Roadha Mihaaru
ދަރިވަރު މަރާލުމުން ބޮޑު ވަޒީރަށް ވެސް ޝޮކެއް

އިސްލާމް ދީނަށް ފުރައްސާރަކުރި ދަރިވަރު މަރާލުމުން ބޮޑު ވަޒީރަށް ވެސް ޝޮކެއް

16 އެޕްރީލް 2017

އިސްލާމްއާބާދު (އެޕްރީލް 16) - އިސްލާމް ދީނަށް ފުރައްސާރަ ކުރި ޕާކިސްތާނުގެ ޔުނިވާސިޓީއެއްގެ ދަރިވަރަކު އެ ޔުނިވާސިޓީގެ އެހެން ދަރިވަރުން ހަމަލާދީ މަރާލި ޚަބަރު ލިބިވަޑައިގަތުމުން ވަރަށް ދަރަވެ، ޝޮކެއް ލިބިވަޑައިގެންނެވި ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (އެޕްރީލް 16) - އިސްލާމް ދީނަށް ފުރައްސާރަ ކުރި ޕާކިސްތާނުގެ ޔުނިވާސިޓީއެއްގެ ދަރިވަރަކު އެ ޔުނިވާސިޓީގެ އެހެން ދަރިވަރުން ހަމަލާދީ މަރާލި ޚަބަރު ލިބިވަޑައިގަތުމުން ވަރަށް ދަރަވެ، ޝޮކެއް ލިބިވަޑައިގެންނެވި ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.

ބޮޑު ވަޒީރު ވިދާޅުވީ މި ބާވަތުގެ ކަންކަން ބަލައި ނުގަނެވޭނެ ކަމަށާއި ރައްޔިތުން އަމިއްލަ އަށް ގާނޫނު ތަންފީޒް ނުކުރެވޭނެ ކަމަށެވެ. ބުރާސްފަތި ދުވަހު ހިންގި ހާދިސާއާ ގުޅިގެން ނަވާޒް ޝަރީފް ނެރުއްވި ބަޔާނުގައި ވަނީ އެ ހާދިސާ ކުށްވެރި ކުރައްވައިފަ އެވެ. މި ބާވަތުގެ އަމަލުތައް ކުށްވެރި ކުރުމަށް ގައުމުގެ އެންމެހާ ރައްޔިތުން އެކަތިގަނޑަކަށް ވުމަށް ވެސް އެމަނިކުފާން ވަނީ އެދިވަޑައިގެންފަ އެވެ.

އުތުރުގެ މަރްދާން ސިޓީގެ އަބްދުލް ވަލީ ޚާން ޔުނިވާސިޓީގައި ނޫސްވެރިކަން ކިޔަވަމުން ދިޔަ ދަރިވަރު މަރާލީ ޔުނިވާސިޓީގެ އެހެން ދަރިވަރުން ހަމަލާދީ އެވެ. މީހަކު މެރުމާއި ޓެރަރިޒަމްގެ ދައުވާ ވަނީ އަށް ކުއްޖެއްގެ މައްޗަށް އުފުލާފައި ކަމަށް އޮފިޝަލުން ބުންޏެވެ. ހަމަލާގެ ތުހުމަތުގައި 12 ދަރިވަރަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އިތުރު ދަރިވަރުން ދަނީ ހޯދަމުންނެވެ.

ޕާކިސްތާނުގައި މަރާލި ދަރިވަރު އުޅުނު ކޮޓަރި.

ޕާކިސްތާނުގައި މަރާލި ދަރިވަރު އުޅުނު ކޮޓަރި.

މަރާލި ދަރިވަރު މަޝާލް ޚާންގެ މިނިވަން ޚިޔާލާ މެދު އެހެން ދަރިވަރުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭ ކަމަށްވެ އެވެ. ދަރިވަރު މަރާލި ދުވަހު ވެސް އޭނާ އާއި އެހެން ކުދިންނާ ދެމެދު ކްލާހުގައި ހޫނު ޒުވާބެއް ހިނގި ކަމަށްވެ އެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ ޕާކިސްތާނުގައި ބޮޑު ކުށެކެވެ. ދަރިވަރުގެ ކަށު ނަމާދު ބާއްވަން ގެންދިޔަ މިސްކިތުގެ އިމާމް ވެސް ވަނީ އޭނާގެ މައްޗަށް ކަށު ނަމާދު ކުރަން ދެކޮޅު ހަދައިފަ އެވެ.

ބޮޑު ވަޒީރު ނަވާޒް ޝަރީފް މިދިޔަ މަހު ވަނީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ މައާފް ނުކުރެވޭނެ ކުށެއް ކަމަށް ވިދާޅުވެފަ އެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށްގެން 1990 ވަނަ އަހަރުގެ ފަހުން ޕާކިސްތާނުގައި 65 މީހުން މަރާލާފައިވާ ކަމަށްވެ އެވެ.