Roadha Mihaaru
ސަންއަށް ބަދަލު ދޭން ކުރި ހުކުމް ބާތިލްކުރީ ރަނގަޅަށް

ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރު ދޭން ހިލްޓަންގެ މައްޗަށް ކުރި ހުކުމް ބާތިލްކުރީ ރަނގަޅަށް: ސުޕްރީމް ކޯޓް

23 އޯގަސްޓް 2021

ނ. އިރުފުށި ރިސޯޓް ހިންގުމުގެ މައްސަލާގައި ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރު ދައްކަން ހިލްޓަންގެ މައްޗަށް ކުރި ހުކުމް ބާތިލްކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނ. އިރުފުށި ރިސޯޓް ހިންގުމުގެ މައްސަލާގައި ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރު ދައްކަން ހިލްޓަންގެ މައްޗަށް ކުރި ހުކުމް ބާތިލްކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އިރުފުށި ހިންގުމުގެ މައްސަލާގައި ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން 2016 ގައި ހުކުމް ކުރުމުގެ ކުރިން ސިންގަޕޫރުގެ އާބިޓްރޭޝަނުން އޮތީ ހިލްޓަންއަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ދައްކަން ސަން ޓްރެވަލްސްގެ މައްޗަށް އަމުރުކޮށްފަ އެވެ. ހިލްޓަންގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިދިޔަ އަހަރު ވަނީ ބާތިލްކޮށްފަ އެވެ.

ހައި ކޯޓުގެ ހުކުމް ސަން ޓްރެވަލްސްގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހިލްޓަންގެ ފަރާތުން އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅުމުން އާބިޓްރޭޝަންގެ ހުއްދަ ނެތި އިތުރު އެއްވެސް ދައުވާއެއް ނުކުރަން ހިލްޓަން އާއި ސަން ޓްރެވަލްސްގެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ. އަދި އާބިޓްރޭޝަނުން ވަކި ގޮތެއް ނިންމުމުން ދެން އޮންނާނީ އާބިޓްރޭޝަންގެ ނިންމުމަށް އަމަލު ނުކޮށް، އާބިޓްރޭޝަންގެ ބޭރުން މައްސަލަތައް ހުށަނޭޅޭ ގޮތަށް ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ އާބިޓްރޭޝަނާ ބެހޭ ގާނޫނާއި އާބިޓްރޭޝަނާ ގުޅޭ ބޭރުގެ އުސޫލުތަކަށް ބަލާއިރު، ހައި ކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށް ބަލަންޖެހޭ ސަބަބުތަކެއް ދެއްކިފައިނުވާ ކަމަށެވެ. އެހެންވެ، ހައި ކޯޓުގެ ހުކުމް ރަނގަޅު ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އައިޝާ ޝުޖޫންގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އުއްތަމަ ފަނޑިޔާރެވެ.