު ހުޅުވަނީ
އަމީންގިރި ރިސޯޓު ހިންގަން ހިލްޓަންއަށް