Roadha Mihaaru
އަމީންގިރި ރިސޯޓު ހިންގަން ހިލްޓަންއަށް

އަމީންގިރި ރިސޯޓް ހިންގަން ހިލްޓަންއަށް

17 ޖޫން 2021

ކ. ކޮއްދިއްޕަރު ފިނޮޅުގައި ތަރައްގީ ކުރާ އަމީންގިރި ރިސޯޓް ހިންގަން ހިލްޓަން އާ ހަވާލުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކ. ކޮއްދިއްޕަރު ފިނޮޅުގައި ތަރައްގީ ކުރާ އަމީންގިރި ރިސޯޓް ހިންގަން ހިލްޓަން އާ ހަވާލުކޮށްފި އެވެ.

ހިލްޓަންގެ ދަށުން އުފައްދާފައިވާ ބައެއް ބްރޭންޑުތަކުގެ ރިސޯޓުތައް މިހާރު ވެސް ރާއްޖޭގައި ވަނީ ހުޅުވައިފަ އެވެ. ނަމަވެސް "ހިލްޓަން މޯލްޑިވްސް އަމީންގިރި" ރިސޯޓު ހިންގާނީ އެ ކުންފުނީގެ އަމިއްލަ ނަމުގަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 15 މިނެޓުތެރޭގައި ދެވޭ މި ރިސޯޓުގައި 109 ވިލާ ހުންނާނެ އެވެ. ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލު ހުންނައިރު ރިސޯޓަށް ދާ ޓޫރިސްޓުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ރިސޯޓުން ލިބެން ހުންނާނެ ކަމަށް ހިލްޓަން އިން ބުނެ އެވެ.

މީގެ އިތުރުން މި ރިސޯޓުގައި އާއިލާއާ އެކު ދަތުރު ކުރާ މީހުންނަށް ހާއްސަކޮށްގެން ހަ ކޮތަރީގެ ބޮޑު ވިލާއެއް ވެސް ހަދާނެ އެވެ.

އަމީންގިރި ހޯލްޑިންސްއާ އެކު ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން ބޭރުގެ ނޫސްތަކަށް ހިލްޓަންގެ އޭޝިއާ އަދި އޮސްޓްރޭލިއާގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ގާއި ފިލިޕްސް ވިދާޅުވީ މިއީ ޕާޓްނާޝިޕް އެއްބަސްވުމެއް ކަމަށެވެ. އަދި ދެ ކުންފުނި ގުޅިގެން ހަދާ ރިސޯޓު ވެގެންދާނީ ދުނިޔޭގެ ވެސް އެންމެ ފެންވަރު ރަނގަޅު އެއް ރިސޯޓަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހިލްޓަންއާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މި އަހަރުގެ ފަހުކޮޅު މި ރިސޯޓު ހުޅުވާނެ އެވެ.

ހިލްޓަންގެ ބްރޭންޑުތަކުގެ ދަށުން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރޭގައި ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުއްޓާއި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑާއި ސާއި ލެގޫން ހިމެނެ އެވެ.