Roadha Mihaaru
ސަން ކުންފުނިން ހިލްޓަނަށް 31 މިލިއަން ޑޮލަރުދީފި

އާބިޓްރޭޝަންގެ އެންގުމާ އެއްގޮތަށް ސަން ކުންފުނިން ހިލްޓަނަށް 31 މިލިއަން ޑޮލަރު ދައްކައިފި

01 އެޕްރީލް 2024

ނ. އިރުފުށި ރިސޯޓް ހިންގުމާ ގުޅޭގޮތުން ސަން ޓްރެވަލްސް ކުންފުންޏާއި ރާއްޖެއިން ބޭރުގެ ހިލްޓަން ކުންފުންޏާ ދެމެދު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި އާބިޓްރޭޝަންގެ ނިންމުމާ އެއްގޮތަށް 31 މިލިއަން ޑޮލަރު (480 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ސަން ކުންފުނިން ހިލްޓަނަށް ދައްކައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނ. އިރުފުށި ރިސޯޓް ހިންގުމާ ގުޅޭގޮތުން ސަން ޓްރެވަލްސް ކުންފުންޏާއި ރާއްޖެއިން ބޭރުގެ ހިލްޓަން ކުންފުންޏާ ދެމެދު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި އާބިޓްރޭޝަންގެ ނިންމުމާ އެއްގޮތަށް 31 މިލިއަން ޑޮލަރު (480 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ސަން ކުންފުނިން ހިލްޓަނަށް ދައްކައިފި އެވެ.

އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަސު ސިޔާމް މުހައްމަދުގެ އިރުފުށި ހިންގުމުގެ މެނޭޖްމަންޓް އެއްބަސްވުން ސަން ކުންފުނިން 2013 ވަނަ އަހަރު ބާތިލްކުރި މައްސަލާގައި ސިންގަޕޫރު އާބިޓްރޭޝަނުން ވަނީ 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސަން ކުންފުނީގެ މައްޗަށް އަމުރުކޮށްފަ އެވެ. ނަމަވެސް އެ ފައިސާ ނުދައްކާތީ ހިލްޓަނުން ރާއްޖޭގެ ކޯޓުތަކުގައި އެ ނިންމުން ތަންފީޒުކުރަން މަސައްކަތްކުރި އެވެ.

ސަން ޓްރެވަލްސްއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އާބިޓްރަލް އެވޯޑާއި އިންޓްރެސްޓް ހިމެނޭ ގޮތަށް 31 މިލިއަން ޑޮލަރު އެ ކުންފުނިން ހިލްޓަނަށް ދައްކާފައިވާ ކަމަށެވެ. ގާނޫނީ ހަރަދާއި އެހެނިހެން ވެސް ގޮތުގައި އެ ކުންފުނިން 5.6 މިލިއަން ޑޮލަރު ހޭދަކުރަން ޖެހުނު ކަމަށް އެ ބަޔާނުގައިވެ އެވެ.

ސަން ޓްރެވަލްސްގެ ބަޔާނުގައިވާ ގޮތުން ހިލްޓަނާ އެކު ހެދި އެއްބަސްވުން ބާތިލްކުރަން ޖެހުނީ އިރުފުށި ރިސޯޓް ހިންގައިގެން ލިބޭނެ ކަމަށް ހިލްޓަން ކުންފުނިން ބުނެފައިވާ އާމްދަނީ ނުލިބި، ހަރަދު ބޮޑުކޮށް ރިސޯޓް ހިންގަން ޖެހުމުންނެވެ. އެ ރިސޯޓް ހިންގުމަށް ހިލްޓަނުން އެއްވެސް ހަރަދެއް ނުކުރާ ކަމަށާއި ހުރިހާ ފައިސާއެއް ހަރަދުކުރީ ސަން ޓްރެވަލްސް ކުންފުނިން ކަމަށް އެ ބަޔާނުގައިވެ އެވެ. އެއްބަސްވުން ބާތިލްކުރީ ސަން ކުންފުނިން ބަނގުރޫޓްވުމުން ސަލާމަތް ކުރުމަށްޓަކައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އެގްރިމެންޓް ބާތިލް ކުރުމަށް ނިންމި ނިންމުމަކީ ބޭންކްރަޕްޓް ވަމުން ދިޔަ ކުންފުންޏެއް ސަލާމަތް ކުރުމަށްޓަކައި ކުރަން ޖެހުނު ކަމެކެވެ. އެއީ ސަންގެ މަސްލަހަތު ރައްކާތެރިކޮށް، ކުންފުނީގެ ތަސައްވުރު ނަގަހައްޓައި، ދެމެހެއްޓުމަށް ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅެކެވެ،" އެ ބަޔާނުގައިވެ އެވެ.

ސަން ޓްރެވަލްސް އިން ބުނިގޮތުގައި، ރިސޯޓް ހިންގައިގެން ލިބޭނެ ކަމަށް ހިލްޓަނުން ލަފާކުރި އާމްދަނީ ނުލިބުމުން ސަން ކުންފުނިން ދައުލަތުގެ އިދާރާތަކަށް ފައިސާ ދެއްކީ ވެސް ސަންއާ ގުޅުން ހުރި އެހެން ކުންފުނިތަކުގެ އެހީތެރިކަމާ އެކު އެވެ. އޭގެ ސަބަބުން ކުންފުނީގެ ލޯނުތައް ރީޝެޑިއުލް ކުރުން ފަދަ ފިޔަވަޅުތައް އަޅަން ޖެހުނު ކަމަށާއި ނަމަވެސް ސަންގެ ފައިސާ އިން ހިލްޓަނުން ރިސޯޓް ހިންގަމުން ދިޔައީ އިސްރާފު ބޮޑުވާ ގޮތަށް އަދި އެކަށީގެން ނުވާ އަގުތަކުގައި ތަކެތި ހޯދައިގެން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވަނީ ހިލްޓަންގެ އަމަލުތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސަން ކުންފުނިން އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަށްޓަކައި ގާނޫނީ ފަރުވާތައް ހޯދުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް ބުންޏެވެ.

ހިލްޓަނަށް ފައިސާ ނުދިން މައްސަލާގައި އެ ކުންފުނިން ރާއްޖޭގެ ކޯޓުތަކަށް ގިނަ މައްސަލަތަކެއް ހުށަހެޅި އެވެ.